ގާނޫނަށް ގެންނަ އިސްލާހުގެ ސަބަބުން ޕެންޝަން ފަންޑަށް އެއްވެސް އަސަރެއް ނުކުރާނެކަމަށް ޕެންޝަން އޮފީހުން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ވަނީ ޕެންޝަނާ ގުޅޭ ގާނޫނަށް ގެންނަ އިސްލާހުތަކާ ގުޅޭ ގޮތުން ފިނޭންންސް މިނިސްޓްރީ އަދި މީރާއާއެކު މަޝްވަރާ ކޮށްފައެވެ.
މި ޖަލްސާގައި ޕެންޝަން އޮފީހުގެ ޗީފް ލީގަލް އޮފިސަރު އަބްދުﷲ ފިކުރީ ވިދާޅުވީ ގެންނަ މި އިސްލާހަކީ ރަނގަޅު އިސްލާހެއްކަމަށެވެ. ސަބަބެއްކަމުގައި ފިކުރީ ވިދާޅުވީ ޕެންޝަން ފަންޑުގެ މައިގަނޑު މަގްސަދަކީ ރިޓަޔާމެންޓަށް ފައިސާ އެއްކޮށްފައި ބެހެއްޓުން ކަމަށެވެ. އަދި އެއަށް މަގުފަހިވާނެ ގޮތަކަށް ކަންކަން ހުރެފައި އެހެން އިސްލާހުތައް ގެނައުމަކީ ރަނގަޅު ކަމެއް ކަމުގައި އޭނާ ވަނީ ވިދާޅުވެފައެވެ.
ޕެންޝަން ފަންޑަށް ގެނައި އިސްލާހުތަކުގެ ތެރޭގައި 65 އަހަރު ވާ ފަހުން ވެސް ހައްޖަށް ދިއުމަށް، ހައްޖު ކޯޕަރޭޝަނުގެ ކިޔުއަށް އެރުމަށް ޖާގަ ރިޒާވްކުރަން ޕެންޝަން ފަންޑުން ފައިސާ ދޫކުރުމާއި، ފުރާނައަށް ނުރައްކާވާ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަން ޖެހޭ ހާލަތްތަކުގައި ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ދިނުމުގެ އިތުރުން ގެދޮރު ގަތުމާއި މަރާމާތުކުރުމަށް ބޭނުންވާ ޑައުންޕޭމަންޓް ފައިސާ ދެއްކުން ހިމެނެއެވެ.
އިތުރަށް ފިކުރީ ވިދާޅުވީ ހައްޖަށް ދާން ޕެންޝަން ފަންޑުން މިހާރު ވެސް ފައިސާ ބޭނުން ކުރެވޭނެ ކަމަށާއި ޕެންޝަން ފަންޑަށް އަލަށް ގެނައި އިސްލާހަކީ 65 އަހަރު ވާ ފަހުން ވެސް އެ ފުރުސަތު ލިބުން ކަމަށެވެ.
މީގެއިތުރުން ގެދޮރު އިމާރާތް ކުރުމަށް ފައިސާ ދޫކުރަނީ ވެސް ޕެންޝަން ދޭ އުމުރު ހަމަވާން ވާއިރަށް، އެ ފައިސާ އަނބުރާ ފަންޑަށް ވަންނަ ގޮތަށް ކަމަށްވެސް ފިކުރީ ވަނީ ވިދާޅުވެފައެވެ.
