ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ބިލް ތަސްދީގު ކުރެއްވުމުގެ ކުރިން، ނަގާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ހުއްޓުވައިދިނުމަށް އެދި ކޯޓަށް ހުށަހަޅަން އެމްޑީޕީން ނިންމައިފިއެވެ.

މި ވޯޓާއި ގުޅިގެން ރައްޔިތުން ހޭލުންތެރިކުރުމަށް ކަމަށްބުނެ އެމްޑީޕީން އެކުލަވާލާފައިވާ ޓާސްކް ފޯހުގެ ތަރުޖަމާން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ އެ މައްސަލަ މިއަދު ކޯޓަށް ހުށަހަޅާނެ ކަމަށާއި، ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ހިޔާލު ހޯދުމުގެ ވޯޓެއް ނަގަން ރައީސް މުހައްމަދު މުއިއްޒު ނެރުއްވާފައިވާ ގަރާރަށް ގޮތެއް ނިންމުމުގެ ކުރިން އެއާ މެދު ވަގުތީ އަމުރެއް ނެރެން ޖެހޭ ކަމަށެވެ.

އެގޮތުން ޒާކިރު ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ހިޔާލު ހޯދުމުގެ ވޯޓެއް ނަގަން ރައީސް މުހައްމަދު މުއިއްޒު ނެރުއްވާފައިވާ ގަރާރު ގާނޫނުއަސާސީއާ ހިލާފު ކަމަށް ކަނޑައަޅައިދިނުމަށް ކޯޓުގައި އެދޭނެ ކަމަށާއި، އަދި އެ ގަރާރާ މެދު ކޯޓުން ވަކި ގޮތެއް ނިންމަންދެން، ވޯޓުގެ ކަންކަން މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށް ވެސް އެދޭނެ ކަމަށެވެ.

ޒާކިރު އިތުރަށް ވިދާޅުވީ ހިޔާލު ހޯދުމުގެ ވޯޓާ ދެކޮޅު ހެދުމުގެ ގޮތުންނާއި އެކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ރާވާފައިވާކަމަށާއި، މި ހަރަކާތްތަކުގެ ސަބަބުން މިކަމާ މެދު ރައްޔިތުން ހޭލުންތެރިވެގެންދާނެ ކަމަށެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ހުށަހެޅި ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މި މަހުގެ 10 ވަނަ ދުވަހުއެވެ. ސަރުކާރުގެ ފަރާތުން އެ އިސްލާހު ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު އެވެ.

ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ، މަޖިލީހުގެ މެންބަރުކަމަށް މީހުން ހޮވުމަށް ބާއްވަންޖެހޭ އިންތިހާބު ބާއްވަންވާނީ ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވާ އިންތިހާބާއެކު ކަމަށެވެ. އަދި ހަމަ އެހެންމެ ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ، ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަސް ކަމަށާއި މި މުއްދަތު ހަމަވުމުން މަޖިލިސް އުވުނީ ކަމަށް ވެސް އިސްލާހުގައި ބުނެފައި ވެއެވެ.