މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ހާއްސަކޮށްގެން "ވެލާނާ އެވޯޑްސް"ގެ ނަމުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އެވޯޑެއް ތައާރަފު ކޮށްފިއެވެ.

އެމްއޭސީއެލް އިން ބުނި ގޮތުގައި، މިއީ ދަތުރުފަތުރުގެ ގުޅުންތައް ވަރުގަދަ ކުރުމަށާއި ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށާއި އަދި ދަތުރުވެރިންނާއި ވިޔަފާރިވެރިންގެ މެދުގައި މަގުބޫލު މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޕާޓްނަރުން ކުރާ އަގުހުރި މަސައްކަތް ފާހަގަކޮށް، އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ކޮންމެ އަހަރަކު ދޭން ކަނޑައަޅާފައިވާ އެވޯޑެކެވެ.

އަންނަ ބުރާސްފަތި ދުވަހުގެ ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބާއްވާ މި އަހަރުގެ އެވޯޑުގައި 3 ދާއިރާއަކުން 22 އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެވޯޑު ދިނުމަށް ހަމަޖެހިފައިވާ މައިގަނޑު ކެޓަގަރީތަކުގެ ތެރޭގައި ހިމެނެނީ:

  • ފަސެންޖާ އެވޯޑްސް
  • ކާގޯ އެވޯޑްސް
  • ލައުންޖް އެވޯޑްސް

އޭގެ އިތުރުން އަހަރުގެ އެއާލައިން ފާހަގަކޮށް ހާއްސަ އެވޯޑެއް ދިނުމަށް ވެސް ނިންމާފައި ވެއެވެ.

އެއާޕޯޓުން ދެމުންދާ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް އެމްއޭސީއެލް އިން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެއާޕޯޓުގައި އާ ޓާމިނަލެއްގެ އިތުރުން އިމިގްރޭޝަން ކައުންޓަރުތައް ދެގުނަ އިތުރުކޮށްފައި ވާއިރު، ފުރާ ފަސިންޖަރުންނަށް 20 އަށް ވުރެ ގިނަ ކައުންޓަރާއި 6 އީގޭޓް، އަދި އަންނަ ފަސިންޖަރުންނަށް 28 ކައުންޓަރާއި 7 އީގޭޓް ވެސް ގާއިމްކޮށްފައި ވެއެވެ.

އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް ތަރައްގީކޮށްފައިވާ މި ޓާމިނަލްގައި އެންމެ ޒަމާނީ ބެގޭޖް ސްކޭން ކުރުމުގެ ނިޒާމާއި ހައި ސްޕީޑް ބެގޭޖް ބެލްޓުތައް ބޭނުންކުރެވޭނެއެވެ.