މީހެއްގެ ބޭންކު އެކައުންޓް ހެކްކޮށް ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައިގައި މީހަކު ހައްޔަރުކޮށް އޭނާގެ ބަންދުގެ މުއްދަތު ތިން ވަނަ ފަހަރަށް އިތުރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގއ. ގެމަނަފުށި / ރަންކޮކާގެ، ނަދީފް މުޙައްމަދު (36އ) އެވެ.
ފުލުހުން ބުނީ، ނަދީފް މުހައްމަދު ހައްޔަރުކޮށްފައި ވަނީ، މިދިޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވހު ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އެއީ މިދިޔަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ވަގުތެއްގައި، ވިޔަފާރި ކުރާ މީހަކަށް ކަސްޓަމަރެއްގެ ގޮތުގައި ގުޅައި އޯޓީޕީ ފޮނުވަން ބުނުމުން އޯޓީޕީ ފޮނުވި ފަހުން އެމީހާގެ ބޭންކު އެކައުންޓުން ފައިސާ ކެނޑިފައިވާ ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލާގައި ތަހުގީގުން އެނގިފައިވާ ގޮތުގައި އޭނާ ވަނީ 29،600 އަށް ވުރެ ގިނަ ފައިސާ އެހެން މީހެއް އެކައުންޓަށް ޖަމާކޮށް، އެކިފަހަރު މަތިން 24،700 ރުފިޔާ އޭޓީއެމް މެދުވެރިކޮށް ނަގާފައި ކަަމަށް ވެސް ފުލުހުން ބުނެއެވެ. އަދި 4900 އަށްވުރެ ގިނަ ރުފިޔާ އެހެން ފަރާތެއްގެ އެކައުންޓަށް ޖަމާކުރުމަށްފަހު އެ ފައިސާތައް ނަގާފައިވާ ކަަމަށް ފުލުހުން ބުނެފައި ވެއެވެ.
މީގެއިތުރުން ނަދީފް މުހައްމަދު އަކީ އެކި ފަރާތްތަކުގެ އަތުން ކޭޝްކާޑު ކުއްޔަށް ނަގައިގެން އޭޓީއޭމް މެދުވެރިކޮށް ސްކޭމްގެ ފައިސާ ނަގަމުންދާ މީހެއްކަން ވެސް ތަހުގީގަށް އެނގިފައިވާ ކަަމަށް ފުލުހުން ބުނެއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވާ ނަދީފްގެ ބަންދާމެދު ގޮތެއް ނިންމުމަށް އެންމެ ފުރަތަމަ ކޯތަށް ހާޒިރު ކުރުމުން ވަނީ 10 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައި ކަމަށް ފުލުހުން ބުނެއެވެ. އެއަށްފަހު ދެވަނަ ފަހަރަށް ބަންދުގެ މުއްދަތް އިތުރުކޮށް ވަނީ 10 ދުވަހުގެ މުއްދަތެއް ދީފައި ކަމަށާއި އެ މުއްދަތު ހަމަވުމުން އެންމެ ފަހުން ވަނީ 7 ދުވަހުގެ މުއްދަތެއް އިތުރު ކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ އެންޓި ސްކޭމް ސެންޓަރުން ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.
