މީހެއްގެ ވައިބާ އެކައުންޓް ކޮމްޕްރޮމައިޒްކޮށް، އެމީހާގެ ނަމުގައި އެކި ފަރާތްތަކާ ވާހަކަ ދައްކައި މަކަރާއި ހީލަތުން އެކި ފަހަރު މަތިން 150،000 ރުފިޔާއަށް އަށް ވުރެ ގިނަ ފައިސާ ހޯދި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފިއެވެ.

މިި މައްސަލައާ ގުޅިގެން ހމ. ފްލެޓް ނަންބަރު 06-2-39 / މާލެ، ހަސަން އަޒުރާހު (39އ) ހައްޔަރުކޮށްފައި ވަނީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު އެންޓި ސްކޭމް ސެންޓަރަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިދިޔަ ޑިސެންބަރު 7 ވަނަ ދުވަހުއެވެ.

އޭރު އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހާފައިވާ އިރު، ފަހުން އިތުރު 15 ދުވަހުގެ މުއްދަތެއް ވަނީ ޖަހާފައެވެ. އަދި އިއްޔެ އަށް އެ މުއްދަތު ހަމަވުމުން ވަނީ އޭނާގެ ބަންދަށް އިތުރު 30 ދުވަސް ޖަހާފައެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މިހާއާއެކު ޖުމްލަ ތިން މީހުން މިހާރު ވަނީ ހައްޔަރު ކޮށްފައެވެ. މި މައްސަލާގައި މީގެ ކުރިން ހައްޔަރުކޮށްފައި ވަނީ ގ. މާލޭހިޔާ 1-16-03 / މާލެ، އަޙްމަދު ޙައްސާން (33އ) އާއި ނ. މަނަދޫ / ވެށި، ޙުސައިން ސަމާޙު (33އ) އެވެ.

މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.