މާލޭގައި ޑެންގީ ހުމާއި ބޭރަށް ހިންގުމާއި އަރިދަފުސް ރޯގާ އިތުރުވަމުންދާތީ ހާއްސަ ސަމާލުކަމެއް ދިނުމަށް އައިޖީއެމްއެޗްއިން އެދެފިއެވެ.
އެ ހޮސްޕިޓަލުން މިއަދު ބަޔާނެއްގައި ބުނީ، އެހޮސްޕިޓަލަށް ދައްކާ ފަރާތްތަކުގެ ތެރެއިން އަރިދަފުސް ރޯގާ، ބޭރަށް ހިންގުމާއި ޑެންގީ ހުން އިތުރުވަމުންދާ ކަމަށެވެ. އެހެންކަމުން ރޯގާގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނާއި، ހޮސްޕިޓަލަށް ވަޑައިގަންނަވާއިރު މާސްކް އެޅުމަށް ހޮސްޕިޓަލުން ވަނީ އެދިފައެވެ.
އަދި އުމުރުން ދުވަސްވީ މީހުންނާއި ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނާއި ކުޑަކުދިންނާއި މާބަނޑު މީހުން އަދި ދިފާއީ ނިޒާމް ބަލިކަށި މީހުންނަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައި ވެއެވެ. މީގެ އިތުރުން ވެސް އެ ހޮސްޕިޓަލުން ފާހަގަކުރި ކަންތައްތަކުގެ ތެރޭގައި:
- ސާފިތާހިރު ކަމަށް އިސްކަންދިނުމާއި ރަނގަޅަށް ސައިބޯނިލައިގެން އަތްދޮވުން ނުވަތަ ހޭންޑް ސެނިޓައިޒާ ބޭނުންކުރުން
- މަދިރި އާލާވާފަދަ ފެންހަރުލާތަންތަން ނައްތާލުމާއި މަދިރި ހެފުމުން ރައްކާތެރިވުން
- ކޮންމެހެން ބޭނުން ޖެހިގެން ނޫން ގޮތަކަށް ހޮސްޕިޓަލަށް ޒިޔާރަތްނުކުރުން
ހުމާއި އަރިދަފުސް ރޯގާ ހުންނަ ހުރިހާ ފަރާތްތަކަށް ހާއްސަކޮށް އިއްޔެ އައިޖީއެމްއެޗްގައި ވަނީ ހާއްސަ ފްލޫ ކްލިނިކެއް ވެސް ހުޅުވާފައެވެ. މި ފްލޫ ކްލިނިކްގެ ހިދުމަތްތައް ކޮންމެ ދުވަހެއްގެ ހެނދުނު 10:00ން ފެށިގެން ރޭގަނޑު 22:00އަށް ލިބެން ހުންނާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
ޑެންގީ ހުމުން ރައްކާތެރިވުމަށްޓަކައި ހުސް ފުޅި/ދަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތި ތެރެއަށާއި މަގުމައްޗަށް އުކާނުލައި އެ ފަދަ ތަކެތި ނައްތާލައި، މަދިރިން ރައްކާތެރިވުމަށްޓަކައި ހަށިގަނޑު ރަނގަޅަށް ނިވައިވާގޮތަށް ހެދުން އެޅުމާއި، މަދިރި ލޯޝަނާއި ސްޕްރޭ އަދި މޮސްކިޓޯ ރެޕަލެންޓު ބޭނުންކުރެވިދާނެއެވެ. އަދި ހަމަ އެހެންމެ މަދިރި އެންމެ ގިނަވާ ގަޑިތައް ކަމުގައިވާ، ހެނދުނު އިރުއަރާ ގަޑިއާއި އަދި ހަވީރު އިރުއޮއްސޭ ވަގުތު ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށްވެސް ސަމާލުކަންދޭން ޖެހެއެވެ.
ޑެންގީ ހުމުގެ އަލާމާތްތަކުގެ ތެރޭގައި، ގައިގައި ރިއްސުމާއި، ހުން އައުމާއި، ބޮލުގައާއި ލޮލުގައި ރިއްސުމާއި އަދި ހަމުގައި ކުދި ބިހިތައް ނެގުން ހިމެނެއެވެ.
