މާލޭގެ ބޮޑުތަކުރުފާނު މަގު ބްރިޖް ލައިޓް ކައިރިން ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ޕޭމެންޓް މައްޗަށް އަރާ ރޭ ހިނގާދިޔަ ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ކުއްޖާ ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ، ރޭ ދަންވަރު 1:30 އެހާއިރު ހިނގި މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން 19 އަހަރުގެ ފިރިހެންމީހާ އާއި ފަހަތުގައި އިން 16 އަހަރުގެ ކުއްޖާއަށް އަނިޔާވެގެން ހޮޮސްޕިޓަލަށް ގެންދިޔަ ކަމަށާއި 16 އަހަރުގެ ކުއްޖާ ނިޔާވެފައިވާ ކަމަށެވެ.
ސައިކަލް ދުއްވަން އިން މީހާއަކީ ސައިކަލް ދުއްވުމުގެ ލައިސަންސް ނޯންނަ މީހެއް ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައި ވެއެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑީއޯއިން ފެންނަ ގޮތުގައި އެކްސިޑެންޓުވި ގޮތަށް ކުއްޖާ ވެއްޓިފައިވަނީ ޕޭމަންޓު މައްޗަށެވެ. އޭރުވެސް ބަޔަކު ކުއްޖާ ކައިރި ހަރަކާތްތެރިވަމުންދިޔައިރު ގިނަ އަދަދެއްގެ ލޭތައް ޕޭމަންޓު މަތީ ހުއްޓެވެ.
މި ރަމަޟާން މަހު އެކްސިޑެންޓުތައް ހިނގާ މިންވަރު އިތުރުވެފައިވާއިރު ނިމިދިޔަ ހަފްތާގައި ވެސް 41 އެކްސިޑެންޓު ހިނގާފައިވާ ކަަމށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
