ބީއެމްއެލް އެޕް މެދުވެރިކޮށް މެޑިކަލް ޑޮލަރަށް އެދެވޭނެ ފަސޭހަ އިންތިޒާމެއް އެ ބޭންކުން ހަމަޖައްސައިފިއެވެ.
ބީއެމްއެލުން ބުނީ، ބޭސްފަރުވާއަށް ރާއްޖޭން ބޭރަށްދާ ފަރާތްތަކަށް މިއަދުން ފެށިގެން ބީއެމްއެލްގެ އެޕް މެދުވެރިކޮށް ޑޮލަރަށް އެދި ހުށަހެޅޭނެ ކަމަށެވެ. އެގޮތުން ޑޮލަރަށް އެދި ހުށަހަޅާނަމަ މޯބައިލް އެޕުގެ "ޑޭޝްބޯޑް" އަށް ގޮސް، ދާން ޖެހޭނީ "މެޑިކަލް ޑޮލާ ރިކުއެސްޓް"އަށެވެ. .
އިތުރަށް ބީއެމްއެލް އިން ބުނީ ޑޮލަރު ގަތުމަށް އެދި ހުށަހަޅާއިރު ބޭނުންވާނެ ލިޔެކިޔުންތަކާ، މައުލޫމާތު އެޕް މެދުވެރިކޮށް ހުށަހަޅޭނެ ކަމަށެވެ. އަދި އެޕްލިކޭޝަންގެ ސްޓޭޓަސް ވެސް އެޕުން ބަލައިލެވޭނެކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ބީއެމްއެލް އިން ބުނީ ސިއްހީ ފަރުވާއަށް ދާ ފަރާތްތަކަށް ޑޮލަރު ޖަމާކޮށްދޭނީ އެމީހެއްގެ އެކައުންޓަށް ކަމަށެވެ.
އާސަންދަ އަދި އެންސްޕާ މެދުވެރިކޮށް ދަތުރުކުރާ ފަރާތްތަކަށް 2،000 ޑޮލަރާ ހަމައަށް ބޭންކުން ޑޮލަރު ވިއްކާނެއެވެ. އަދި އަމިއްލަ ގޮތުން ބޭސްފަރުވާއަށް ދަތުރުކުރާ ފަރާތްތަކަށް 1،000 ޑޮލަރާ ހަމައަށް ޑޮލަރު ވިއްކާނެއެވެ.
