ރާއްޖެއަށް ކުރިމަތިވެފައިވާ ދަރަނީގެ މައްސަލައަކީ މިހާރުގެ ސަރުކާރަށް އެކަނި ހައްލު ހޯދޭނެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހި ދައުލަތުގެ ދަރަނީގެ މައްސަލައަކީ އަދުގެ ސަރުކާރަށް އެކަނި ހައްލު ހޯދޭނެ ބާވަތުގެ ކަމެއް ނޫން ކަމަށާއި އެއީ މިހާރު ގައުމީ މައްސަލައެއް ކަމަށެވެ.

ނަޝީދު ވިދާޅުވީ ދިވެހިންނަށް އަނބުރާ ދެއްކުން ނުކުޅަދާނަ މިންވަރުގެ ބޮޑު އިންޓަރެސްޓެއްގައި ދަރަނި ނަގައި، އެ ފައިސާއިން ކުރާ ހަމައެކަނި ކަމަކީ ކުރީގެ ދަރަނި ދެއްކުން ކަމަށްވުމުން، ރާއްޖެ ދަރަނީގެ ދަންތުރައެއްގައި ރަނގަޅަށް ބަނދެވިފައިވާ ކަން ސާފުކަމަށެވެ.

މި އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައިވާ ގޮތުން، ދަރަނި ދެއްކުމަށް 12.9 ބިލިއަން ރުފިޔާ ހޭދަކުރާ އިރު އިންޓްރެސްޓް ހަރަދުގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ހިމަނާފައި ވެއެވެ. އެހެންކަމުން، ދަރަނި ދެއްކުމުގެ ޖުމްލަ ހަރަދަށް 18.4 ބިލިއަން ރުފިޔާ ހޭދަވާނެއެވެ. އޭގެ ތެރޭގައި، ކުރީގެ ސަރުކާރުން ނަގާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކު، އަންނަ އޭޕްރީލް މަހު އަނބުރާ ދެއްކުން ހިމެނެއެވެ.

ދައުލަތުން ދައްކަންޖެހޭ ދަރަނިތައް، ޑިފޯލްޓުނުވެ، ދެއްކޭނެ ކަމުގެ ޔަގީންކަން މި ސަރުކާރުން ވަނީ ދީފައެވެ.