ތޭލެސީމިއާ ހުންނަ ފަރާތްތަކަށް 2000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

މިއަދު ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ، ތެލެސީމިއާ ހުންނަ ފަރާތްތަކަށް ސަރުކާރުން އަޅާލަން ޖެހޭ ވަރަށް އަޅާނުލާ އޮތުން މި ސަރުކާރުން ނިމުމަކަށް ގެނެސް ހައްލުކުރަން ޖެހޭ ކަންކަން ވާނީ ހައްލު ކުރަން ފަށާފައި ކަމަށެވެ. އެގޮތުން ތެލެސީމިއާ ހުންނަ ފަރާތްތަކަށް 2000 ރުފިޔާގެ އެލަވަންސެއް މިއަހަރުން ފެށިގެން ދިނުމަށް ވަނީ ނިންމާފައި ކަމަށް ރައިސް ވިދާޅުވިއެވެ.

އަދި ތެލެސީމިއާ ބާވަތްތައް ސިއްހީ މިންގަނޑުތަކުން ތަހުލީލު ކުރުމުގައި ލޭގައި ހިމެނޭ ހިމޮގްލޮބިންގެ 27 ބާވަތެއްގެ މިއުޓޭޝަން ދެނެގަތުމަށް ހަދާ އޮޓޮމޭޓަޑް ޑީއެންއޭ ތަހުލީލު ކުރާ ލެބޯޓްރީ ގާއިމްކޮށް ފުރަތަމަ ފަހަރަށް ސަރުކާރުގެ ހޮސްޕިޓަލެއްގައި މި ހިދުމަތް ދިނުމަށް ވަނީ ތައްޔާރުވެފައި ކަމަށް ރައީސް ވިދާޅުވިއެވެ. މި ހިދުމަތުގެ ސަބަބުން މީގެ ކުރިން ދެނެނުގަނެވޭ ލޭގެ މިއުޓޭޝަންތައް ދެނެގަނެ، ތަހުލީލުތަކުގެ ފެންވަރު ރަނގަޅުކޮށް، އެއާ ގުޅިގެން ދެވޭ ލޭގެ ފަރުވާގެ ފެންވަރު މަތިވެގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ހިދުމަތް ކުރިއަސް އޮތް ހަފްތާއެއް ތެރޭ މާލެ ސިޓީ ހޮސްޕިޓަލްސްގެ މޯލްޑިވްސް ބްލަޑް ސާވިސަސް މެދުވެރިކޮށް ފޯރުކޮށް ދޭން ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު ތެލެސީމިއާ ހޮސްޕިޓަލް ގާއިމް ކުރުމުގެ މަސައްކަތް ވެސް މިއަހަރުތެރޭ ފަށާނެ ކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ތެލެސީމިއާ ހުރި ފަރާތްތަކަށް މި ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކަށް ބަލާލައިރު، މިދިޔަ އަހަރު ތެރޭ ހުޅުމާލޭ އޮރެންޖް ހިޔާގައި ތެލެސީމިއާ ސެންޓަރު ހިންގުމައްޓަކައި ބޭނުންވާނެ ހުރިހާ މަސައްކަތެއް އެމްއެންޑީއެފްގެ ގައުމީ މަސައްކަތެއްގެ ގޮތުގައި ކުރު މުއްދަތެއްގެ ތެރޭ ކޮށް ނިންމައި ވަނީ ހަވާލުކޮށްފައެވެ. އަދި ހަލާކުވެ ވީރާނާ ވެފައިވާ ތެލެސީމިއާ ސެންޓަރު ވަނީ އޮރެޖް ހިޔާއަށް ބަދަލުކޮށް އެތަން ހިންގުން މާލެ ސިޓީ އޮފް ހޮސްޕިޓަލްސްއާ ހަވާލުކޮށްފައެވެ.

ތެލެސީމިއާ ހުންނަ ފަރާތްތަކަށް ކުރިން ނުލިބޭ އެންޑޮކްރޮނޮލޮޖީ، އިންޓާނަލް މެޑިސިން، ހިއުމަޓޮލޮޖީ ފަދަ ސްޕެޝަލިސްޓް އެތައް ހިދުމަތްތަކެއް އެތަނުން ލިބެމުން ދާ ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ. އަދި އެ ސެންޓަރުގައި ތެލަސީމިއާ ފަރާތްތަކަށް ހިދުމަތް ދިނުމަށް ބޭނުންވާ މިންވަރަށް މުވައްޒަފުން އިތުރުކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން 38 އާ މަގާމަށް ހުއްދަދީ މިހާރު 30 މުވައްޒަފުން ނަގާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ތެލެސީމިއާ ހުރި ފަރާތްތަކަށް ކޮންމެހެން ބޭނުންވާ އަދި ކުރިން ރާއްޖެއިން ބޭރުން ނޫނީ ނުލިބޭ ހިދުމަތެއް ކަމަށް ވާ އެމްއާރްއައިޓީޓޫސްޓާގެ ހިދުމަތް ހުޅުމާލެ ހޮސްޕިޓަލުން ލިބޭ ގޮތަށް ވެސް ވަނީ ހަމަޖައްސާފައެވެ. މިހާތަނަށް 28 ފަރާތަކަށް މި ހިދުމަތް ދެވިފައި ވެއެވެ.

މީގެ އިތުރުން ހިލޭ ބޯން މެރޯ ޓްރާންސްޕްލާންޓް ހަދައިދިނުމަށް މި ސަރުކާރުން ފެށި ޕްރޮގްރާމްގެ ދަށުން މިދިޔަ އަހަރު އިތުރު 10 ކުދިންގެ ބޯން މެރޯ ޓްރާންސްޕްލާންޓް ހެދުމަށް ވަނީ ފޮނުވާފައި ކަމަށް ރައީސް ވިދާޅުވިއެވެ. މިއާ އެކު މިހާތަނަށް ޖުމްލަ 24 ކުދިންނަށް ހިލޭ ބޯން މެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުސަތު މި ސަރުކާރުން ވަނީ ދީފައެވެ.