ޖަމާއީ މިސްކިތަކީ ސިންގަޕޫރުގައި ހުރި އެންމެ ދުވަސްވީ އެއް މިސްކިތް ކަމަށާއި، ސެންޓްރަލް އޭރިއާގެ ތެރޭގައި އޮންނަ ޗައިނާޓައުން ޑިސްޓްރިކްޓްގެ ސައުތު ބްރިޖް ރޯޑްގައި ހުންނަ މިސްކިތެއް ކަމަށެވެ. 1826 ވަނަ އަހަރު ބިނާކުރި މި މިސްކިތަށް ސިންގަޕޫރުގެ ތަމަޅަ މުސްލިމު ކޮމިއުނިޓީން ޗުލިއާ މިސްކިތް އަދި ޕެރިޔާ ޕަހުގެ ނަމުން ވެސް ނަންދީފައިވެއެވެ.

ޖަމާއީ މިސްކިތް ބިނާކޮށްފައިވަނީ ދެކުނު އިންޑިއާގެ ކޮރޮމަންޑެލް އައްސޭރީގައި ތިބި ތަމަޅަ މުސްލިމުންނެވެ. މި މީހުން ވަނީ 1820 ވަނަ އަހަރު މެލޭޝިއާ އަދި ސިންގަޕޫރު ފަދަ ގައުމުތަކަށް ހިޖުރަކުރި މީހުންނެވެ. އެމީހުން އެންމެ ފުރަތަމަ ސިންގަޕޫރަށް އައީ ވިޔަފާރިވެރީގެ އެކި އެކި ބޭނުންތަކަަށެވެ. އަދި ސިންގަޕޫރުގައި ހޭދަވި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ތިން މިސްކިތް ގާއިމްކޮށްފައިވާއިރު، އެމީހުން ބިނާކުރި ފުރަތަމަ މިސްކިތަކީ ޖަމާއީ މިސްކިތެވެ.

1900 ވަނަ އަހަރު ޖަމާއީ މިސްކިތް

އެންމެ ފުރަތަމަ އަންސާރު ސައިބުގެ ލީޑަޝިޕްގެ ދަށުން 1826 ވަނަ އަހަރު ސައުތު ބްރިޖް މަގުގައި މިސްކިތެއް ގާއިމްކުރިއިރު، މިހާރު މިފެންނަ ގޮތަށް، ޖަމާއޭ މިސްކިތް އެ ސަރައްހައްދުގައި ހެދީ 1830 އާއި 1835 އާ ދެމެދުގެ އަހަރުތަކުގައެވެ. މި މިސްކިތަށް ހިދުމަތްކުރި ފަރާތް 1881 ވަނަ އަހަރު، މަރުވުމާއެކު މިސްކިތުގެ ކަންކަން ފަސް ފަރާތަކާއި ހަވާލުކުރިއެވެ.

1894 ވަނަ އަހަރު، ކޯޓަށް އައްޔަންކުރި އާ ޕެނަލެއްގެ ދަށުން މިސްކިތުގެ ކަންތައްތައް ވަނީ ބަލަހައްޓާފައެވެ. 1917 ވަނަ އަހަރު މުހައްމަދު އަދި ހިންދޫ އެންޑޯމެންޓްސް ބޯޑުން މިސްކިތުގެ ކަންތައްތައް ބެލެހެއްޓުމަށް ހަވާލުވިއެވެ. އެމީހުން މި މިސްކިތުގެ ކަންތައްތައް ބަލަހައްޓާފައިވަނީ 1968 ވަނަ އަހަރު މަޖްލިސް އުގާމާ އިސްލާމް ސިންގްޕޫރާ މި މިސްކިތް ހަވާލުވަންދެނެވެ.

ޖަމާއީ މިސްކިތް

1835 ވަނަ އަހަރު މި މިސްކިތް ބިނާކުރި ފަހުން މާ ބޮޑު ބަދަލުތަކެއް ގެންސްފައި ނުވި ނަމަވެސް 1996 ވަނަ އަހަރު މިސްކިތް މަރާމާތުކުރުމުގެ މަސައްކަތްވަނީ ކޮށްފައެވެ. 2022 ވަނަ އަހަރު މިނިސްޓަރީ އޮފް ސްޓޭޓް ފޯ ނޭޝަނަލް ޑިވެލޮޕްމަންޓް އމުހައްމަދު ފައިޝަލް އިބްރާހިމް ވަނީ 3 މިލިއަން ޑޮލަރުގެ ރިސްޓޯރޭޝަން ޕްރޮޖެކްޓެއް ކުރިއަށް ގެންދާނެ ކަން އިއުލާންކޮށްފައެވެ. ޖަމާއީ މިސްކިތް ވަނީ ނޮވެމްބަރު، 19 1974 ގައި ގައުމީ އާސާރީ ބިނާއެއްގެ ގޮތުގައިވެސް ހިމަނާފައެވެ.