މި ދައުރުގެ ތެރޭގައި ގޯތިތައް ދީ، ރަޖިސްޓްރީ ހަދައިދީ، ގޯތި ހަވާލުކޮށް ނިންމަވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ.
މުއްތަލިބު މިފަދައިން ވިދާޅުވެފައިވަނީ މިއަދު ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ، "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމާ ގުޅޭ ގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން މުއްތަލިބު ވިދާޅުވީ ރައްޔިތުންނަށް ބޯހިޔާވަހިކަމަށް ވަދެވޭ ވަރަށް ޕްރޮޖެކްޓު ނިންމާ ސަރުކާރަކަށް މި ސަރުކާރު ވާނެކަމަށާއި މިއީ މީގެ ކުރިން އެއްވެސް ސަރުކާރަކަށް ވެފައި އޮތް ކަމެއް ނޫން ކަމަށެވެ.
އިތުރަށް މުއްތަލިބު ވިދާޅުވީ މިއަދު އިއުލާނުކުރި ބޯހިޔާވަހިކަމުގެ ތެރޭގައި ނުފަށާ އެއްވެސް މަޝްރޫއެއް ނުހިމެނޭނެ ކަމަށާއި، ރަސްމާލެ ހިއްކުމުގެ މަޝްރޫއު ވެސް މިހާރު ހަލުވި ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ.
ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާފައިވަނީ މިއަދު ހެނދުނު 09:00 އިން 17 އެޕްރީލް ވާ ހުކުރު ދުވަހުގެ 23:59 ނިޔަލަށެވެ. އަދި ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 4 މާޗު ވާ ބުދަ ދުވަހުގެ 23:59 އެކެވެ.
ދިވެހި ކޮންމެ ދިވެހި ރައްޔިތަކީވެސް ބޯހިޔާވަހިކަމުގެ ހައްގު ކަށަވަރުވެފައިވާ ރައްޔިތަކަށް ހެދުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ. ”ބޯހިޔާވަހިކަން އެންމެންނަށް“ގެ ނަން ދީފައިވާ މި ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުންނާއި ރަސްމާލެ އިން ދޫކުރަން ހަމަޖެހިފައިވަނީ 7،900 ފްލެޓާއި 1،250 އަކަފޫޓުގެ 15,000 ގޯއްޗެވެ. ފްލެޓުތައް ދިނުމުގައި 15 ކެޓަގަރީއެއް ވަނީ ކަނޑައަޅައިފައެވެ.
މި 4،000 ފްލެޓުގެ ތެރެއިން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 2،200 ފްލެޓު، ވިލިމާލޭގެ ގެއެއްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 300 ފްލެޓު މާލޭ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 1،000 ފްލެޓު އަދި ފަހުން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 500 ފްލެޓު ވަނީ ކަނޑައަޅައިފައެވެ.
