ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރު ބާތިލް ކުރުމަށާއި ދެ އިންތިހާބު އެއްކޮށްލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުން ފަސްކޮށްދިނުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދި އެމްޑީޕީން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

އެ ޕާޓީން ޖުޑީޝަލް ރިވިއުގެ ދައުވާއެއްގެ ގޮތުގައި ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ރައީސް ނެރުއްވި ގަރާރު އޮތީ، ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނަށް ގެނައި ބަދަލާ ހިލާފަށް ކަމަށެވެ. އެހެންކަމުން ގަރާރުގައި ގާނޫނީ ހައިސިއްޔަތު ނެތް ސަބަބަށްޓަކައި އެ ގަރާރު ބާތިލްވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދިފައި ވެއެވެ.

ހަމައެއާއެކު އެ ގަރާރު ބާތިލްކުރުމުގެ މައްސަލަ ކޯޓުން ނިމެންދެން އޭޕްރީލް 4 ވަނަ ދުވަހު ނަގަން ނިންމާފައިވާ ފެންނަ ނުފެންނަ ވޯޓު ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް ވެސް އެދިފައި ވެއެވެ.

އެމްޕީޑީން ހުށަހެޅި މައްސަލައިގައި ފާހަގަކޮށްފައިވާ ކަންކަން:

  • ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުން ލިބޭ ކެމްޕެއިން ކުރުމުގެ ހައްގު ހަނިވުން
  • އިންތިހާބުތަކާއި އާންމުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓުތަކުގައި ވޯޓުދިނުމުގެ ހައްގަށް އުނިކަން އައުން
  • ސިފައިންގެ އެންމެ މަތީ ވެރިއަކީ ރައީސްކަމަށް ކަނޑައަޅާފައި ވަނިކޮށް، ދައުލަތުގެ އެންމެމަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސް އެ ވާޖިބު އަދާކުރަން އިހުމާލުވެފައިވުން

އެމްޑީޕީން ބުނީ އާއްމުންގެ ހިޔާލު ހޯދުމުގެ ވޯޓުން ލާޒިމްކުރާ ފަދަ މައުލޫމާތު ކަރުދާހެއް، ރައީސްގެ ގަރާރާ އެކު ހިމަނާފައިނުވާތީ އަދި އޭގެ ފަހުން ވެސް އެކަންކަން ތަފްސީލުކޮށްފައި ނުވާތީ، ކެމްޕެއިން ކުރަން އެމްޑީޕީއަށް ލިބިފައިވާ ހައްގު ހަނިވާ ކަމަށެވެ. އަދި ވަގުތީ އަމުރު ނުނެރެ ދައުވާ ލަސްވެގެން ހިނގައްޖެ ނަމަ، ދައުވާކުރާ ފަރާތަށް ސިޔާސީ ގޮތުން ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ވެސް ބުނެފައި ވެއެވެ. އަދި ގަރާރު ބާތިލް ކަމަށް ކޯޓުން ކަނޑައަޅާ ހާލަތުގައި އެ މައްސަލައިގެ ވޯޓާ ގުޅޭ ކެމްޕެއިނަށް ކުރާ ހަރަދުތަކުގެ ސަބަބުން އިއާދަ ނުކުރެވޭ މާލީ ގެއްލުމެއް ލިބިދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ދެ އިންތިހާބު އެއްކޮށްލުމާ ބެހޭ ވޯޓު ނެގުމާ ދެކޮޅަށް މަސައްކަތް ކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން މިދިޔަ ހަފުތާގައި ވަނީ ފާސްކޮށްފައެވެ.