ހުކުމް ތަންފީޒުކުރަމުން ދަނިކޮށް ޖަލުގައި މިދިޔަ ހަފުތާގައި މަރުވި ދެ ގައިދީންގެ ޕޯސްޓުމޯޓަމް ހަދަން ނިންމައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހުކުމް ތަންފީޒުކުރަމުން ދަނިކޮށް ޖަލުގައި މަރުވި ދެ މީހުގެ މަރުގެ ހަގީގަތް ބަލަން އޮޓޮޕްސީ ހަދަން ނިންމާފައިވާ ކަމަށެވެ. އެހެންވެ، ދެ މީހުންގެ ހަށިގަނޑު ބޭރަށް ފޮނުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހުކުމް ތަންފީޒު ކުރަން ޖަލަށް ލާފައި ހުއްޓާ މިދިޔަ ހޯމަ ދުވަހުގެ ހެނދުނު ދަފްތަރު ނަމްބަރު 439، އިބްރާހީމް ސުހައިލް (53އ) މަރުވިއިރު އެ ދުވަހު ދެ ވަނައަށް މަރުވީ، ސ.ހިތަދޫ، ދިއްގާގަސްދޮށުގެ، ހަސަން ނިޔާޒު، (45އ)އެވެ.

ކަރެކްޝަންސް އިން ބުނީ ސުހެއިލް މަރުވީ ނިއުމޯނިޔާ ޖެހިގެން ސިއްހީ ހާލު ދެރަވެ، އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭތާ ހަފުތާއެއް ފަހުން ކަމަށެވެ.

ނިޔާޒު މަރުވީ ހުޅުމާލެ ޖަލުގައި ހުއްޓާ ހާލު ސީރިއަސްވެ، ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ފަހުންކަން ކަރެކްޝަންސް އިން ވަނީ ހާމަކޮށްފައެވެ.