މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން މިހާތަނަށް އިންވެސްޓް ކޮށްފައިވާ ބޮންޑުތަކުގެ ތެރެއިން 2.4 ބިލިއަން ރުފިޔާގެ ބޮންޑު ވިއްކާލައިގެން ލިބޭ ފައިސާ ސަރުކާރުގެ ބޮންޑަށް އިންވެސްޓްކުރަން ނިންމުމާއެކު ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމް އިސްތިއުފާ ދެއްވައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ސުޖާތާ އެ މާގަމުން އިސްތިއުފާ ދެއްވާފައިވަނީ މިއަދުއެވެ. އޭނާ އިސްތިއުފާ ދެއްވި އިރު، ޕެންޝަން އޮފީހުން ރޭގެ ވަގުތެއްގައި ވަނީ މި މުއާމަލާތުގެ މައުލޫމާތު ރަަސްމީކޮށް އާންމުކޮށްފައެވެ. ޕެންޝަން އޮފީހުން ރޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ސަރުކާރުގެ ބޮންޑަށް އިންވެސްޓު ކުރަނީ މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމުން މިހާތަނަށް އިންވެސްޓް ކޮށްފައިވާ ބޮންޑުތަކުގެ ތެރެއިން 2.4 ބިލިއަން ރުފިޔާގެ ބޮންޑު ސެކަންޑަރީ މާކެޓުގައި ވިއްކާލައިގެން ލިބޭ ފައިސާއިން ކަމަށެވެ.

މި ބޮންޑުތައް ގަންނަނީ އެމްއެމްއޭ އިން ކަން ހާމަކޮށްފައި ނުވި ނަމަވެސް، ބޮންޑު ވިއްކާލައިގެން ލިބޭ ފައިސާ ޕެންޝަން އޮފީހުން އިންވެސްޓުކުރަނީ ދިވެހި ފައިސާ އާއި އެމެރިކާ ޑޮލަރުން ފައިދާ ލިބޭ ބޮންޑަކަށް ކަމަށް ބުނެފައި ވެއެވެ. އަދި މި މުއާމަލާތުގެ ސަބަބުން ބާޒާރުން ބޭރު ފައިސާ ގަންނަން ނުޖެހި، އިންވެސްޓްމަންޓެއްގެ ތެރެއިން ޕެންޝަން ފަންޑުގައި ބޭރު ފައިސާގެ ރިޒާވެއް އުފެދިގެންދާނެ ކަމަށް ވެސް ޕެންޗަން އޮފީހުން ބުނެފައި ވެއެވެ.

މި ބޮންޑު މުއާމަލާތުގެ މަސައްކަތް ފެށި ފަހުން ޕެންޝަން އޮފީހުގެ ބޯޑުން މިހާތަނަށް ސުޖާތާގެ އިތުރުން 4 ބޭފުލަކު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އެގޮތުން ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން ޑރ. އަހުމަދު އިނާޒް ވަނީ މި މަހުގެ 1 ވަނަ ދުވަހު އިސްތިއުފާ ދެއްވާފައެވެ.

މީގެ އިތުރުން އަމިއްލަ ވިޔަފާރިތައް ތަމުސީލު ކުރާ މެންބަރެއްގެ ގޮތުގައި ހުންނެވި ސަރުވަޝް އާދަމް މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ ތެރޭގައި ވަނީ އިސްތިއުފާ ދެއްވާފައެވެ. މީގެ އިތުރުން ވެސް ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު، ހައްވާ ފަޖުވާ ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ. ނަމަވެސް ފަޖުވާ ވަކިވީ ކޮން ސަބަބަކާ ގުޅިގެން ކަން ހާމަ ކުރައްވާފައި ނުވެއެވެ.