ބޮޑު ކަންނެލި ގަންނަ އަގަށް ބަދަލު ގެނެސްފިއެވެ.

މިފްކޯއިން ބުނި ގޮތުގައި މި ބަދަލު ގެނެސްފައި ވަނީ އިއްޔެއިން ފެށިގެންނެވެ. އެގޮތުން، މިފްކޯގެ ސެންޓަރުތަކަށާއި ބޯޓުފަހަރަށް 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ކަންނެލި ގަންނަން ފަށާފައިވާއިރު މި ސައިޒުގެ ކަންނެލި ގަތުމަށް ކަނޑައަޅާފައިވަނީ ކިލޯއެއް 20ރ. ގެ މަގުން ކަމަށް މިފްކޯއިން ބުނެއެވެ.

އެއާއެކު ކޫއްޑޫ ބަނދަރާއި އައްޑޫ ބަނދަރާއި އަދި ފުވައްމުލަކާއި ގދ. ގައްދޫއާއި ގދ. ތިނަދޫން މިފްކޯގެ ބޯޓުފަހަރަށް މި ސައިޒުގެ ކަންނެލި އިއްޔެ ގަންނަން ވަނީ ފަށާފައެވެ.

މީގެ އިތުރުން ވެސް 15 ކިލޯއިން މަތީގެ ކަންނެލި 25ރ. ގެ މަގުން މިފްކޯގެ ސެންޓަރުތަކަށާއި ބޯޓުފަހަރަށް ގަންނަމުންދާކަން ފާހަގަކޮށް މިފްކޯއިން އިތުރަށް ބުނީ، ކަޅުބިލަމަހެކޭ އެއްފަދައިން މިފްކޯއަށް ކިރުވާ ކަންނެލި މަހަށްވެސް 48 ގަޑިއިރުތެރޭ ފައިސާ ދޫ ކުރަމުންދާނެ ކަމަށެވެ.

މި ބަދަލު ގެނެސްފައި ވަނީ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން، ކަންނެލި މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކޮށްދިނުމަށް މިފްކޯއާ ގުޅިގެން ކުރެވޭ މަސައްކަތުގެ ދަށުން ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. އަދި މި މުހިންމު ފިޔަވަޅުގެ ސަބަބުން ކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކަށް ބޮޑު ހައްލެއް ލިބި، ކަންނެލި މަސްވެރިކަމަށް ކުރިއެރުންތަކެއް ލިބުގެންދާނެ ކަމަށް މިފްކޯއިން ބުނެއެވެ.

ބޮޑު ކަންނެލީގެ މަސްވެރިކަމަށް ދިމާވާ ގޮންޖެހުންތައް ސަރުކާރުގެ ސަމާލުކަން ގެނެއުމަށް މިދިޔަ ޑިސެމްބަރު މަހު ވަނީ ކަނޑުމަތީ ސުލްހަވެރި އިހުތިޖާޖެއްވެސް ކޮށްފައެވެ. "ދެން ނުވާނެ، ދެން ނުފުރޭނެ" ނަމުގައި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މި އިހުތިޖާޖުގައި ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް ބޮޑު ކަންނެލި ގަންނަން ފެށުމާއި ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80ރ. އާއި 100ރ. އާ ދެމެދު ކަމަށް ކަނޑައެޅަން ރައީސް ވެފައިވާ ވައުދުފުޅާ އެއްގޮތަށް ކަންކަން ނުދިޔުން ހިމެނެއެވެ.

އަދި ހަމަ އެހެންމެ ސް ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ ގޮތް ހަދައިދިނުމާއި މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެފައިވާ ވައުދާ ނުފުއްދުމާ ގުޅިގެން މަސްވެރިން ވަނީ އަޑުއުފުލާފައެވެ.