މުދާ އުފުލާ ދޯނި ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ބިދޭސީ މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އިއްޔެ ހިނގި މި ހާދިސާގައި ބަންޑުން ޖަހާލާފައިވަނީ "ބަލްމާ -6" ނަމަކަށް ކިޔާ ދޯންޏެކެވެ. އިއްޔެ ހެނދުނު 7:27 އެހާކަންހާއިރު ކ. ވާދޫ ކައިރިއަށް ބަންޑުން ޖަހާލި މި ބޯޓުން 4 މީހުން ދަތުރުކުރިއެވެ. އަދި އެތަނުން ދެ މީހަކު އެސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ނަގާފައިވާއިރު އަނެއް ދެ މީހުން ވަނީ ގެއްލިފައެވެ.
ގެއްލުނީ ދިވެއްސަކާއި ބިދޭސީއަކަށްވާއިރު ދިވެހި މީހާ ނިޔާވެފައި އޮއްވާ ފެނުނީ އިއްޔެ 11:00 އެހާއިރުއެވެ. އޭނާ ފެނުނީ ތާޖް އެގްޒޯޓިކާ ރިސޯޓުގެ ފަޅުތެރެއިން ކަމަށްވާއިރު މި ހާދިސާގައި މަރުވެފައި ވަނީ ބ. ހިތާދޫއަށް ނިސްބަތްވާ އުމުރުން 60 އަހަރުގެ އަލީ ހުސައިނެވެ.
އަދި ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާއިރު މިހާތަނަށް އޭނާ ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
އަދި އެ ސަރަހައްދުގައި ފުލުހުންގެ އިތުރުން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އާއި ކޯސްޓްގާޑް ޑައިވަރުންގެ ޓީމެއްވެސް ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
އެ ބޯޓާއި ބޯޓުގައި ހުރި ބައެއް ތަކެތި އޮޔާ ދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފްއިން ވަނީ އެދިފައެވެ.
