ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަމުގައި އޮޅުވާލައިގެން ކުރާ ކޯލްތަކާއި މެސެޖުތަކަށް ސަމާލުވުމަށް އެ ކުންފުނިން އިލްތިމާސްކޮށްފިއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި އެ ކުންފުނިން ވަނީ އެޗްޑީސީގެ ނަމުގައި އޮޅުވާލައިގެން ކުރާ ކޯލްތަކާއި މެސެޖުތަކަށް ސަމާލުވުމަށާއި، އެއްވެސް ފަރާތަކަށް އަމިއްލަ މައުލޫމާތު ނުވަތަ ފައިސާގެ މުއާމަލާތެއް ނުހިންގުމަށް އިލްތިމާސްކޮށްފައެވެ.

އެ ކުންފުނީގެ ނަމުގައި ވައިބަރ، އެސްއެމްއެސް އަދި އާދައިގެ ފޯނު ކޯލްތައް މެދުވެރިކޮށް އޮޅުވާލައިގެން މައުލޫމާތު ހޯދުމަށް ކުރަމުންދާ މަސައްކަތައް އާންމުން ސަމާލުވުމަށް ބުނެފައިވެއެވެ.

ހައުސިންގ މަޝްރޫއުތަކާއި ސޯޝަލް ހައުސިން ނުވަތަ ފްލެޓްތަކާ ގުޅޭ އެއްވެސް މައުލޫމާތެއް ކުރުމަށް އެޗްޑީސީން ވައިބަރ ނުވަތަ ފޯނު ކޯލެއް މެދުވެރިކޮށް އާންމުންނަށް ނުގުޅާނެކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ އަރުވާފައެެވެ.

މިހާރަކަށް އައިސް މިފަދަ ސްކޭމްގެ މައްސަލަތައް ގިނަވާތީ ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.