އިދިކޮޅު އެންމެ ބޮޑު ޕާޓީ ކަމަށް ބުނާ އެމްޑީޕީއަށް އޮތް ތާއީދު ވަނީ ދަށަށް ގޮސްފައި ކަމަށާއި އެ ޕާޓީގެ ވެރިން އެމްޑީޕީ ދޫކޮށްލާފައި އާ ޕާޓީއެއް އުފެއްދުމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ގޮވާލައްވައިފިއެވެ.
މާލެ ސިޓީގައި ރޭ ހުޅުވި ތިނަދޫ ސިޓީގެ ޕީއެންސީ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އތމ ކޮމިޓީގެ އިންތިހާބުގެ ކެމްޕެއިން މެނޭޖަރު ފަލާހް ވަނީ މިހާރު އިދިކޮޅު ޕާޓީއެއް ނެތް ކަމަށް ވިދާޅުވެ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ފަލާހް ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްލަ 1352 ގޮނޑީގެ ތެރެއިން އެމްޑީޕީން ވާދަ ނުކުރާ 450 އެއްހާ ގޮނޑި އެބަ އޮތް ކަމަށެވެ. އެއީ ވާދަކުރާނެ ކެންޑިޑޭޓުން ނުލިބިގެން ކުރިމަތިނުލާ ގޮނޑިތައް ކަމަށް ފަލާހް ވިދާޅުވިއެވެ. ޕަސެންޓޭޖަށް ބަލާނަމަ 30 ޕަސެންޓް ގޮނޑިއަށް އެމްޑީޕީން ވާދަ ނުކުރާ ކަން ފާހަގަކުރައްވަމުން ފަލާހް ވިދާޅުވީ، މިހާރު ވެސް އެ ޕާޓީ ބަލިވެއްޖެ ކަމަށެވެ. މިކަމުން އެނގިގެން ދަނީ އެމްޑީޕީގެ ތާއީދު ދިވެހިރާއްޖޭގައި ދަށަށް ގޮސްފައި މިންވަރު ކަމަށެވެ.
އެމްޑީޕީގެ އިތުރުން ދެން ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާފައިވާ ޕާޓީތަކަށް ބަލާއިރު، ތިބީ 4 ނުވަތަ 5 ވަރަަކަށް ގޮނޑިއަށް ކުރިމަތިލާފައިވާ ޕާޓީތައް ކަމަށާއި އެހެންކަމުން އެ ޕާޓީތަކާ ގުޅޭ ގޮތުން އެއްޗެއް ދަންނަވަން ބޭނުންވެވަޑައިނުގަންނަވާ ކަމަށް ފަލާހް ވިދާޅުވިއެވެ.
ޒިންމާދާރު ރަނގަޅު މަސައްކަތްތަކެއް ކުރާ އިދިކޮޅު ސިޔާސީ ޕާޓީތައް އޮންނަން ޖެހޭ ކަމަށް ފަލާހް ވިދާޅުވިއެވެ. އިދިކޮޅު ޕާޓިއެއްގައި އޮތް އެމްޑީޕީއަށް ރައްޔިތުންގެ ތާއީދު ގެއްލިގެން ގޮސްފައި ވަނީ 2008 އިން ފެށިގެން ރާއްޖޭގެ އިޖްތިމާއީ ފޭރާމަށާއި އިގްތިސޯދާއި ރާއްޖޭގެ މުޖުތަމައު އަދި ދައުލަތަށް ދީފައި ހުރި ގެއްލުންތަކުގެ ސަބަބުން ކަމަށް ފަލާހް ވިދާޅުވިއެވެ. ދެން އެމްޑީޕީ ކޮޅަށް ނަގައި ނުޖެހޭނެ ކަމަށައި ދެން އެ ޕާޓީގެ ބޭފުޅުންނަށް އެންމެ ރަނގަޅު ގޮތަކަށް ވާނީ އާ ސިޔާސީ ޕާޓީއެއް އުފެއްދުން ކަމަށް ފަލާހް ވިދާޅުވިއެވެ. އަދި އިތުރަށް ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދަން ބޭނުންވާ ނަމަ އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ފަލާހް ވަނީ އެމްޑީޕީގެ ލީޑަރުންނަށް ގޮވާލައްވާފައެވެ.
ޕީއެންސީން ލޯކްލަ ކައުންސިލް އިންތިހާބަށް ހިންގާ ކެމްޕެއިން ހަރަކާތްތަކުގެ ތަފްސީލް ދެއްވަމުން ފަލާހް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި ރޯދަ މަހު އަޅުކަމުގައި އުޅުއްވުމަށްފަހު ޕީއެންސީގެ ޑޯޓުޑޯ ކެމްޕެއިން ހަރާކަތްތަކުގައި ބައިވެރިވެވަޑައިގަންވަމުން އަންނަ ކަމަށެވެ. ހަމައެއާއެކު ރައީސްގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވެސް ރޭ އަޅުކަމުގައި އުޅުއްވުމަށްފަހު ސިޔާސީ މަސައްކަތްތަކުގައި ވަގުތު ހޭދާ ކުރައްވާ ކަމަށެވެ.
ނަމަވެސް އެމްޑީޕީން މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓް އަދި މިހާރުގެ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް މީގެ ދެ ދުވަސްކުރިން ދޮރުންދޮރަށް ހަރަކާތެއްގައި އުޅުއްވި އިރު އާޒިމްއާ އެކު އުޅުއްވީ ދެ ބޭފުޅަކު ކަމަށް ފަލާހް ވިދާޅުވިއެވެ. އާޒިމް އާ އެކު އެ ޕާޓީގެ އިސް ބޭފުޅުން ފެނިވަޑައިނުގަންނަވާ ކަން ފާހަގަ ކުރައްވަމުން ފަލާހް ވިދާޅުވީ މުޅި އެމްޑީޕީ މި ވަނީ ބައިބައިވެ ފެކްޝަން ހެދިފައި ކަމަށެވެ.
ޕީއެންސީގެ އިތުރުން އެންމެ ގިނަ މެންބަރުން ތިބެގެން އިލެކްޝަންސް ކޮމިޝަނުން ފައިސާ ދޭ ޕާޓީއަކީ އެމްޑީޕީ ކަމަށާއި މިދިޔަ އަހަރުވެސް އެ ޕާޓީއަށް ގާތްގަނޑަކަށް 9 މިލިއަން ރުފިޔާ ލިބިފައިވާ ކަން ފަލާހް ފާހަގަކުރެއްވިއެވެ. އެކަމަށް އަލިއަޅުއްވާލައްވަމުން ފަލާހް ވިދާޅުވީ، އެމްޑީޕީ ޓިކެޓުގައި މި އިންތިހާބުގައި ވާދަކުރަމުންދާ ކެންޑިޑޭޓަކަށް އިލެކްޝަންސް ކޮމިޝަނަށް ދައްކަން ޖެހޭ ފީ ދެއްކޭނެ ގޮތް އެ ޕާޓީން ހަމަޖައްސައި ނުދޭ ކަމަށެވެ. ކޮފީއެއް ބޯލެވޭނެ އިންތިޒާމް އަދި ޕޯސްޓަރު ހެދޭނެ އިންތިޒާމް ވެސް އެމްޑީޕީން ހަމަޖައްސައި ދީފައި ނުވާ ކަމަށް ފަލާހް ވިދާޅުވިއެވެ.
އީސީން އެމްޑީޕީއަށް 9 ވަރަކަށް މިލިއަން ރުފިޔާ ދީފައި ވަނީ އެ ޕާޓީގެ ވެރިން މަހަކު ދޮޅު ލައްކައިން ދެ ލައްކައިން މުސާރަ ނަގައިގެން ތިއްބަވަން ނޫން ކަމަށް ފަލާހް ވިދާޅުވިއެވެ. އެ ފައިސާ އަކީ ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް ހިންގަން ދޭ ފައިސާ ކަމަށް ފަލާހް ވިދާޅުވިއެވެ. އެހެންކަމުން އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުން ވިސްނަންވީ އެ ޕާޓީއަށް ދިން ފައިސާތައް އެ "ކާލަނީ" ޕާޓީގެ ބޮޑުން ކަމަށާއި ކެންޑިޑޭޓުންނަށް ދިއްކޮށްލަން "ބައި ރުފިޔާ" ވެސް އެމްޑީޕީ އަތުގައި ނެތް ކަމަށް ފަލާހް ވިދާޅުވިއެވެ.
