މާދަމާ އަކީ މުލަ ރޯދަކަމުގައި އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ 18 ފެބްރުއަރީ ވާ ބުދަ ދުވަހަކީ 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމަށެވެ. މިފަދައިން ކަނޑައަޅާފައިވަނީ މިރޭ ހަނދު ސާބިތުކުރުމަށްޓަކައި އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައެވެ.

މި ޖަލްސާގައި ހަނދު ސާބިތުވިކަން އިއުލާންކުރައްވާ، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސޮއިކުރެއްވި ހަނދާބެހޭ ބަޔާން އިއްވަމުން ވިދާޅުވީ ހިޖްރީ ސަނަތުން 1447 ވަނަ އަހަރުގެ ޝައުބާން މަހުގެ 29 ވީ އަންގާރަ ދުވަހުގެ އިރު އޮއްސުމުގެ ފަހުން ބައެއް އިސްލާމީ ގައުމުތަކަށް ހަނދު ފެނުނުކަން ޝަރްއީ ހަމަތަކުން ސާބިތުވާ ކަމަށެވެ.

އެހެންކަމުން ރަމަޟާން މަހާއި ޝައްވާލް މަހުގެ ހަނދު ސާބިތު ކުރުމަށް ރާއްޖޭގައި ޢައަމަލް ކުރުމަށް ހަމަޖެހިފައިވާ އުސޫލުގައި ވާ ގޮތުގެ މަތީން މާދަމާ އަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމުގައި ކަނޑައަޅާފައިވާކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.

އެއާއެކު ޝަހީމް ވަނީ ރަމަޟާން މަހުގެ ރޯދައިގެ ފަރުޟުތައް އަދާކުރުމަށް ފަރުވާތެރިވުމަށާއި، މި މާތް މައްސަރުގައި މާތް ﷲ ގެ ރުއްސެވުމަށް އެދި ހެޔޮ ޢަމަލުތައް ހިނަ ކުރުމަށް ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ވަސިއްޔަތް ކުރައްވާފައެވެ.