ދިވެހިރާއްޖެ އިން ނޭޕާލަށް ކަނޑައެޅި ނޮން-ރެޒިޑަންޓް ސަފީރު އާއިޝަތު އަޒީމާ، ސަފީރުކަމުގެ ފަތްކޮޅު، ނޭޕާލް ގެ ރައީސް ރައިޓް އޮނަރަބަލް ރާމްޗަންދުރަ ޕައުޑެލް އަށް މިއަދު އަރުވައިފިއެވެ.
ފަތްކޮޅު އެރުވުމުގެ ހާއްސަ ރަސްމީޔާތު އޮތީ ކަތުމަންޑޫގައި ހުންނަ ނޭޕާލް ގެ ރައީސްގެ އޮފީސް ކަމުގައިވާ، ރާޝްތުރަޕަތީ ބަވަންގައެވެ.
ދިވެހިރާއްޖެ އިން ނޭޕާލަށް ކަނޑައެޅި ނޮން-ރެޒިޑަންޓް ސަފީރުކަމުގެ މަގާމާ އާއިޝަތު އަޒީމާ ހަވާލުވެވަޑައިގަތުމުން އޭނާއަށް ނޭޕާލް ގެ ރައީސް ރާމްޗަންދުރަ ޕައުޑެލް ތަހުނިޔާ ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެ އާއި ނޭޕާލް އާ ދެމެދު އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރުމުގެ މަސައްކަތުގައި ސަފީރުގެ ފުރިހަމަ އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނޭކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. މި ބައްދަލުވުމުގައި ނޭޕާލް ގެ ރައީސް ވިދާޅުވި ހޫނު މަރުހަބާއަށް ސަފީރު ޝުކުރު އަދާކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެ ފަރާތްޕުޅުންނާއި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ނޭޕާލް ގެ ރައީސް އަށާއި އެ ގައުމުގެ ރައްޔިތުންނަށް ހެޔޮ އެދުމާއި ތަހުނިޔާ ރައްދު ކޮށްދެއްވިއެވެ.
ސަފީރުގެ ފަތްކޮޅު އެރުވުމަށްޓަކައި ނޭޕާލަށް ކުރައްވާ މި ދަތުރުގައި ނޭޕާލްގެ ހާރިޖީ ވަޒީރާއި، މިނިސްޓާ އޮފް ހެލްތު އެންޑް ޕޮޕިއުލޭޝަން، އަދި ފޮރިން ސެކްރެޓަރީ ގެ އިތުރުން އެ ގައުމުގެ ސަރުކާރުގެ އޮފިޝަލުންނާއި ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.
ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނެވި ސަފީރު، އާއިޝަތު އަޒީމާ، ރާއްޖެއިން ނޭޕާލް އަށް ކަނޑައެޅި ނޮން-ރެޒިޑަންޓް ސަފީރުކަމުގެ މަޤާމަށް ރައީސް ޑރ. މުއިއްޒު ޢައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ޖޫން މަހުގެ 17 ވަނަ ދުވަހުއެވެ.
