ސަރުކާރުން ލޮޖިސްޓިކްސް ކުންފުންޏެއް އުފައްދައިގެން އެ ވިޔަފާރީގެ ތެރެއަށް ވަނުމަކީ އަމިއްލަ ވިޔަފާރިތަކަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމެއް ކަމުގައި ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސްގެ ނަމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ކުންފުންޏެއް އުފައްދާފައިވާއިރު، ޝާހިދު ވިދާޅުވީ ސަރުކާރުން ލޮޖިސްޓިކްސް ކުންފުންޏެއް އުފައްދައިގެން މަސައްކަތް ކުރަން ނިންމުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އަދި މިފަދަ ނިންމުމަކީ މިނިވަން ވިޔަފާރީގެ އުސޫލުތަކާ މުޅިން ހިލާފު، ދުނިޔޭގެ އެއްވެސް ގައުމެއްގައި ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ.

ސަރުކާރުގެ ދައުރަކީ ވިޔަފާރިއާ ވާދަކުރުން ނޫންކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ ސަރުކާރުން އަދާކުރަންޖެހޭ ދައުރަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހިތްވަރުދީ، އެފަދަ ވިޔަފާރިތައް ކުރިއެރުވޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ. މީގެ އިތުރުން ޝާހިދު ވިދާޅުވީ މިކަމުގެ ސަބަބުން ދިވެހި އެތައް އާއިލާއެއްގެ އާމްދަނީ ހުއްޓި، ރައްޔިތުންގެ ދިރިއުޅުން އިތުރަށް ނިކަމެތިވެގެން ދާނެ ކަމަށެވެ. އަދި މީގެ ނޭދެވޭ އަސަރު ދޭދޭ ފަރުދުންނަށް ކުރުމުގެ އިތުރުން، މުޅި އިގްތިސާދަށްވެސް ކުރާނެކަމަށް ޝާހިދު ވިދާޅުވިއެވެ.

"ސަރުކާރަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާ ސީދާ ވާދަވެރިވުމަކީ ބާޒާރުގެ ވާދަވެރިކަމުގެ ހަމަ ނައްތާލާ، އިގްތިސާދީ ހަމަތައް ފުނޑުފުނޑުކޮށްލާ ކަމެއް. މިކަމުގެ ސަބަބުން ލޮޖިސްޓިކްސް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޮޑެތި ގެއްލުންތައް ވާނެ. އެމަސައްކަތުން އާމްދަނީ ހޯދައިގެން ދިރިއުޅެމުންދާ އެތައް އާއިލާތަކަށް މާލީގޮތުން އެތައް ތަކުލީފެއް އުފުލަން ޖެހޭނެ." ޝާހިދު ވިދާޅުވިއެވެ.

އެގޮތުން ޕްރައިވެޓް ސެކްޓާގެ އިންވެސްޓްމަންޓްތައް މަދުވުމާ، ވަޒީފާގެ ފުރުސަތުތައް ގެއްލިގެން ދިއުމުގެ އިތުރުން އިގްތިސާދީ ދުވެލި މަޑުޖެހި، ވިޔަފާރީގެ އިތުބާރު ގެއްލިގެން ދާނެކަމެއް ކަމުގައި ޝާހިދު ވިދާޅުވިއެވެ. މިފަދަ ކަންކަމުން ރައްޔިތުންނަށް ކުރިމަތިވާނެ ގެއްލުންތަކުން ސަލާމަތް ކުރުމަށާއި، އިގްތިސާދީ ހަމަތައް ނެގެހެއްޓުމަށް ސަރުކާރުން ވިޔަފާރި އުސޫލުން ހިންގާ ލޮޖިސްޓިކްސް ކުންފުނި އުފެއްދުމުގެ ނިންމުން ބަދަލުކުރުމަށްވެސް ޝާހިދު ވަނީ ގޮވާލާފައެވެ.

ޝާހިދު މިހެން ވިދާޅުވެފައިވާއިރު އެމްޕީއެލް އިން ކުރިން ބުނީ މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސްގެ ބޭނުމަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ގުދަންތަކަށް އަސާސީ މުދަލާއި ކާޑުގެ ބާވަތްތައް ދަތިކަމެއް ނެތި ފޯރުކޮށްދިނުން ކަމަށެވެ.