ބަރަކާތްތެރި ރޯދަމަހަކީ މުސްލިމުންގެ ގާތުގައި އެންމެ މާތް އެންމެ އުންމީދީ މަހެވެ. އެއީ ރަހުމަތާއި، ފަޟްލުވަންތަކަމާއި، ފާފަ ފުއްސެވުމުގެ މައްސަރެވެ. މި މާތް މައްސަރާ ބައްދަލުކުރާއިރު އެންމެ ފުރިހަމަ ގޮތުގައި އެ މަހުގެ ފައިދާ ހޯދުމަށްޓަކައި ކުރިއާލައި ތައްޔާރުވުމަކީ ކޮންމެ މުސްލިމަކަށްމެ މުހިންމު ކަމެކެވެ.
ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އިހުލާސްތެރި ތައުބާއަކުން ތައުބާވުމެވެ. ކުރެވިފައިވާ ފާފަތަކަށް ދެރަވެ އެކަންކަން ތަކުރާރު ނުކުރުމަށް އަޒުމް ކަނޑައަޅައި، މާތް ﷲ ގެ ހަޒުރަތުން ފާފަ ފުއްސެވުމަށް އެދި ދުއާކުރުމެވެ. މިއީ ސާފުތާހިރު ހިތަކާއެކު އަޅުކަމުގެ ތެރެއަށް ވަނުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ.
ރޯދަމަހަކީ އަޅުކަމުގެ ހާއްސަ މައްސަރެވެ. މި ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ކޮންމެ މުސްލިމަކުމެ އަޒުމު ކަނޑައަޅަން ޖެހެއެވެ. ކުޅިވަރާއި މަޖަލުގައި އަގުހުރި ވަގުތުތައް ބޭކާރު ވިޔަ ނުދީ ގުރުއާން ކިޔެވުމާއި ނަމާދު ކުރުމާއި ސުންނަތްތައް އަދާކޮށް ހެޔޮ އަމަލު ކުރުންމަތީ ދެމިތިބުމަށް މަސައްކަތް ކުރަން ޖެހެއެވެ.
ރޯދަމަހަށް ތައްޔާރުވުމަށް ރޯދައިގެ ހުކުމްތަކާއި އަދަބުތައް އުނގެނި ދަސްކުރުމަކީވެސް ނުހަނު މުހިންމުކަމެކެވެ. ރޯދަ ގެއްލޭ ކަންތައްތަކާއި ރޯދައިގެ ސަވާބު އިތުރުވާނެ ކަންތައްތައް ދެނެގަތުމަކީ އަޅުކަން ފުރިހަމަކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. މީގެ އިތުރުން ގުރުއާން ކިޔެވުމަށް ހާއްސަ ވަގުތުތަކެއް ކަނޑައަޅާ، ޒިކުރުކުރުމާއި ދުއާކުރުމަށް އާދަވުމަކީ ރޫހާނީ ގޮތުން ތައްޔާރުވުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.
ރޯދައަށް ޖިސްމާނީ ގޮތުން ތައްޔާރުވުން
ރޯދައަށް ނަފްސާނީ ނުވަތަ ރޫހާނީ ގޮތުގެ އިތުރުން ޖިސްމާނީ ގޮތުން ތައްޔާރުވުމަކީވެސް ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. އެހެނީ ރޯދަ މަހަކީ ކެއުމަށް ބޮޑެތި ބަދަލުތަކެއް އަންނަ ދުވަސްވަރެކެވެ. އެހެންކަމުން ކެއުމުގެ އާދަތަކާއި ކެއުން ބައްޓަން ކުރަންވީ ގޮތް އިނގުމަކީ މުހިންމުކަމެކެވެ.
ޖިސްމާނީ ގޮތުން ރޯދަމަހަށް ތައްޔާރުވުމަކީ، ރޯދައިގެ އަޅުކަން ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައި ހަށިގަނޑަށް ބޭނުންވާ ހަކަތައާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ. މިގޮތުން ކުރެވިދާނެ އެންމެ މުހިންމު އެއް ކަމަކީ ކެއިންބުއިމުގެ އާދަތަކަށް ދުރާލައި ބަދަލުތަކެއް ގެނައުމެވެ. ރޯދަމަސް ފެށުމުގެ ކުރިން، ދުވާލުގެ ވަގުތުތަކުގައި ކާ މިންވަރު މަދުކޮށް ހަށިގަނޑު އެކަމަށް އާދަކުރުވުމަކީ ރޯދައިގެ ފުރަތަމަ ދުވަސްތަކުގައި އިހުސާސްކުރަންޖެހޭ ބަނޑުހައިހޫނުކަން ކުޑަކޮށްދޭނެ ކަމެކެވެ. ހާއްސަކޮށް ކެފެއިން އެކުލެވޭ ބުއިންތަކާއި ސައި ކޮފީ ފަދަ ތަކެތި އަދި ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ އާދަތައް މަދުކުރަން ފެށުމަކީ ރޯދައަށް ހުންނަ އިރު މައިގްރޭން ނުވަތަ ބޮލުގައި ރިއްސުން ފަދަ އުނދަގޫތަކުން ސަލާމަތްވުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.
މީގެ އިތުރުން ހަށިގަނޑުގައި ފެން ހުންނަ މިންވަރު ހިފެހެއްޓުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. ރޯދަމަސް ފެށުމުގެ ދުވަސްކޮޅެއް ކުރިން ފެށިގެން ގިނައިން ފެން ބޯން އާދަކުރުމުން ރޯދައަށް ހުންނަ ވަގުތު ހަށިގަނޑުން ފެން މަދުވުމުގެ ސަބަބުން ކުރިމަތިވާ ވަރުބަލިކަމާއި ކަންނެތްކަމުން ދުރުހެލިވުމަށް އެހީތެރިވެދެއެވެ. އަދި ނިދުމުގެ ތަރުތީބަށް ގެނެވޭ ބަދަލަކީވެސް ޖިސްމާނީ ދުޅަހެޔޮކަމާ ގުޅިފައިވާ ކަމެކެވެ. ހާރުކެއުމަށާއި ފަތިސް ނަމާދަށް ހޭލުމަށްޓަކައި ރޭގަނޑު އަވަހަށް ނިދުމުގެ އާދަ އަށަގަންނުވަން ޖެހެއެވެ.
ހަމައެއާއެކު ސިއްހީ ގޮތުން އެއްވެސް ބައްޔަކަށް ފަރުވާ ހޯދަމުންދާ ފަރާތެއްނަމަ، ރޯދަމަސް ފެށުމުގެ ކުރިން ޑޮކްޓަރެއްގެ އިރުޝާދު ހޯދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ބޭސް ބޭނުންކުރާ ވަގުތުތަކަށް ގެންނަންޖެހޭ ބަދަލުތަކާއި، ރޯދައަށް ހުރުމުގެ ސަބަބުން ސިއްހަތަށް ކުރާނެ އަސަރުތައް ދެނެގަތުމަކީ ރައްކާތެރިކަމާއެކު އަޅުކަން ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމެކެވެ. މި ހުރިހާ ތައްޔާރީތަކެއްގެ ބޭނުމަކީ ރޯދައިގެ ސަބަބުން ހަށިގަނޑަށް އަންނަ ބަދަލުތަކަށް ހޭނި ވަރުބަލިކަމެއް ނެތި މާތް ﷲ އަށް އަދާކުރަންޖެހޭ އަޅުކަންތަކުގައި ހީވާގިކަމާއެކު ދެމިހުރުމެވެ.
އިޖުތިމާއީ ގޮތުން ރޯދައަށް ތައްޔާރުވުން
އިޖުތިމާއީ ގޮތުން ބަލާއިރު ރޯދަމަހަކީ އެކަކު އަނެކަކަށް އެހީތެރިވެ، އާއިލީ ގުޅުންތައް ބަދަހިކުރަންވީ މަހެވެ. އާއިލާއާއި ގާތް ރައްޓެހިންނާއެކު ވަގުތު ހޭދަކޮށްލާ އެކުގައި މާހެފުންތަކާއި ރޯދަ ވީއްލުންތައް ބޭއްވުމަކީ ޒަމާނުންސުރެ ދިވެހިންގެ މެދުގައި އޮންނަ ރީތި އާދައެކެވެ.
ގޭތެރެ ސާފުތާހިރުކޮށް ގޭތެރެ ޒީނަތްތެރިކުރުމަކީ ވެސް ރޯދަ މަހާއި ދިމާކޮށް ގިނަ ބަޔަކު ކުރާ ކަމެކެވެ. އެގޮތުން ކުރީ ޒަމާނުގައި ގެއަށް ދޮންވެލި ލާ އަކިރި ލާ ހެދިނަމަވެސް ޒަމާން ބަދަލުވަމުން އައިސް މިހާރު މިއޮތީ މުޅިން ތަފާތުވެފައެވެ. މިއަދު ރޯދަމަހަށް ތައްޔާރުވުމަށް ގޭގޭގެ ފާނީޗަރު އާ ކުރުމާއި، ގޭގައި ކުލަލުމާއެކު ޒީނަތްތެރި ކުރުމުގެ އެކި މަސައްކަތްތައް ފޯރީގައި ކުރާ ތަން ފެނެއެވެ. ތަފާތު ރޯދަ ސޭލްތަކާއި ޕްރޮމޯޝަންތައް ކުރިއަށް ގެންދާއިރު ގޭތެރެއަށް އަދި ބަދިގެއަށް ބޭނުންވާ ތަކެތި ހެޔޮ އަގުގައި ލިބެން ހުރެއެވެ.
ރޯދައަށް މާހެފުމުގައިވެސް އެހާރާއި މިހާރު ހާސްގުނަ ތަފާތެވެ. އިހުޒަމާނުގެ މާހެފުންތަކުގައި އަވެއްޔާއި މާފުށް ފަދަ ދިވެހި ކެއުންތައް ފެނުނު ނަމަވެސް މިހާރުގެ މާހެފުންތަކުގައި ޒަމާނީ ކުލަތައް ގިނައެވެ.
ރޯދަމަހަށް ތައްޔާރުވުމަކީ ހަމައެކަނި ކާބޯތަކެތި އެއްކުރުމެއް ނޫނެވެ. އެއީ ނަފްސު ތާހިރުކޮށް މާތް ﷲ އާ ކުއްތަންވުމަށް ކުރެވޭ މަތިވެރި މަސައްކަތެކެވެ. އެހެންކަމުން މި ބަރަކާތްތެރި ރޯދަ މަހުގެ ދަރުމައާއި ސަވާބު ހޯދުމަށް އަހަރެމެން އެންމެންވެސް ގަދައަޅާ މަސައްކަތް ކުރަން ޖެހެއެވެ.
