2025 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ރާއްޖޭގެ ބެސްޓް ފިކްސްޑް ނެޓްވޯކްގެ "އުކްލާ ސްޕީޑް ޓެސްޓް އެވޯޑް" އުރީދޫ މޯލްޑިވްސް އަށް ދީފިއެވެ.

މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި މިއީ އުރީދޫ އިން ބުނީ ދުނިޔޭގެ ފެންވަރުގެ ކަނެކްޓިވިޓީ އާއި ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދިނުމުގައި އުރީދޫ މޯލްޑިވްސް އިން އެންމެ އިސްކޮށް ހަރަކާތްތެރިވާ މިންވަރު ފާހަގަކޮށް ދީފައިވާ އެވޯޑެއް ކަމަށެވެ.

އުރީދޫއިން ބުނީ މިއީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ކުންފުންޏަކަށް މި އެވޯޑު ލިބުނު ފުރަތަމަ ފަހަރުކަމަށެވެ. މި އެވޯޑަކީ ކޮންސިއުމާ އިނީޝިއޭޓިވް ސްޕީޑް ޓެސްޓް ޑޭޓާ ދިރާސާ ކުރުމުގެ މައްޗަށް ބިނާކޮށް ދޭ އެވޯޑެއް ކަމަށާއި، މި އެވޯޑްތަކުގައި ބޭނުންކުރަނީ ޑައުންލޯޑް ސްޕީޑް، އަޕްލޯޑް ސްޕީޑް އަދި ނެޓްވޯކް ރެސްޕޮންސިވްނެސް ފަދަ މެޓްރިކްސްތަކުން ލިބޭ ސްޕީޑް ސްކޯ އެއް ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.

އުރީދޫ އިން ބުނީ މި އެވޯޑަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކާއި ވިޔަފާރިތަކާއި ގޭބިސީތައް މެދުނުކެނޑި ގުޅުވާލުމަށް ކުރަމުންދާ މަސައްކަތާއި އާއި ބްރޯޑްބޭންޑް ފުޅާކުރުމުގެ އިތުރުން އީޖާދީ ޓެކްނޮލޮޖީތަކަށް ކުރާ އިންވެސްޓްމަންޓްތައް ރަމްޒުކޮށްދޭ އެވޯޑެއް ކަމަށެވެ.

މި އެވޯޑާ ގުޅިގެން އުރީދޫ މޯލްޑިވްސްގެ އެމްޑީ އަދި ސީއީއޯ ޝާދީ ގަވަސްމީ ވިދާޅުވީ އޫކްލާ ސްޕީޑް ޓެސްޓް އެވޯޑް ލިބުމަކީ އުރީދޫއަށް ލިބުނު ފަހުރުވެރި ކާމިޔާބީއެއްކަމަށާއި، މި ނެޓްވޯކް ފަރުމާކުރެވިފައި ވަނީ ރާއްޖޭގެ ރަށްތައް ގުޅުވާލުމާއި މުޖުތަމައުތައް ބާރުވެރިކުރުވުމުގެ އިތުރުން ވިޔަފާރިތައް ޑިޖިޓަލްކޮށް ކާމިޔާބު ކުރުމަށް މަގުފަހިކޮށްދިނުމަށް ކަމަށެވެ.

ރާއްޖެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ދަތުރު ހަލުވިވަމުން ދާއިރު، އިގްތިސާދީ ކުރިއެރުމަށާއި ތައުލީމީ ދާއިރާ އަދި ފަތުރުވެރިކަމާއި އާންމު ދިރިއުޅުމަށް ހައި ސްޕީޑް ކަނެކްޓިވިޓީ އަކީ ކޮންމެހެން ބޭނުންތެރި ހިދުމަތެއްކަން ފާހަގަކޮށް އުރީދޫ އިން ބުނީ ރާއްޖޭގައި ކޮންމެ ތަނެއްގައި ހުއްޓަސް މެދުކެނޑުމެއްނެތި މަސައްކަތް ކުރުމާއި، ސްޓްރީމް ކުރުމާއި، ގުޅުވާލުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ އެ ކުންފުނީގެ އަމާޒުކަމަށެވެ.