ހުޅުމާލެ ދެވަނަ ފިޔަވަހީގައި އާންމުން ދިރިއުޅެމުންދާ ހިޔާ ފްލެޓްގެ 5 ވަނަ ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށް ދިން 148 މީހުން އާންމު ދިރިއުޅުމަށް ރުޖޫއަވެއްޖެއެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ހިޔާގެ 5 ވަނަ ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ޓަވަރުގެ 31 އެޕާޓްމަންޓެއްގައި ދިރިއުޅޭ 148 މީހުންނަށް އެންޑީއެމްއޭއިން ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށް ދީފައެވެ.
މި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ހިޔާގެ 5 ވަނަ ޓަވަރުގެ 15 ވަނަ ބުރީގެ ވައިގޮޅީގައި ހަރުކޮށްފައި ހުރި އޭސީ އައުޓްޑޯ ޔުނިޓެއްގައި ރޯވެގެންނެވެ. އެ ތަނުގައި ރޯވި އަލިފާނާ އެކު އެ ވައިގޮޅީގައި ހުރި ފެނާއި ނަރުދަމާގެ ހޮޅިތަކެއް ވަނީ އަނދާފައެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް 5 ގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި ނަރުދަމާގެ ނިޒާމު މަރާމާތުކޮށް ނިމި، ހުރިހާ އެޕާޓްމަންޓްތަކަކަށް ފެނާއި ކަރަންޓުގެ ހިދުމަތް އަލުން ދީފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފައިވާ ކަމަށެވެ.
އެހެންކަމުން މި ހާދިސާއާ ގުޅިގެން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިން 31 އެޕާޓްމަންޓެއްގެ 148 މީހުންނަށް ދިން އެހީތެރިކަމުގެ މުއްދަތު މިއަދު ހަމަވުމާއެކު، އެ އާއިލާތައް އަނބުރާ އެމީހުންގެ އާންމު ދިރިއުޅުމަށް ރުޖޫއަ ވާނެ ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ.
