ސަރުކާރުން ނަގަން މަސައްކަތް ކުރާ 2.4 ބިލިއަން ރުފިޔާގެ ބޮންޑުގެ މައްސަލައިގައި, ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން ޑރ. އަހުމަދު އިނާޒް އިސްތިއުފާ ދެއްވައިފިއެވެ.

އިސްތިއުފާ ދެއްވިކަން ހާމަކޮށް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ވެސް ކުރެއްވި އިނާޒް ވިދާޅުވީ، ދިވެހި ދައުލަތުގެ މާލީ ހާލަތު ކަންބޮޑުވާ މިންވަރަކަށް ދަށަށް ދާ ދަނޑިވަޅެއްގައި ސަރުކާރުން ހުށަހަޅާފައިވާ 2.4 ބިލިއަން ބޮންޑުގެ މައްސަލައިގައި ގިނަގުނަ މަޝްވަރާތަކުން ވެސް ދެމެހެއްޓެނިވި ހައްލެއް ހޯދުނު ކަމަށް ގަބޫލު ނުކުރައްވާ ކަަމަށެވެ.

އަދި އިސްތިއުފާ ދެއްވި މައިގަނޑު ސަބަބަކީ އެމްއެމްއޭ މެދުވެރިކޮށް މި މުއާމަލާތަށް ފައިސާ ހޯދުމަކީ އިގްތިސާދަށް މި ހާލަތުގައި ގެއްލުން ބޮޑު ނިންމުމެއް ކަމަށް ޓެކްނިކަލީ ގަބޫލް ކުރެވޭތީ ކަމަށް އިނާޒް ވިދާޅުވެފައި ވެއެވެ.

އެމްއެމްއޭ މެދުވެރިކޮށް މި މުއާމަލާތަށް ފައިސާ ހޯދުމަކީ އިގްތިސާދަށް މިހާލަތުގައި ގެއްލުން ބޮޑު ނިންމުމެއްކަމަށް ޓެކްނިކަލީ ގަބޫލްކުރެވޭތީ ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު ގެ ޗެއާރޕާސަން ކަމުން މިއަދުން ފެށިގެން އަޅުގަނޑު އިސްތިއުފާ ދީފިން"
އިނާޒް

ހުސްވި އަހަރުގެ އޮކްޓޯބަރު މަހު ޕެންޝަން އޮފީހުގެ ބޯޑުން ވަނީ މަރުކަޒީ ބޭންކް، އެމްއެމްއޭއާ އެކު ފައިސާގެ މުއާމަލާތެއް ކުރަން ފާސްކޮށްފައެވެ.

އެ ނިންމުން ނިންމާފައި ވަނީ ޕެންޝަން އޮފީހާ ގުޅިގެން އެމްއެމްއޭއިން ސެކަންޑަރީ މާކެޓުގައި ސަރުކާރުގެ ބޮންޑެއް ވިއްކާ ގޮތަށް ނަމަވެސް އެއީ ފައިސާ ޗާޕުކުރުން ކަމަށް ބުނެ އަމިއްލަ ވިޔަފާރިތައް ތަމުސީލު ކުރާ މެންބަރެއްގެ ގޮތުގައި ހުންނެވި ސަރުވަޝް އާދަމް ވަނީ ހަމަ އެ މަހު އިސްތިއުފާ ދެއްވާފައެވެ. މީގެ އިތުރުން ވެސް ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު، ހައްވާ ފަޖުވާ ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ. ނަމަވެސް ފަޖުވާ ވަކިވީ ކޮން ސަބަބަކާ ގުޅިގެން ކަން ހާމަ ކުރައްވާފައި ނުވެއެވެ.

އެ މުއާމަލާތާ ގުޅޭ ގޮތުން އިނާޒް މީގެ ކުރިން ވިދާޅުވީ، ޕެންޝަން އޮފީހާ ގުޅުން ހުރި ގާނޫނުތަކާއި ގަވާއިދުތަކާއި ޕޮލިސީތައް އަދި އެތެރޭގެ އުސޫލުތަކާ ވެސް ހިލާފަށް ޕެންޝަން ބޯޑާއި މެނޭޖްމަންޓުން އަމަލުކޮށްފައި ނުވާނެ ކަމުގެ ޔަގީން ކަން ދެއްވާ ކަމަށެވެ.