ޗާގޯސް މޮރިޝަސްއަށް ދިނުމުގެ ބިލަށް ވޯޓުދިނުން ފަސްކުރުމަށް އިނގިރޭސިވިލާތުން ނިންމުމުން، މިއީ ފޯޅަވަހި ހޯދުމަށް ލިބޭ ފުރުސަތެއްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތާއެކު މޮރިޝަސްއިން ހެދި އެއްބަސްވުމުގެ ދަށުން އެ ރަށްތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކޮށް، އެންމެ ބޮޑު ރަށް ޑިއޭގޯ ގާސިއާގައި ގާއިމުކޮށްފައިވާ އެމެރިކާ-އިނގިރޭސިވިލާތުގެ ވައިގެ މަރުކަޒުގެ ކޮންޓްރޯލް އިނގިރޭސިވިލާތަށް ދިގު މުއްދަތަކަށް ކުއްޔަށް ދިނުމަށް ނިންމިއެވެ.

އިނގިރޭސިވިލާތުގެ ހައުސް އޮފް ލޯޑްސް އިން، ފޯޅަވަހި ހިމެނޭ ޗާގޯސް ރަށްތައް މޮރިޝަސްއަށް ދިނުމުގެ އެއްބަސްވުން ފާސްކުރަން ތައްޔާރުވަމުން ދަނިކޮށް، އެއަށް އަމަލު ކުރަން އދ.ގެ ކޮމިޓީއަކުން ވެސް ގޮވާލާފައިވެއެވެ.

ބިލަށް ވޯޓު ދިނުން ފަސްކުރުމާ އެކު އެކަން ފާހަގަކުރައްވައި، އެކްސްގައި ކުރި ޕޯސްޓެއްްގައި ނަޝީދު ވިދާޅުވީ ފޯޅަވަހީގެ ސިޔާދަތީ ބެލެނިވެރިކަން ރާއްޖެއަށް ލިބުމުގެ ފުރުސަތު އަދި ގެއްލިގެން ނުދާ ކަމަށެވެ.

ދާދި ފަހުން ރައީސް ޑރ މުހައްމަދު މުއިއްޒު އިނގިރޭސިވިލާތުގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް މޮރިޝަސްއަށް ވުރެ ބޮޑަށް، ޖިއޮގްރަފީ ގޮތުންނާއި ތާރީހީ ގޮތުންނާ އަދި ގާނޫނީ ގޮތުން ވެސް ރާއްޖެއަށް އޮތް ހައްގު ބޮޑު ކަމަށެވެ.