މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީން މިއަދު ހާމަކުރި ގޮތުގައި މި މަޝްރޫއުގެ ޖުމްލަ 87 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
އަދި ހަމަ އެހެންމެ މަގުގެ ސަބް-ބޭސްގެ މަސައްކަތްތައް މުޅިން ނިމިފައިވާއިރު، އޭބީސީ (ABC) ފަށަލަ އެޅުމުގެ 80 އިންސައްތަ މަސައްކަތް ވެސް ނިމިފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފައި ވެއެވެ. އަދި އޭބީސީ ފަށަލަ އެޅުމުގެ ހުރިހާ މަސައްކަތެއް މިއަދުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ވަނީ ލަފާކޮށްފައެވެ.
މަޝްރޫއުގެ ތާވަލާ އެއްގޮތަށް ކުރިއަށްދާ މި މަސައްކަތުގެ ތެރެއިން، މަގުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް މި ހަފުތާގެ ފަހުކޮޅު ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި ފަޅު ފަރާތު މުދާ އަރުވާ ބާލާ ސަރަޙައްދުގެ ކޮންކްރީޓް މަސައްކަތްތަކާއި، މަގުބައްތި ހަރުކުރުމާއި، ޓްރެފިކް ނިޝާންތައް ޖެހުމުގެ މަސައްކަތްތައް ވެސް މިހާރު ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.
މާލޭގެ އުތުރު ފަރާތުގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މި މަޝްރޫއަކީ މާލޭގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ބަދަލެއް ގެނުވާނެ މަޝްރޫއެކެވެ. މި މަޝްރޫއު ނިމުމުން، ހިނގާބިނގާވެ އުޅޭ މީހުންނަށާއި އުޅަނދުފަހަރަށް ރައްކާތެރި އަދި ފަސޭހަ މަގުތަކެއް ލިބިގެންދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މާލޭގެ މަގުތައް ތަރުތީބުކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ކުރިއަށްދާ މި މަޝްރޫއަކީ މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
