ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ހުށަހެޅި ބިލުގެ ކޮމިޓީ ރިޕޯޓަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސް ހޫނުވެ އިދިކޮޅު އެމްޑީޕީގެ މެމްބަރުންތަކެއްގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައިވަނީ ދެ އިންތިހާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދަން އޭޕްރިލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކުގައި ރިފަރެންޑަމް ބާއްވާނީ ކަމަށް ކަނޑައަޅައި، ކޮމިޓީން އެ ބިލު ނިންމި ގޮތުގެ ރިޕޯޓް އިއްވާފައެވެ.

މަޖިލީހަށް ހުށަހެޅި ރިޕޯޓަށް ބަހުސް ފެށުމާ އެކު ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ވަނީ ނުރުހުންފާޅުކުރަން ފަށާފައެވެ. އަދި މަޖިލީހުގެ ގަަވައިދަށް ހުރުމަތްތެރިކޮށް ހިތުމަށް ތަކުރާރުކޮށް ނަސޭހަތް ދެއްވުމަށްފަހު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ފުރަތަމަ އިއްވެވީ އޭނާގެ ނަމެވެ.

އޭގެފަހުން، ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު ބަހުސްގައި ބައިވެރިވެވަޑައިގަންނަވަން ފުރަތަމަ ފުރުސަތަށް އެދިފައި ވަނިކޮށް، އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހަށް ފުރުސަތު ދެއްވި ކަމަށް ތުހުމަތުކޮށް ވަނީ މަޖިލީހުގައި އަޑުގަދަކުރައްވާފައެވެ. އަދި މަޖިލީހުގެ ނިޒާމު ގެއްލި މްޑީޕީ މެންބަރުން އަޑުގަދަ ކުރަން ފެށުމާއެކު، ޕީއެންސީ މެންބަރުންނާ، އެމްޑީޕީގެ މެންބަރުންގެ މެދުގައި ހޫނު ޒުވާބެއްވަނީ ހިނގާފައެވެ.

މަޖިލީހުގައި ޒުވާބުކުރަން ފެށުމުން މެންބަރު ޒިޔާދުގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް، ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު އަދި މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރުގެ ނަން ވަނީ އިއްވާފައެވެ. އެހެންނަމަވެސް އެ މެންބަރުން ނުކުމެވަޑައިނުގަންނަވާތީ މަޖިލީހުގެ ސެކިއުރިޓީ މެދުވެރިކޮށް އެ މެންބަރުން ނެރުމަށްޓަކައި މަޖިލީހުގެ ޖަލްސާ ވަނީ މަދުކަނޑާލާފައެވެ.