ކުނިތަކެއްގައި ރޯވެ ގުދަނަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ހުޅުމާލޭ ޗަނބޭލީ5 ގޯޅިތެރޭގައި ހުރި ގުދަނެއްގައި ކަމަށެވެ.

ލޮޓް ނަންބަރު 11154 ގޭގައި ހުރި ގުދަނެއްގައި ރޯވެފައި ވަނީ ރޭ މެންދަމު 3:30 އެހާއިރުއެވެ. އަދި ފަޔާފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ 03:40 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

އަލިފާން ރޯވެފައި ވަނީ ގުދަނުގެ ބޭރުގައި ހުރި ކުނިތަކެއްގައިކަން ފާހަގަކޮށް އެމްއެންޑީއެފް އިން ބުނީ، އަލިފާނުގެ ސަބަބުން ގުދަނުގެ ބިއްލޫގަނޑު ތަޅައިގެންގޮސް ގުދަނުގެ ތެރެއަށް އަލިފާންގަނޑު ފެތުރި އެތަނުގައި ހުރި މުދަލަށާއި އިމާރާތުގެ ކަރަންޓު ވަޔަރިންގްއަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

އަދި އިމާރާތުގައި ކަރަންޓު ނެތުމުގެ ސަބަބުން އެ އިމާރާތުގައި ދިރިއުޅޭ ފަރާތްތަކަށް މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ވެސް އެމްއެންޑީއެފްއިން ބުނެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވެއެވެ.

ހުޅުމާލޭ ފޭސް 1 ގެ، ޗަނބޭލީ ގޯޅީގައި 6 ފަންގިފިލާއަށް ހަދާފައި ހުރި އިމާރާތެއްގެ ތިރީގައި ހުރި ގުދަނެއްގައި އަލިފާން ރޯވެ ލިބުނު ގެއްލުންތައް

މި ހާދިސާއާއި ގުޅިގެން ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއިން ބުނީ، އެ އިމާރާތުގެ 2 އެޕާޓްމަންޓަކުން 21 މީހުންނަށް އެ އޮތޯރިޓީން ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމްތައް ހަމަޖައްސާދީފައިވާ ކަަމަށެވެ.

މީގެ ކުރިން ވެސް އަލިފާނުގެ އެކި ހާދިސާތައް ހިނގާފައިވާއިރު ދާދިފަހުން އެކި އެކި ކުނިފުނިތަކުގައި އަލިފާން ރޯވާ މައްސަލަ ވަނީ އާންމުވެފައެވެ. މިފަދައިން އާންމުކޮށް ދިމާވަނީ ސިނގިރޭޓު ބުޔުމަށްފަހު އެއްލާލައި ފިލްޓަރުގެ ސަބަބުން ކަމަށް ފާހަގަވެފައި ވެއެވެ.