ޗާގޯސް މައްސަލަ ނިއުޅޭ ގޮތަކުން މޮރިޝަސްއަށް ބޮޑު ބަދަލެއް ދޭންޖެހިދާނެ ކަމަށް އިނގިރޭސިވިލާތުގެ މިނިސްޓަރުން ލަފާކުރައްވައިފިއެވެ. މިފަދަ ނިންމުމެއް އަތުވެދާނެ ކަމަށް ލަފާކޮށްފައި މިވަނީ އިނގިރޭސީން މޮރިޝަސް އާއެކު ހަދާ އެއްބަސްވުން ކުރިއަށް ނުގެންދެވި ހުއްޓާލަން ޖެހިދާނެ ފަދަ ހާލަތެއް އުފަންވަމުން އަންނާތީއެވެ.

ޗާގޯސް މައްސަލައިގަ އިނގިރޭސި ބޮޑުވަޒީރު ކެއިރް ސްޓޭމާ، މޮރިޝަސް އާއެކު ޑީލެއް ހައްދަވާކަމުގެ ތުހުމަތުތަކާއެކު، ޗާގޯސްގެ މައްސަލަ ދަނީ ނިއުޅެމުންނެވެ. މިޑީލުގެ ދަށުން ޗާގޯސްގެ ރަށްތަކުގެ އިސްތިގުލާލީ ބާރު ދެމެހެއްޓުމުގެ މިނިވަންކަމާއި, ތަރައްގީ ގެނައުމަށް ބޭނުންވާ މާލީ އެހީތެރިކަން އިނގިރޭސީން މޮރިޝަސް އަށް ދޭން އޮތީ ހުށަހަޅާފައެވެ. އެގޮތުން މިޑީލުގެ ދަށުން އިނގިރޭސީންގެ ފަރާތުން މޮރިޝަސްގެ ތަރައްގީ އަށް 35 ބިލިއަން ޕައުންޑް، ދިގު މުއްދަތަކަށް ބަހާލައިގެން ދިނުމާއި މޮރިޝަސްގެ ތަރައްގީއަށް އެހީތެރިކަން ދިނުން ހިމެނެއެވެ. އަދި އިނގިރޭސިވިލާތުން އެމެރިކާއާއެކު ގާއިމުކޮށްފައިވާ އަސްކަރީ މަރުކަޒު އޮންނަ ޑިއޭގޯ ގާސިއާ ބޭނުންކުރުމަށް ދައްކަން ޖެހޭ ކުލި ވެސް ލިބޭ ގޮތަށް ވަނީ ހިމަނާފައެވެ.

މޮރިޝަސް އަށް ފަހިވާގޮތަށް މި އެއްބަސްވުން އޮތް ނަމަވެސް އެއްބަސްވުން ތަންފީޒު ނުކުރެވި ބަދަލު ދޭން ޖެހޭ ހާލަތަކަށް ހިނގައިދާނެ ކަމަށް ލަފާކޮށްފައި ވަނީ ޗާގޯސް، މޮރިޝަސް އާ ހަވާލު ކުރުމާމެދު އެމެރިކާގެ ވިސްނުން ބަދަލުވެ، މޮރިޝަސް އާ އެކު އެއްބަސްވެ ކުރިއަށް ނުދިޔުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ހިޔާލުފާޅުކުރައްވަފައި ވުމުގެ ސަބަބުންނެވެ.

މިފަހުގެ ރިޕޯޓުތައް ބުނާގޮތުން މިހާރު މިޑީލް ކުރިއަށް ގެންދެވޭނެކަމުގެ ފޮނި އުންމީދެއް އިނގިރޭސިވިލާތަކަށް ވެސް އަދި މޮރިޝަސް އަކަށްވެސް ނެތެވެ. އެއީ މިޑީލާ ދެކޮޅުކަން އެމެރިކާއިން އިއުލާން ކުރުމުންނެެވެ.

ޓްރަމްޕް ވިދާޅުވީ މިޑީލަކީ ބޮޑު ގޯހެއް ކަމަށެވެ. އަދި އެމެރިކާގެ އަސްކަރީ މަރުކަޒު ގާއިމު ކޮށްފައިވާ ޑިއޭގޯ ގާސިއާ، އެއްވެސް ބަޔަކަށް ދީގެން ނުވާނެކަމަށް ޓްރަމްޕް ވަނީ ގޮވާލައްވާފައެވެ.

އެމެރިކާއިން ދެކޮޅު ހެދުމާއެކު އިނގިރޭސިވިލާތުގެ ވަޒީރުން ކަންބޮޑުވުން ފާޅުކުރަައްވަމުން ގެންދަވަނީ، އެމެރިކާގެ ނުފޫޒާހެދި މޮރިޝަސް އާއެކު ސްޓޭމާ ހެއްދެވި ޑީލް ކެންސަލް ކުރަންޖެހި, ޗާގޯސް މައްސަލަ ނިއުޅޭ ގޮތަކުން މޮރިޝަސްއަށް ބޮޑު ބަދަލެއް ދޭންޖެހިދާނެ ކަމަށް ލަފާކުރައްވައެވެ. މިޑީލް ކެންސަލްވެއްޖެނަމަ, މޮރިޝަސް އިން އިނގިރޭސިވިލާތާ ދެކޮޅަށް ބަދަލު ހޯދުމުގެ ބޮޑު ދައުވާއެއް ކުރުން ވަރަށް ގާތްކަމަށް ކަމާބެހޭ މާހިރުން ދެކެއެވެ. ޖޫރިމާނާއެއްގެ ގޮތުން އިނގިރޭސީންނާއި މޮރިޝަސް އާއެކު ވާ އެއްބަސްވުމުގެ ދަށުން ދައްކަން ޖެހޭވަރަށް ވުރެ ބޮޑު އަދަދެއް ނެގުން އެކަށީގެންވާކަމަށް އިނގިރޭސި ގިނަ ވަޒީރުން ވަނީ ލަފާކުރައްވާފައެވެ.

މިކަމާ ބެހޭގޮތުން އިނގިރޭސި ޑިފެންސް ސެކްރެޓަރީ ޖޯން ހީލީ ވިދާޅުވަނީ ޑީލް ކުރިއަށް ނުގެންދެވިއްޖެނަމަ, އިނގިރޭސި ސަރުކާރާ ދެކޮޅަށް ގާނޫނީ ގޮތުން ފިޔަވަޅު އެޅުމުގެ ފުރުސަތު ބޮޑުކަމަށެވެ. އެގޮތުން އިނގިރޭސވިިލާތުގެ މަޖިލީސް މެންބަރުންނާ އެކު މިކަމުގައި އޮތް ކަންބޮޑުވުންތަކާ ބެހޭގޮތުން ވާހަކަ ދައްކަމުން އޭނާ ވަނީ ޗާގޯސް މައްސަލަ ބަލަމުންދާ އިޓްލޮސް އިން މިކަމުގައި ނުރައްކާތެރި ނިންމުމެއް ނިންމަވާފާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެއްބަސްވުމާ ހިލާފުވެއްޖެނަމަ, ގާނޫނީ ގޮތުން ވެއްޓޭނެ އަނދަވަޅެއްގެ ސަބަބުން އަސްކަރީ މަރުކަޒު ހިންގުމަށްވެސް ބޮޑެތި ހުރަސްތަކެއް އަތުވެދާނެ ކަމަށް އޭނާ ވިދާޅުވެއެވެ. އަދި މިކަމުގައި ގާނޫނީ ގޮތުން ހުރި ގޮންޖެހުންތައް ހަނދާން ނައްތާލަން ބަޔަކު ބުނި ނަމަވެސް, މިއީ ހަމައެކަނި ބައިނަލްއަގުވާމީ ގޮތުން ހުރި ކަންބޮޑުވުންތަކެއް ނޫންކަމަށާއި, ގާނޫނީ ހަމަތަކާ އެކު, އަސްކަރީ މަރުކަޒުގެ ބާރުވެރިކަމާއި, އެތަން ހިންގުމުގެ ގާބިލިއްޔަތާވެސް ގުޅުން ހުރި މުހިންމު މައްސަލައެއް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

މިފަދަ ބަހުސްތަކެއްގެ ތެރެއިން މިދިޔަ އަހަރުގެ މެއި މަހު ވަނީ މޮރިޝަސް އަށް ޗާގޯސް ދޭން ހެދި އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުން އަދި ތަންފީޒުކޮށްފައި ނުވިނަމަވެސް, މިޑީލް ކުރިއަށް ނުގޮސްފިނަމަ, މޮރިޝަސްއަށްވެސް ބޮޑު ގެއްލުމެއް ވާނެއެވެ. މާލީ ގޮތުން އަނދަވަޅެއްގައި އޮތް މޮރިޝަސް މިހާރުވެސް އޮތީ ދަރަނިވެރިވެފައެވެ. މޮރިޝަސްގެ ސަރުކާރުގެ ދަރަނިތައް އަދާކުރަން ކުރިއަށް އޮތް 10 އަހަރުތެރޭ 1.8 ބިލިއަން ޕައުންޑް ގެ މާލީ އެހީތެރިކަން ބޭނުންވެއެވެ. މިހެންކަމުން އިނގިރޭސީންގެ ފަރާތުން ލިބެން އޮތް އެއްޗެ ނުލިބޭނެހެން ޑީލް ކެންސަލްވެއްޖެނަމަ، މޮރިޝަސްއަށް ބޮޑު ގެއްލުމެއް ވާނެކަމަށް މާލީ މާހިރުން ދެކެއެވެ. މިގެއްލުމުގެ ފޫބެއްދުމަށް އިނގިރޭސީންނާ ދެކޮޅަށް ބައިނަލްއަގުވާމީ ކޯޓުތަކުގައި މައްސަލަ ހުށައަޅާ, ޖޫރިމާނާ ކުރުން ގާތްކަމަށް ދެކޭ މީހުންވެސް މަދެއް ނޫނެވެ.

ދެން އޮތީ މީގެ އަނެއް ކޮޅެވެ. އެއީ މިޑީލް ކުރިއަށް ގެންދަން ނިންމިނަމަވެސް އިނގިރޭސީން މި ޑީލް ތަސްދީގު ނުކޮށް އޮތުމުން މިޑީލް ކެންސަލް ވިޔަސް މާލީގޮތުން އެއްވެސް ފައިސާއެއް ދައްކަން ނުޖެހުމެވެ.

މިކަމާ ބެހޭގޮތުން ގާނޫނީ ވަކީލު, އަދި ރާއްޖެއިން ޖަރުމަނުވިލާތައް ކަނޑައަޅާފައި ހުންނަވާ އޮނޮރަރީ ކޮންސުލް ޖެނެރަލް, އެންޑްރިއާސް ވިދާޅުވީ މިއެއްބަސްވުން ތަންފީޒު ނުކުރެވިއްޖެނަމަ, ވިއެނާ ކޮންވެންޝަން އޮން ދަ ލޯ އޮފް ޓްރީޓީސް ގެ ދަށުން އިނގިރޭސިވިލާތާ ދެކޮޅަށް މައްސަލަ ހުށައެޅިދާނެ ކަމަށެވެ. މި އެއްބަސްވުމަކީ މިހާރުވެސް ބަޔަކަށް ލިބެމުންދާ ގެއްލުމެއް ފޫބެއްދުމަށް ހަދާފައިވާ އެއްބަސްވުމެއް ކަމަށް ވަކާލާތު ކުރާއިރު, އެއްބަސްވުން ތަންފީޒު ނުކުރެވިއްޖެނަމަ މިހާރުވެސް ލިބެމުންދާ ގެއްލުން ހުއްޓުމަކަށް ގެނެވޭނެކަމަށް ނުބެލެވޭނެތީ, އިނގިރޭސިވިލާތާ ދެކޮޅަށް މައްސަލަ ހުށައެޅުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން މޮރިޝަސް އިން އައިސީޖޭ, އިޓްލޮސް އަދި އދ ގައި އިނގިރޭސީންނާ ދެކޮޅަށް މައްސަލަ ހުށައެޅުމުގެ ފުރުސަތު އޮތްކަމަށް އެންޑްރިއާސް ފާހަގަކުރެއްވިއެވެ.

މޮރިޝަސް އާއި އިނގިރޭސީން މިއެއްބަސްވުމުގައި ސޮއި ކުރުމުގެ ކުރިން ޗާގޯސް ކަނޑުގެ މައްސަލަ ބަލަމުންދާތާ އެތައް އަހަރެއް ވެފައިވާ އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް, އިޓްލޮސް އިން ވަނީ ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ކަނޑައަޅައި އިކުއިޑިސްޓެންސްގެ ދަށުން ބަހާފައެވެ. އިކުއި ޑިސްޓެންސްގެ ދަށުން ފުށުއަރާ ސަރަހައްދު ބަހާލުމުން ރާއްޖެ އަށް ލިބުނީ 47،232 އަކަ ކިލޯމީޓަރެވެ. އެއީ 135 ނޯޓިކަލް މޭލެވެ. އަދި މޮރިޝަސް އަށް ލިބުނީ 45،331 އަކަ ކިލޯމީޓަރެވެ. އިޓްލޮސް އިން ޗާގޯސްގެ ކަނޑުގެ ސަރަހައްދުން ފުށު އަރާ ހިސާބު ބައިހަމަކޮށް ބަހާލުމުން ރާއްޖެއިން ކުރިން ބޭނުން ކުރަމުން ދިޔަ 200 ނޯޓިކަލް މޭލުން 5 މޭލު ވަނީ ގެއްލިފައެވެ.

ޗާގޯސް މައްސަލައިގައި ތާރީހީ ގޮތުން ބަލާލާނާމަ މިމައްސަލަ ފެށިފައި މިވަނީ ބައެއްގެ ހަގުތައް ހޯދުމަށް ކުރަން ފެށި ވަކާލާތަކާއެކުއެވެ. 1960 އާއި 1970 ގެ އަހަރުތަކުގައި އިނގިރޭސިވިލާތުން އެމެރިކާއާއެކު ޑިއޭގޯ ގާސިއާގައި އަސްކަރީ މަރުކަޒެއް ހެދުމަށްޓަކައި، އެ ސަރަހައްދުގައި ދިރިއުޅެމުންދިޔަ މަސައްކަތްތެރީން ނުވަތަ ވަޒަންވެރީން ވަނީ ބާރުގެ ބޭނުންކޮށްގެން އެތަނުން ބާލާފައެވެ. އޭގެ ފަހުން އެތައް އަހަރެއް ވަންދެން އެމީހުން ދަނީ އެނބުރި ވަޒަނަށް ދިއުމަށް ބައިނަލްއަގުވާމީ ކޯޓުތަކުގައި ވަކާލާތު ކުރަމުންނެވެ. އިނގިރޭސީންގެ ޑިލް ކެންސަލްވެއްޖެނަމަ, މޮރިޝަސްއަށް ޗާގޯސް ރަށްތަކުގެ އާންމުންގެ ހައްގުތައް ހޯދައިދިނުމަށާއި, ގެއްލުމުގެ ބަދަލު ހޯދުމަށްވެސް އިނގިރޭސީންނާ ދެކޮޅަށް ބައިނަލްއަގުވާމީ ކޯޓުތަކުގައި މައްސަލަ ޖެއްސިދާނެއެވެ.

އެމެރިކާއިން ދެކޮޅު ހެދުމާ އެކު ޗާގޮސް މައްސަލަ އިތުރަށް ހޫނުވެފައި ވާއިރު, ޗާގޯސްގެ ރަށްތައް މޮރިޝަސްއަށް ދިނުމަށް ހެދި އެއްބަސްވުމާ ދިވެހި ރާއްޖެއިން ވެސް ވަނީ ދެކޮޅު ހަދައި އެ ސަރަހައްދަކީ ރާއްޖޭގެ މިލްކުވެރިކަން އޮންނަންޖެހޭ ތަނެއް ކަމަށް ބުނެފައެވެ. ރާއްޖޭގެ މި ހުށައެޅުމަށް އަދި އިނގިރޭސީން ވަކި ބަހެއް ބުނެފައެއް ނުވެއެވެ.