ހުޅުމާލޭގައި ވަން އެވެނިއުގެ 7 ވަނަ ފަންގިފިލާގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު 5 މީހަކަށް ބޯހިޔާވަހިކަން ދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން (އެންޑީއެމްއޭ) އިން ބުނެފިއެވެ.

މި އަލިފާނުގެ ހާދިސާ ހިންގާފައި ވަނީ ރޭ 11:00 ހާއިރު ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ ވަން އެވެނިއުގެ 7 ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓެއްގައެވެ.

އެންޑީއެމްއޭ އިން ބުނީ، މި ހާދިސާގައި އެ އެޕާޓްމަންޓްގެ ބަދިގެ ބޭނުން ނުކުރެވޭ ވަރަށް އަނަދާފައިވާ ކަމަށެވެ. އަލިފާނުގެ ހާދިސާއާއި ގުޅިގެން 5 މީހަކަށް ބޯހިޔާވަހި ކަން ފޯރުކޮށްދީފައިވާ އިރު، އޭގެތެރޭގައި އުމުރުން ދުވަސްވީ މީހަކާއި ނޭވާހިއްލާ ކުޑަކުއްޖަކު ވެސް ހިމެނޭ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތެއް ނުލިބެއެބެ. ނަމަވެސް އެ ޕާޓްމަންޓެގ ބޮޑު ބައެއް އަނދާފައިވާ އިރު ލިބިފައިވާ ގެއްލުންތަކުގެ ތަފްސީލް ދެނެގަތުމަށް އެންޑީއެމްއޭ އިން ދަނީ އެސެސްމަންޓްތައް ހަދަމުންނެވެ.

މި ހާދިސާގެ އިތުރުން މި މަހުގެ 1 ވަނަ ދުވަހު ވެސް ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ޗަނބޭލީ5 ގޯޅީގެ ލޮޓް ނަންބަރު 11154 ގޭގެ ތިރީގައި ހުރި ގުދަނެއްގައި ރޯވެ 25 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ވަނީ ފޯރު ކޮށްދީފައެވެ. ހަމައެއާއެކު މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުގެ އިރުއޮއްސުނު އިރު ހުޅުމާލެ ދެވަނަ ފުޔަވަހީގައި ހުންނަ ހިޔާ ޓަވަރުގެ 5 ވަނަ ޓަވަރުގެ ވައިގޯލީގައި ހުރި އޭސީ އައުޓްޑޯ ޔުނިޓްތަކެއްގައި ހުޅުހިފާ ވަނީވެސް އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. މި ހާދިސާގައި ނަރުދަމާ ނިޒާމާއި ފެނުގެ ހިދުމަތާއި ކަރަންޓުގެ ހިދުމަތް އެ ޓަވަރުގެ ބައެއް އެޕާޓްމަންޓްތަކުން ކަނޑާލަން ޖެހި ޖުމްލަ 37 ފަރާޓަކަށް ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށް ދީފައެވެ.