މި ފެށުނު ބަރަކާތްތެރި ރަމަޟާން މަހުގައި އިސްލާހުގެ ފެށުމަކީ ތިމާ ކަމުގައި ހަދައި، ކުށްފާފަތަކަށް އަރައިގަތުމަށް ބިރުވެތިވެ، ތެދުމަގުގައި ސާބިތުވެ ތިބުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރަމަޟާން މަހުގެ ތަހުނިޔާ ވިދާޅުވެ، ރައީސް ޑރ. މުއިއްޒު ދެއްވި ހިތާބުގައި ވިދާޅުވީ، 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ބައްދަލުކުރި މިއީ އުފާވެރި ވަގުތު ކަމަށެވެ. ކީރިތި ޤުރްއާނުން އެނގޭ ގޮތުގައި، މާތް ﷲ ރޯދަ ފަރުޟު ކުރެއްވީ ތަގުވާވެރިވުމަށާއި ކުށްފާފަތަކަށް އަރައިގަތުމަށް ބިރުވެތިވެ، އެކަންކަމުން ދުރުހެލިވުމަށާއި، ތެދުމަގުގައި ސާބިތުވެ، ހެޔޮ ކަންކަންމަތީ ދެމިތިބުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

"ރަމަޟާން މަހަކީ ހެޔޮކަމުގެ މޫސުމެއް. ބާއްޖަވެރިކަމުގެ މައްސަރެއް. މި ބަރަކާތްތެރި ރަމަޟާން މަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް، ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށާއި، މުޅި އިސްލާމީ އުންމަތަށް ނުހަނު އިހްލާސްތެރިކަމާއެކު ފޮނުވަން.:
ރައީސް ޑރ. މުހައްމަދު މުއިއްޒު

އިޖުތިމާއީ ވަރަށް ގިނަ އިލްމުވެރީން ދެކެވަޑައިގަންނަވާ ގޮތުގައި، އިސްލާހުގެ ފެށުމަކީ ތިމާ ކަމަށާއި އާއިލާއަކަށް، މުޖުތަމައަކަށް ނުވަތަ ގައުމަކަށް އިސްލާހެއް، ހެޔޮ ބަދަލެއް ގެންނަން އެދޭ މީހާ، އެންމެ ފުރަތަމަ އެ ބަދަލެއްގެ އަމަލީ ނަމޫނާއަކަށް ވުން، އެ މީހަކާ ހިސާބުން ފަށަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އޭރުން ތިމާގެ ކިބައިން ފެށުނު ފެށުން އާއިލާއަށް، މުޖުތަމައަށް އަދި މުޅި ގައުމަށް ފޯރާނެ ކަމަށް ރައިސް ވިދާޅުވިއެވެ. މި ބަރަކާތްތެރި ހެޔޮކަމުގެ މޫސުން ބައްދަލު ކުރި އިރު، މި މުޖުތަމައުން ދެކެން ބޭނުންވާ، ވަރަށް ގިނަ ހެޔޮ ކަންކަން އެބަހުރި ކަމަށާއި ދީނީ ކަންކަމާއި، އާދަކާދައިގެ ކަންކަމާއި އުސޫލާއި ގާނޫނާއި ގަވާއިދަށް ބޯލެނބުން ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖެއަށް ބޭނުން ވަނީ ފަސްވަގުތު ނަމާދުކުރާ މުޖުތަމައެއް ކަމަށާއި ކުޑަކުދީންގެ ކަރާމާތް ރައްކާތެރި ކުރާ، ބޮޑެތި މީހުންނަށް އިހްތިރާމުކުރާ މުޖުތަމައެއް ކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު މަސްތުވާތަކެތިން ސަލާމަތްވެފައިވާ، ސިއްހީ ގޮތުން ނުރަނގަޅު އާދަތަކަށް ނޫނެކޭ ބުނާ މުޖުތަމައެއް ރާއްޖެއަށް ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ. ހުރިހާ ކަމެއްގައި މާތްވެގެންވާ އިސްލާމްދީނުގެ އަސްލުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތާ، ދިވެހީންގެ ހަރުދަނާ އިސްލާމީ ސަގާފަތާއި، ދިވެހިވަންތަ ރީތި ތަހުޒީބު އަމިއްލަ ގޮތްތައް ނަގަހައްޓާ މުޖުތަމައެއް ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ވީމާ މިކަންކަން އަޅުގަނޑުމެން ކޮންމެ މީހަކު އަމިއްލަ ނަފުސާ ހަމައިން ފަށަމާތޯއެވެ! މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަކީ ގައުމަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި، އަމިއްލަ ނަފްސު އެ ބަދަލާ އެއްގޮތަށް، ދީނީ، ގައުމީ އިންތަކުގެ މަތީގައި ތަރުބިއްޔަތުކުރާ މައްސަރަކަށް ހަދަމާތޯއެވެ! އޯގާވަންތަ ﷲ، މިގޮތުގައި އަޅުގަނޑުމެންނަށް ހެޔޮ ތައުފީގު ދެއްވާށިއެވެ! މި ލޮބުވެތި ވަތަން މިނިވަންކަންމަތީ އަބަދުމެ ލަހައްޓަވާށިއެވެ! އާމީން."
ރައީސް ޑރ. މުހައްމަދު މުއިއްޒު

ދިވެހި މުޖުތަމައަށް ހެޔޮ ބަދަލެއް ގެނައުމުގައި މަދަދު ހޯދާން ރަމަޟާން މަހަކީ ރަނގަޅު މުރުޝިދެއް ކަމަށާއި ރަމަޟާން މަހަކީ އަހްލާގުގެ އެންމެ މަތިވެރި ހުރިހާ ފިލާވަޅެއް އުނގަންނައިދޭ މައްސަރު ކަމަށް ރައިސް ވިދާޅުވިއެވެ. މިއީ އަޅުކަންތައްތަކުން ވަގުތުތައް ރާވައިލުމާއި، ވަގުތަށް ކަމޭހިތާން ދަސްކޮށްދޭ ކަމަށާއި ޒިކުރުތަކުން ތަގުވާވެރިވުމާއި، ހިތާއި ރޫހާއި ހަށިގަނޑު ހެޔޮ ކަންކަމުގައި ހޭދަކުރާން ދަސްކޮށްދޭ މައްސަރެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މައްސަރުގައި ވެވިފައިވި ހަނގުރާމަތަކުން އިސްލާމީ އުންމަތަށް ހެޔޮ އެދުމާއި، ހައްގާއި ބާތިލާ ދެމެދު ތިމާ ސާބިތުވާންވީ ގޮތް ދައްކައި ދޭ ކަމަށާއި ހިތްވަރާއި ކެރުމާއި، އަޒުމާއި ގުރުބާނީގެ މާނަތައް ހިތުގައި ބިންވަޅު ނަގައިދޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ރޯދަ ވީއްލުމާއި، ހާރުދަން ފަދަ އިޖުތިމާއީ އާއިލީ ބައްދަލުވުންތަކަކީ ޖަމާއަތުގެ ގުޅުންތައް ހަރުދަނާ ކުރުމާއި، ދޭދޭ ކުލުނާއި ލޯބި އަށަގަންނުވައި ދިނުމުގެ މަދަރުސާތަކެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.