ޒޯއީއާ އެކީ މައްޗަށް އަރަން އުޅުމުގެ ތެރޭގައި މެހެކްގެ އަތުގައި އޮތް މާ ބިންމައްޗަށް ވެއްޓުމުން ތިރިއަށް ބަލާލިއެވެ. އެމާ ވަޔާއެކީ އެނބުރެމުން އައިސް ބިންމަތީ ޖެހެނު މަންޒަރަށް ބަލަންހުރެ މެހެކް ތުން ފިއްތާލިއެވެ.

*** *** *** *** *** ***

"މަންމީ... މަންމީ... އަޅެ ޝާޔާ މާމަ ކައިރިއަށް ދާން ބޭނުމޭ ބުނީމެއްނު... ކޮން އިރަކުން މާމަ ގެއަށް ދާނީ... ދޮންތި ވެސް ނެތް.." ޝާޔާ ބޮޑާ ހާކަމުން ދިޔައީ ގޭތެރެއިން ޝީން ފެންނަން ނެތުމުންނެވެ. ނައުރީން ބޭރަށް ދާކަށް ބޭނުމެއް ނުވިއެވެ. އެހެންކަމުން މަންޝާގެ ކޮޓަރި ދޮރުގައި ޓަކި ޖަހާލީ މަންޝާގެ ހާލު ބަލާށެވެ.

ދޮރު ހުޅުވާލަމުން މަންޝާ ބޭރަށް ނިކުތްއިރު އޭނާގެ މޫނުމަތިން ތާޒާކަމާއި އުފާވެރިކަން ފެންނަމުން ދިޔައެވެ. ރީތިވެގެން ހުރި ޝާޔާ ފެނުމުން އެ ކުއްޖާ އުރާލަމުން ކޮލަށް ބޮސްދިނެވެ. "މަންޝާ... ކިހިނެއްތަ ބޮލުގަ ރިހުން... މިހާރު ރަނގަޅުތަ؟.." އަހަން ނުކެރިފަ ހުރެ އަހާފަދައަކުން ނައުރީން ސުވާލުކޮށްލިއެވެ.

"އާން... އެ ބޭސް ކެއިފަހުން ވަރަށް ރަނގަޅު... ކިހިނެއްވީ؟.. ތާކަށް ދާންތަ ތިއުޅެނީ..." ޝާޔާގެ ބޮލުގައި ފިރުމާލަމުން މަންޝާ ސުވާލުކޮށްލީ އެމަންޖެ ރީތިކޮށްލާފަ ހުރުމުންނެވެ. މަންޝާގެ ބޮލުގެ ރިހުން ރަނގަޅުކަން އެނގުމުން ނައުރީނަށް ހިތްހަމަޖެހުމެއް ލިބުނެވެ.

"އަހަރެން މީނީ ފެންވެސް ނުވަރާ... މި މަންޖެ އަހަރެން މަންމަ ގެއަށް ގެންގޮސްދީފާނަންތަ... މަ ހުންނާނެ ދަބަހަށް އެއްޗެހި އަޅާ ޕެކްކޮށްފަ... ތިން ދުވަހަށް ޝާޔާ އެގޭގަ ބަހައްޓަން މި ފޮނުވަނީ.. މަންމަ ކިޔާވަރުން..." ނައުރީން ދަބަސް ބަލާ ކޮޓަރިއަށް ދިއުމުން ޝާޔާ މެއާލާ ބޮނޑިކޮށްލަމުން މަންޝާ ވާހަކަ ދެއްކިއެވެ.

"ތެދެއް... މާމަ ގެއަށް ނުދެވިގެންތަ މިއުޅެނީ... ހިނގާ ދާން... ކޮން މަގަކުން ދާނީ... އަތިރިމަގުންތަ؟.." ޝާޔާ އުފަލުން ބޯޖަހާލަމުން މަންޝާގެ ގައިގާ ބައްދާލިއެވެ.

ކޮނޑުގައި އަތްދަބަސް އަޅުވައިގެން ހުރެ ޝާޔާއާ އެކީ މަންޝާ ދިޔަ ދިމާއަށް ބަލަން ނައުރީން ހުރީ ހަށަން ބަނދެލައިގެންނެވެ. އެމީހުން ދިއުމުން ނައުރީން ގޭތެރެއަށް ވަދެ ބޮލުގައި އަޅާފައިވާ ބުރުގާ ބޭލުމަށްފަހު މޫނުމަތިން ދެފަރާތުން ވެއްޓިފައިވާ ކުދި އިސްތަށިތައް މައްޗަށް އަރުވާލިއެވެ. ހޫނުގަދަވުމުގެ ސަބަބުން ނައުރީންގެ އިސްތަށިގަނޑު ވަނީ ދަލުން ތެމި ފޯވެފައެވެ. ބޮލު ތެރެއަށް އަތްލާ ކަހާލުމަށްފަހު ނައުރީން ފޯނު ނަގާ އިބުޒީމާގެ ނަންބަރަށް ގުޅާލީ ކޮޓަރީގެ ދޮރު ހުޅުވާލަމުންނެވެ.

*** *** *** *** *** ***

"ކިހިނެއްވީ؟.. މަބުނި ގޮތަށް ކަންތައް ކޮށްފިންތަ؟..." ގަސްތަކަށް ފެން ދޭން ހުރި އިބްޒީމާ ވާހަކަ ދެއްކީ ފޯނުން އޭނާއަށް ގުޅައިގެން ހުރި ނައުރީންއާއެވެ.

"އާން...އެކަން ކޮށްފިން... ވާހަކަ އެއް އަހާލަން މިގުޅީ..." ނައުރީން ބިރުން ހުރީ އިބްޒީމާ ބުނާނެ އެއްޗެއް ނޭނގޭތީއެވެ. "ހޫން ކިޔާބަލަ... ކޮންމެ އެއްޗެކޭ ބުނުމުގެ ކުރިން ހަމަ ތިހާ ވަރަށް ހުއްދަ ހޯދަން ޖެހޭތަ؟..." އިބްޒީމާ އަޑު ބާރުކޮށް ވާހަކަ ދެއްކުމުން ނައުރީން ޖެހިލުންވިއެވެ. އިބްޒީމާއަކީ ހިތްހަމަނުޖެހިއްޖިއްޔާ މީހަކާ ދިމާއަށް ކޮންމެފަދަ އެއްޗެއް ވެސް ބުނަން ފަސްނުޖެހޭނެ މީހެއްކަން ނައުރީންއަށް އެނގެއެވެ. ވާހަކަ ނުދައްކާ އިރުކޮޅަކު މަޑުކޮށްލެވުނީ ކީއްވެކަމެއް ނައުރީންއަކަށް ނޭނގެއެވެ.

"ވާހަކަ ނުދައްކަންޏާ ފޯނު ކަނޑާލަނީ..." އިބްޒީމާ އަށް އެހިސާބަށް ބުނެވުމާއެކު ނައުރީން އޭނާ ދައްކަން ބޭނުންވެގެން އުޅުނު ވާހަކަ ހިއްސާކުރިއެވެ. "ވަރަށް ހޫނުވާތީ މިއުޅެނީ... ބޯ ނުދޮވެ ކެތެއް ނުވާނެ... ހުޅި ނައްޓާފަ އަލުން ހަރުކުރިއަސް އޯކޭ ވާނެތަ؟..."

ގަސްތަކަށް ފެންޖަހަން ގެންގުޅުނު ހޮޅި ބިންމައްޗަށް ދޫކޮށްލުމަށްފަހު އިބްޒީމާ އިސްކުރު ބާރުކޮށްލަމުން ފުން ނޭވާއެއް ބޭރުކޮށްލިއެވެ. "މަބުނިން ދޯ ތިން ދުވަސް ވަންދެންނޭ.. މަބުނިހެން ކަން ނުކޮށްފިއްޔާ ކަލެއަށް ތިކަމުގެ މުސީބާތް ޖެހޭނެއޭ ވެސް ބުނިންދޯ.. ދެން ކޮންހާ ބަހަނާއެއް ދައްކާކަށް... ކަލޭ ބުނެގެން ދޯ އަހަރެން މިހުރިހާ ކަމެއް މިކުރަނީ.. މަބުނާ ގޮތަށް ކަންކަން ނުވަންޏާ ދެން މަގޭ ކައިރިއަށް އައިސްގެން ނުވާނެ... ކޮންހާ ހާސަރުބޮނޑިއެއް ދަމާކަށްތަ؟ ބަލާވެރިކަން ޖައްސާކަށް..." އިބްޒީމް ފޯނު ކަނޑާލުމަށްފަހު ކުދި ކިޔަމުން ގަސްތަކުގެ ތެރެއިން ނިކުމެ ގޭގެ ފެންޑާތެރެއަށް ބަލާލިއެވެ.

*** *** *** *** *** ***

ޝާޔާއާ އެކީ އަތިރިމަގުން ދިޔައިރު އެކި ފަހަރުމަތިން ޝާޔާގެ އެދުމަށް ތަންތަންކޮޅަށް މަޑުކުރަން ޖެހުނެވެ. ދޮންވެލިގަނޑު މަތިން ފެންނަ ރީތި ބޮލިތައް އޭނާ ހޮވަމުން ދިޔަ ވަރަކަށް އެއިން ކޮންމެ ބޮއްޔެއް ސާފުކޮށްލުމަށްފަހު މަންޝާގެ އަތުގައި އޮތް ޕްލާސްޓިކް ކޮތަޅަށް ލިއެވެ. ރާޅުޖަހާ ހިސާބަށް ބަލަން ހުރުމަށް ފަހު ޝާޔާގެ އަތުގައި ހިފާ މަންޝާ ދަމައިގަތެވެ. "ހިނގާ ގޭމެއް ކުޅެން..." މަންޝާގެ އެދުމަށް ޝާޔާ ބޯ ޖަހާލީ ހެވި ދިލިފައި ހުރެއެވެ.

ރާޅުޖަހާ ހިސާބަށް ފޭބުމަށްފަހު ގޮނޑުދޮށަށް ބީއްސަމުން ދިޔަ ރާޅުގަ ނުޖެހި ދެމީހުން އެކީގައި ފަހަތަށް ޖެހުނެވެ. ލޮނުގަނޑު ބޭރަށް ދަމާލުމުން ޝާޔާއާ އެކީ މަންޝާވެސް ރާޅުގެ ފަހަތުން ކުރިއަށް ޖެހިލައެވެ. ލޮނުގަނޑުގަ ނުޖެހި މިހެން ދުވެދުވެ ވަރުބަލިވުމުން ދޮންވެލިގަނޑުމަތީ މަންޝާ އިށީނެވެ.

"އަދި ހިނގާބަލަ ޕްލީސް.. ވަރަށް މަޖާ..." މަންޝާގެ އަތުގައި ހިފާ ލުކިޖަހަމުން ޝާޔާ އާދޭސްކުރަމުން ދިޔައީ އަދި އެއްފަހަރު އެ ގޭމް ކުޅެން އެދެމުންނެވެ. ވަރުބަލިވެފައި ހުރިލެއް ބޮޑުކަމުން މަންޝާ ދެއަތަށް ބޯހޫރާލިއެވެ. "މިހާރު މާ ލަސްވެއްޖެ... އެއޮއް އިރުއޮއްސެނީ.. ދެން ރެސްޓް ކޮށްލާފަ ހިނގާ މާމަ ކައިރިއަށް ދާން..." މަންޝާ ގައިގަ ހުރި ވެލިތައް ފޮޅާލަމުން ދޮންވެލިގަނޑުމަތިން ތެދުވެ ޝާޔާއާ ދިމާއަށް ބަލާލީ އެކުއްޖާގެ ފަރާތުން ޖަވާބެއް ނުލިބުމުންނެވެ. އެއްގަމުން ފެންނަން ހުރި ގަސްތަކާ ދިމާއަށް ކަޅިޖަހާނުލާ ޝާޔާ ބަލަން އިނުމުން މަންޝާ ހިނިގަނޑެއް ޖަހާލިއެވެ.

"ދަރިފުޅު ރުޅިއައީތަ؟.. މާމަ ގެއިން އައިއްސަ އެއްދުވަހުން ވާނެ ދޮންތިއާ އެކީ މިތަނަށް ޕިކްނިކް އަންނަން.. އެދުވަހުން ޝާޔާ ބޭނުންވަރަކަށް ކުޅެވޭނެއްނު.. މާމައަށް ދޭން އަދި މާރިތި ބޮލިވެސް ހޯދޭނެއްނު.. ދެން ހިނގާ ދާން..." މަންޝާ އެތައް ވާހަކައެއް ދެއްކުމުންވެސް ޝާޔާ އެހުރި ފިޔަވަޅު މަތިން ގުޑިނުލާ އެއްދިމާއަކަށް ބަލަން ހުރުމުން މަންޝާ ޖެހިލުންވިއެވެ.

"ކިހިނެއްވީ؟... ހިނގާ ދާން..." ޝާޔާގެ އަތުގައި ހިފަމުން މަންޝާ ވާހަކަ ދެއްކީ ގަސްތަކާ ދިމާއަށް ބަލަމުންނެވެ. މަޑުމަޑުން ޝާޔާގެ ކަނާއަތް އުފުލާލަމުން ގަސްތަކާ ދިމާއަށް އިޝާރަތްކުރިއެވެ. އެދިމާއަށް ބަލާލުމަށްފަހު ޝާޔާގެ މޫނަށް މަންޝާ ބަލާލީ ޗުސް ކަނޑާލަމުންނެވެ.

"ކުޑަ މަންމީ... ބަލާބަލަ.. އެހެރި ބޮޑު ޒޮމްބީއެއް.. ޝާޔާމެންނާ ދިމާއަށް ބަލަން.. ރެޑް ލޮލެއް ލާފަ ހުރީ..." ޝާޔާގެ އަޑުން އެމަންޖެ ހުރީ ބިރުގެންފައިކަން މަންޝާއަށް އެނގުނެވެ. ޝާޔާ އިޝާރާތްކުރަމުން ދިޔަ ދިމާއަށް މަންޝާ ބަލާލީ ބިރުން ހުރެއެވެ.

ގަސްތަކާއި ދިމާއަށް ޖެހިލުންވެ ހުރެ މަންޝާ ބަލާލި ނަމަވެސް އޭނާއަށް އެތަނުން އެއްވެސް އެއްޗެއް ނުފެނުނެވެ. ގުޑިލަން ވެސް ނުކެރިފައި ޝާޔާ ހުރުމުން މަންޝާ އަވަހަށް އެ މަންޖެ އުރާލައިގެން އެއްގަމާ ދިމާއަށް ދާން ހިނގައިގަތީ ވަށްކަޅިން ގަސްތަކާ ދިމާއަށް ބަލަމުންނެވެ.

*** *** *** *** *** ***

ލައިގެން ހުރި ގަމީހުގައި އަތް ކާއްތަމުން ޟިރާރު ބޭރަށް ނިކުންނަން ދިޔަތަން ފެނި އާމިނަ ހިނިތުންވެލިއެވެ. "ކޮންތާކަށް ދާން ތިއުޅެނީ؟.. މިހާރު ތެޔޮ ދަމާކަށް ވެސް ނޫޅެމެއްނު... ކީއްވެތަ ފަރުވާކުޑަ ކުރަނީ؟... ހައްވައްތަ ބުންޏެއްނު ތެޔޮ ދަމަންޏާއޭ އަވަހަށް ރަނގަޅުވާނީ.." އެއްކޮށްފައި ހުރި ކުނިތައް ގޯންޏަކަށް އަޅަމުން އާމިނާ ވާހަކަ ދެއްކީ ޟީރާރުގެ އަތަށް ކުރަމުންދާ ބޭސްފަރުވާއަށް އޭނާ ފަރުވާކުޑަ ކުރާކަން އެނގޭތީއެވެ.

"ތި ތެލެއް ދަމައިގެން ރަނގަޅުވާނަމަ ވާހާ ދުވަސް ވެއްޖެ ދޯ.. ދެން މަގޭ ގަޔަކު ތި ތެލެއް ދަމާކަށް ލާހިކެއް ނޫން..." ދެބުމަގޮށް ޖަހައިގެން ހުރެ ޟިރާރު ވާހަކަ ދައްކަމުން ދިޔައީ އާމިނަ ބުނިކަމަށް އިންކާރު ކުރަމުންނެވެ.

"ދެން ތިބުނީ ރަނގަޅު ނުވިޔަސް ވަރިހަމައޭތަ؟..." އާމިނާ ހިންދެމިލަމުން އެ ގޯނި ގެންގޮސް ފާރު ކައިރީ ލައްކޮށްލިއެވެ.

"އަހަރެން އެހެންކަމެއް ކުރަން މިއުޅެނީ... މަށަށް ރަނގަޅީ މިކަމާ އާމިނާ ނުބެހުނިއްޔާ..." ޟިރާރު ވާހަކަ ދައްކަމުން ގެއިން ނިކުމެގެން ދިޔައީ އާމިނާގެ ޖަވާބަކަށް ބަލާލުމެއް ނެތިއެވެ. ޟިރާރު ދިޔަ ދިމާއަށް ބަލަން ހައިރާންވެފައި އާމިނާއަށް ހުރެވުނީ އެބުނި އެއްޗެއް ރަނގަޅަށް ސާފު ނުވުމުންނެވެ. ވިސްނުމަކަށް ގެއްލިފައި ހުރި އާމިނާގެ ސިކުނޑީގައި ކޮއްޓާލި ކަހަލައެވެ. އާމިނާގެ މޫނުމައްޗަށް ހާސްކަމުގެ ކުލަވަރު ފެތުރިގެން ދިޔައީ، ޟިރާރު ކޮށްފާނެ ކަމެއް އޭނާގެ ހިތަށް އެރުމުންނެވެ.

*** *** *** *** *** ***

"އެއީތަ އަތް ބަޅޭއަކީ..." މަގުގެ އެއްފަރާތެއްގައި ހުރި ދެ އަންހެން ކުދިންތަކުގެ ތެރެއިން ކުއްޖަކު އެހެން ބުނެލި އަޑަށް ޟިރާރުގެ ފިޔަވަޅު މަޑުކޮށްލިއެވެ. ފަސްއެނބުރި ޟިރާރު ބަލާލަންވާ އިރަށް އެ ދެކުދިން ދުވެފައި ގޮސް ޖެހިގެން އޮތް ގޯޅިއަށް ލަނބާލައިފިއެވެ. ކުދި ކިޔަމުން ޟިރާރު ކުރިއަށް ހިނގައިގަތް އިރު އޭނާގެ ނުކުޅެދޭ އަތުގައި ފިރުމާލިއެވެ. މީހުންގެ މަލާމާތާ ފުރައްސާރަ ނުޖެހޭ ދުވަހެއް މަދެވެ. އެހެންކަމުން ގިނަ ފަހަރު ޟިރާރު ހުންނަނީ އެކަމާ ރުޅި ގަދަވެފައެވެ.

އެކި މީހުންގެ ފަރާތުން އިވެމުންދާ މަލާމާތުގެ ބަސްތައް ޟިރާރުގެ ސިކުނޑިތެރޭ ވަށާލުމުން އޭނަގެ ފިޔަވަޅު މަޑުކޮށްލިއެވެ. ކައިރިން ފެންނަން ހުރި ގެއެއްގެ އަށިމަތީ އިށީންނުމަށްފަހު މަގުމަތީ ހިނގާބިނގާވެ އުޅޭ މީހުންތަކާއި ދިމާއަށް ނަޒަރު ހުސްކޮށްލިއެވެ. އިބްޒީމާ އާއި ޟިރާރާ ދެމެދު ދެކެވުނު ވާހަކަތައް ހަނދާންވުމުން، އިބްޒީމާ ބޭނުންވާ ކަހަލަ ބަލި މީހަކު ހޯދަން އޭނާ ބޭނުން ވިއެވެ. އެފަދަ މީހަކު ހޯދުމުގެ ބޭނުމުގައި ނަޒަރު ފޯރުވަމުން ޟިރާރު އަށިމަތިން ތެދުވެ މަގުގެ ދެކޮޅު ބަލާލީ ދާންވީ ދިމާއެއް ޔަގީން ކުރާށެވެ.

ކުރިއަށް ޟިރާރު އެޅި ފިޔަވަޅު ހުއްޓުނީ އަންހެނެއްގެ ވޭނީ ހަޅޭކުގެ އަޑު ޖެހުމުންނެވެ. ގުޑިލަންވެސް ނޭނގި އެހުރި ފިޔަވަޅުމަތީ ޟިރާރަށް މަޑުކޮށްލެވުނީ އިވުނު އަޑާ ދޭތެރޭ ޔަގީން ކުރާށެވެ. އަނެއްކާވެސް އިވުނީ އެ ހަޅޭކުގެ އަޑެވެ. މިފަހަރު އެއަށް ވުރެއް ކައިރިންނެވެ. ފަސް އެނބުރި ޟިރާރު ބަލާލީ ފަހަތުން މީހަކު ދުވެފައި އަންނަ ކަމުގެ އިހްސާސެއް ވުމުންނެވެ. މުޅި އިސްތަށިގަނޑު ހާވާލައިގެން ދުވެފައި އައި އަންހެން ކުއްޖާއާ ދިމާއަށް ޟިރާރު ބަލަން ހުރީ އަންތަރީސްވެފައެވެ. ބައުވެ އެތަން މިތަނުން ވީދިފައިވާ ހެދުމެއް ލައިގެން ހުރި އަންހެން ކުއްޖާ މިއިން ދުވަހަކު ގައިން ތާހިރުވެ ފެންވަރާފައިވާ ވައްތަރެއް ނުޖަހައެވެ. ދުވަމުން ފުމެމުން މޮޔައެއްހެން އޭނާ އައީ ޟިރާރާ ދިމާއަށެވެ.

އެ އަންހެން ކުއްޖާގެ ފަހަތުން ބަޔަކު ދުވަމުން އައި ނަމަވެސް އެ އަންހެން ކުއްޖާގެ ހަރާކާތްތައް މާ ހަލުވިއެވެ. އެއަންހެން ކުއްޖާ ޟިރާރާ ގާތްވާން ފެށުމުން އޭނާ އެއްފަރާތަށް ޖެހުނުކަން އެއީ އޭނާގެ ނަސީބެވެ. އެހެން ނޫން ނަމަ އޭނާ ދާނީ ޟިރާރު ވެސް ގޮވައިގެންނެވެ. ދުވެފައި ދިޔަ އަންހެން ކުއްޖާގެ މިސްރާބު ހުރީ އަތިރިއާ ދިމާއަށެވެ. އެތައްބަޔަކު އޭނާގެ ފަހަތުން ދުވަމުން ދިޔަ ދިމާއަށް ބަލަން ޟިރާރަށް ހުރެވުނެވެ. އެ އެންމެންގެ ފަހަތުން ރޮމުން އައި އަންހެންމީހާ ފެނުމުން ޟިރާރު ކުރިއަށް ޖެހިލީ ވެގެން އުޅޭ ގޮތެއް ބެލުމުގެ ބޭނުމުގައެވެ.

"ކިހިނެއްވެގެން އެ އުޅެނީ..." އަންހެން މީހާއާ އަރާ ހަމަކުރަމުން ޟީރާރު ސުވާލުކޮށްލީ ހަމްދަރުދީވެގެން އުޅޭ މީހަކު ފަދައިން ކަރުއެލުވާލަމުންނެވެ.

"މަގޭ ދަރި... މޮޔަ.... މޮޔަވަނީ... މަގޭ... ދަރި... މާތްކަލާކޯ... އާހާހާ... މަގޭ ދަރި..." ރޮވޭތީވެ އެ އަންހެން މީހާއަށް ރަނގަޅަށް ވާހަކަ ދެއްކޭގޮތެއް ނުވިއެވެ. އެ ކުއްޖާއާ ބެހޭގޮތުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވެފައި ހުރުމުން ޟިރާރު މިސްރާބު ޖެހީ އަތިރިއާ ދިމާއަށެވެ.

*** *** *** *** *** ***

"ނާންނާތި... މަގޭ ކައިރިއަށް ނާންނާށޭ... މަ މި އައީ ފެންވާރާށޭ... ދޭ.. ކަލޭމެން މިތަނުންދޭ..." މޫދަށް އެރިގެން ހުރި އަންހެން ކުއްޖާ ވާހަކަ ދައްކަމުން ދިޔައީ އޭނާ ހުއްޓުވަން އެތަނަށް އައިސް ތިބި މީހުންނާ ދިމާއަށް ޝަހާދަތް އިނގިލި މަޅަމުންނެވެ. އެމީހުން ކުރިއަށް ޖެހެމުން ދިޔަވަރަށް އެ އަންހެން ކުއްޖާ ފަހަތަށް ޖެހެމުން ދިޔައެވެ. "ނާންނާތި.. ނާންނާތި.. ކަލޭމެން އެންމެންގެ ދުވަސް ދުއްވާލާނަން... ދޭ.. މިތަނުން ދާށޭ..."

"ސީމާ، އާދޭ.. ގެއަށް ދާން މަންމަ އެހެރަ ރޮނީ... ދަރިފުޅާ އާދޭ..." އެތަނުގަ ހުރި މެދު އުމުރުގެ ފިރިހެން މީހާ ވާހަކަ ދެއްކުމުން ސީމާ ދެއަތަށް ބޯ ހޫރުވާލިއެވެ. "ނޫން.. ނޫން.. ނޫން... ދާށޭ... މިތަނުން ދާށޭ... ދާށޭ.. ދާށޭ.. ނޫން.. ނުދާނަން.. ނުދާނަން.." އުނަގަނޑާ ހަމައަށް މޫދުގެ ލޮނުގަނޑު ހުރި އިރު އެ ލޮނުގަނޑުގެ މަތީގައި ދެއަތުން ތަޅާ މީހުންނާ ދިމާއަށް ފެން އުކަމުން، ކަރުބުޑުން ސީމާ ހަޅޭއްލަވަމުން ދިޔައެވެ.

ސީމާ ސަލާމަތްކުރަން މޫދަށް އެރުނު ތިން މީހުންވެސް މޫނާ ދިމާއަށް އަތް ހުރަސްކޮށްގެން ދެލޯ މަރައިގެން ތިބީ ސީމާ ލޮނު ޖަހަމުން ދާތީއެވެ. ނަމަވެސް ކުޑަ އިރުކޮޅެއް ތެރޭ ސީމާގެ އަޑުކެނޑި ފެންޖެހުން މައިތިރިވިކަން އެނގުމުން ސީމާ ހުރި ދިމާއަށް އެންމެން ބަލާލިއެވެ. ކަނޑާލީ ރުކެއްހެން ލޮނުގަނޑު ތެރެއަށް ސީމާ ވެއްޓުމާއެކީ ޝާކިރު ހަޅޭއްލަވައިގަތެވެ. "މަގޭ ދަރި...." މޫދު ތެރެއަށް ގެނބިގެން ދިޔަ ސީމާގެ ހަށިގަނޑުގައި ހިފޭތޯ ޝާކިރު ފަލި ޖަހާލިއެވެ.

ސީމާ އެއްގަމަށް އަރުވަން އެންމެން އަވަސްވެގަތެވެ. އޭރު ސީމާގެ ހެއެއް ނެތެވެ. ދޮންވެލިގަނޑުމަތީ ސީމާ ބޭއްވުމަށްފަހު އޭނާގެ މޫނުގައި ތަޅާ ހެދުމުން ވެސް ހޭއަރާ ގޮތެއް ނުވިއެވެ. ވިންދު ހުރިތޯ ބަލަން ސީމާގެ ކަރު ދޮށުގައި ޝާކިރު އަތް ޖައްސާލީ ބިރުން ހުރެއެވެ. ދެލޯ ހުޅުވުމާއެކީ ޝާކިރުގެ އަތުގައި ސީމާ ދަތް އެޅީ ގައިހުރި ބާރެއްލާ ޝާކިރުގެ އަތުގައި ދެއަތުން ހިފަހައްޓާ ބާރުކޮށްލަމުންނެވެ. ވީތަދުން ޝާކިރު ހަޅޭއްލަވަން ފެށުމުން ކައިރީ ތިބި މީހުން ސީމާގެ ބޮލުގައި ހިފަހައްޓަމުން، ކޮލަށް ފިތާ ހެދީ ސީމާގެ ފަރާތުން ދުލެއް ލިބޭތޯއެވެ.

ސީމާގެ އަނގައި ތެރެއިން ޝާކިރުގެ އަތް ނައްޓާލެވުނީ ވަރަށް ހާލުންނެވެ. އޭރު ޝާކިރުގެ އަތުން ހޯސްލާފައި ލޭފައިބަމުން ދިޔައެވެ. ރޯމަހެއްހެން ސީމާ ތެޅެމުން ދިޔައިރު ދޭތެރެއަކުން ވަރުގަދަ ހިނިގަނޑެއް ޖަހާލައެވެ. ކައިރީ ތިބި ހަތަރު ފިރިހެނުންނަށް އޭނާ ހިފެހެއްޓެނީ ހަމަ ކިރިޔާއެވެ. ވަށައިގެން ރަށުގެ ރައްޔިތުން އެތަނަށް އެއްވަމުން ދިޔައެވެ. ކޮންމެ މީހަކުވެސް ދިޔައީ ޚަބަރުދަބަރު އޮޅުން ފިލުވުމުގެ ބޭނުމުގައެވެ.

މީހުންތަކުގެ ތެރެއިން ޟިރާރަށް އެހިސާބަށް އާދެވުނުއިރު ސީމާ މައިތިރި ނުވާ ވަރަށް އަތާއި ފަޔަށް ބާރު އަރުވަމުން ދިޔައެވެ. ސީމާއާ ގާތްވާން މަސައްކަތްކުރަން ޟިރާރު ކުރިއަށް އެޅި ފިޔަވަޅު ހުއްޓުމަކަށް އައީ ދުރުގައި މަންޒަރު ބަލަންހުރި މީހަކު ބުނި ޖުމްލައިންނެވެ. "ކަލޭ މިތަނަށް ވަދެގެން މީހަކަށް ފަސޭހައެއްވާނެތަ... ސަލާމަތުން ތިބި ހަތަރު ފިރިހެނުންނަށް ނުހިފޭއްޓިގެން އުޅޭ އިރު އަތްބަޅުވެފަ ހުރި މީހަކަށް ވާނީ ކީއް؟"

ލޮނުން ތެމިފޯވެފައިވުމުން ސީމާގެ ހަށިގަނޑުގައި އޭނާ ލައިގެން ހުރި ހެދުން ވަނީ ތަތްލާފައެވެ. އޭނާގެ އަނގަޔަށާއި މޫނަށް ޖައްސަމުން ދިޔަ ނުބައި ވައްތަރުން އެތާ ތިބި އަންހެންވެރިންތައް ކުދިވެރިން ގޮވައިގެން އެއްގަމާ ދިމާއަށް ދިޔައީ އެ މަންޒަރު އެކުދިންނަށް ދައްކަން ބޭނުންނުވާތީއެވެ.

ވަށައިގެން ތިބި މީހުންތަކާ ދިމާއަށް ބަލާލުމަށްފަހު އިބްޒީމާ ކިޔައީދީފައިވާ އެއްޗެއް ހަނދާންކުރަމުން ޟިރާރު ލޯ މަރާލީ ފުން ނޭވާއެއް އެތެރެ ކުރަމުންނެވެ. ކަކޫ ޖަހާ ދޮންވެލިގަނޑު މައްޗަށް ތިރިވުމަށްފަހު ސީމާގެ ނިތްކުރީގައި ޟިރާރު އަތްޖައްސާލީ ތުންތަޅުވަމުންނެވެ. އިސާހިތަކު ސީމާގެ ހަށިގަނޑަށް އަރާފައިވާ ބާރު ކެނޑި މީހާ ހިމޭންވިއެވެ. ހައިރާންވެފައި އެތާ ތިބި މީހުން ޟީރާރާ ދިމާއަށް ބަލާލީ މިވަނީ ކިހާވަރެއްގެ ކަމެއްކަން ނޭނގޭ ހާލުގައެވެ.

ސީމާގެ ހަރާކާތް މަޑުވުމުން އޭނާގެ ދެލޯމެރި ފުން ނިންޖަކުން ނިދުނެވެ. ދެލޯ ހުޅުވާލުމަށްފަހު ޟީރާރު އެ އަންހެންކުއްޖާގެ ހަށިގަނޑާ ދިމާއަށް ބަލާލިއެވެ. ދޮންވެލިގަނޑުމަތިން ޟިރާރު ތެދުވުމާއެކީ ޝާކިރު އައިސް ޟިރާރުގެ ގައިގާ އޮޅުލައިގަތެވެ. ޝާކިރުގެ އަތުން އޭރުވެސް ލޭއައުން ނުހުއްޓެއެވެ.

"ދާންވީނު ހޮސްޕިޓަލަށް... އަތުގަ ބޭސްއަޅައިގެން އާދޭ..." ޖީބުން ފައްސަތޭކަ ރުފިޔާގެ ނޫޓެއް ނަގާ ޝާކިރު އަތަށް ދިއްކޮށްލަމުން ޟީރާރު ވާހަކަ ދެއްކީ އެ އާއިލާގެ ހާލަތު އޭނާއަށް އެނގޭތީއެވެ. ކަކޫ ޖަހާ ތިރިވެ ޟިރާރަށް ޝުކުރު އަދާކުރަމުން ދިޔަ ޝާކިރުގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފާއްދާލިއެވެ.

(ނުނިމޭ)