ރާއްޖޭގެ އެންމެ އުތުރުން އޮންނަ ޗާގޯސްގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރި ނަމަވެސް އެތަން ލިބުން އެންމެ ހައްގުކަން ބޮޑު ގައުމަކީ ދިވެހިރާއްޖެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަނެއްކާވެސް ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވެފައި ވަނީ އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ 'އެކްސްޕްރެސް' އަށް ދެއްވި އިންޓަވިއުއެއްގައެވެ. ރައީސް ވިދާޅުވި ގޮތުގައި ޗާގޯސްގެ ރަށްތަކާ ދިވެހިރާއްޖެއާ ތާރީހީ ގުޅުންތަކެއް އެބަހުރިއެވެ. އަދި އެ ގުޅުމާ ބެހޭ ހެކިތައް ލިޔެކިޔުންތަކުން ފެންނަން ހުރުމުން ރާއްޖޭން ގަބޫލުކުރަނީ އެހެން އެއްވެސް ގައުމަކަށް ވުރެ ޗާގޯސް ހައްގުވަނީ ދިވެހިރާއްޖެއަށް ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ޗާގޯސް ދޭންޖެހޭނީ ރާއްޖެއަށް ކަމަށް ރާއްޖޭން ގަބޫލުކުރާކަން އިނގިރޭސި ސަރުކާރަށް ރަސްމީކޮށް އަންގައި އެގޮތަށް ރާއްޖޭން ދެކޭ ސަބަބުތައް ވެސް ހާމަކޮށްފައިވާނެކަން ފާހަގަ ކުރައްވާ ރައީސް އިތުރަށް ވިދާޅުވީ، އެކަން އިނގިރޭސި ސަރުކާރުގެ ސަމާލުކަމަށްވެސް ގެނެސްފައިވާ ކަމަށެވެ.
ރައީސް މިފަދައިން ވިދާޅުވިއިރު އެމަނިކުފާނު ވަނީ މޮރިޝަސް އަށް ޗާގޯސް ދިނުމަށް ވުރެ ރާއްޖެއާ އެތަން ހަވާލުކުރުން މާ އައުލާކަން ބޮޑު ކަމަށް މީގެ ކުރިން ވެސް ވިދާޅުވެފައެވެ. ރައީސް އޭރު އެފަދައިން ވިދާޅުވެފައި ވަނީ އިނގިރޭސިވިލާތަށް ފޮނުވި ސިޓީފުޅެއްގައެވެ.
ޗާގޯސްގެ މިލްކުވެރިކަމުގެ މައްސަލައިގައި މޮރިޝަސް އިން ވަނީ 2018 ވަނަ އަހަރު އިނގިރޭސި ވިލާތް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ގެންގޮސްފަ އެވެ. އޭގެ ފަހުން 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކޯޓުން އިސްތިޝާރީ ލަފައެއް ނެރެފައިވާއިރު އޭގައި ބުނެފައި ވަނީ ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސް އަށް ކަމަށެވެ.
މޮރިޝަސް އިން ރާއްޖެއާއި ޗާގޯސް ކަނޑުގެ ފުށޫ އަރާ ސަރަހައްދާ މެދު ގޮތެއް ނިންމައި ދޭން ނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށްވެސް ހުށަހެޅިއެވެ. އެ މައްސަލައިގައި ރާއްޖެ އާއި މޮރިޝަސްގެ އިގްތިސާދީ ސަރަހައްދު ކުރަހާއިރު 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ފުށުއަރާތީ އެތަން ދެ ގައުމަށް ބަހާލީ ރާއްޖެއަށް މުޅި ޖުމްލަ 47،232 އަކަކިލޯމީޓަރު ލިބޭ ގޮތަށެވެ. މޮރިޝަސް އަށް ލިބުނީ 45،331 އަކަކިލޯ މީޓަރެވެ.
ޗާގޯސް އަލުން އަނބުރާ މޮރިޝަސް އަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމާ ސޮއި ވެސް ކޮށްފައިވާއިރު އެކަން އެގޮތަށް ނިންމާފައިވަނީ އެމެރިކާގެ ވެސް ރުހުމާ އެކު ކަމަށް ބޭރުގެ ރިޕޯޓުތަކުން ބުނެއެވެ.
