ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ، "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާފައިވަނީ މިއަދު ހެނދުނު 09:00 އިން 17 އެޕްރީލް ވާ ހުކުރު ދުވަހުގެ 23:59 ނިޔަލަށް ކަމަށެވެ. ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 4 މާޗު ވާ ބުދަ ދުވަހުގެ 23:59އެއް ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މި އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ ޕޯޓަލް މެދުވެރިކޮށްކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ހައުސިން މިނިސްޓްރީން ބުނީ އެޕްލިކޭޝަން ހުށަހެޅުމަށް ބޭނުންކުރާނީ އީ-ފާސް ލޮގިންކަމަށާއި، ސްކީމްތަކަށް އެޕްލައިކުރުމަށްޓަކައި އީ-ފާސް އެކައުންޓަކީ ވެރިފައި ކޮށްފައިވާ އެކައުންޓަކަށް ވާންޖެހޭނެކަމަށެވެ.

ވަޒީފާއަށް ނުދާ ފަރާތްތަކަށްވެސް އެޕްލިކޭޝަން ހުށަހެޅޭނެކަން ފާހަގަކޮށް ހައުސިން މިނިސްޓްރީން ބުނީ ވަޒީފާއަކަށް ނުދިޔަނަމަވެސް އެމީހަކީ އެއްވެސް އާމްދަނީއެއް ހޯދުމަށް މަސައްކަތެއްކުރާ ފަރާތެއްނަމަ އެކަން ސާބިތުކޮށްދިނުމުގެ ލިޔުން ހުށަހެޅިދާނެކަމަށެވެ.

ސްކީމަށް އެޕްލައި ކުރުމަށް ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:

  • ކައިވެނިކޮށްގެން އުޅޭ ނަމަ ކައިވެނީގެ ސެޓުފިކެޓު

  • އަމިއްލަ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ބިމާއި އިމާރާތާއި ފްލެޓުގެ ރަޖިސްޓަރީ

  • މާލޭގެ ރަށްވެއްސެއް ނަމަ، މާލޭގައި ރަށްވެހިވެފައިވާ ތާރީހު އެނގޭ ގޮތަށް ކަމާ ގުޅޭ ދައުލަތުގެ އިދާރާއިން ދޫކޮށްފައިވާ ލިޔުން

  • މާލޭގައި ދިރިއުޅެމުންދާ އެހެން ރަށެއްގެ ރަށްވެއްސެއް ނަމަ މާލޭގައި މެދުނުކެނޑި 15 އަހަރު ދިރިއުޅެފައިވާކަން ސާބިތުކޮށްދެވޭނެ އުސޫލުގައި ނުވަތަ ޕޯޓަލުގައި ބަޔާންކުރާ ލިޔުން

  • އެޕްލިކަންޓު ވަޒީފާ އަދާކުރާނަމަ އެކަން ސާބިތުވާ ލިޔުން

  • ލައިސެންސް ލިބިފައިވާ އިދާރާއަކުން ނުވަތަ ސިއްހީ މަރުކަޒަކުން ދޫކޮށްފައިވާ ލިޔުން.

  • އެޕްލިކަންޓުގެ ނުވަތަ އެޕްލިކަންޓުގެ ބެލުމުގެ ދަށުގައިވާ އެއްވެސް ފަރާތެއްގެ ނުކުޅެދުންތެރިކަމެއް ހުންނަކަން ބަޔާންކޮށްފިނަމަ، އެންސްޕާ ގެ ނެޝަނަލް ޑިސްއެބިލިޓީ ރެޖިސްޓްރީގައި ނުކުޅެދުންތެރިކަން ހުރި ފަރާތެއްގެ ގޮތުގައި ރަޖިސްޓަރީވެފައިވާކަމުގެ ލިޔުން (ފުލެޓަށް އެދި ހުށަހަޅާނަމަ)

  • މައިންބަފައިން ދިރިއުޅެނީ އެޕްލިކަންޓާ އެކުގައި ކަން ސާބިތުކޮށްދިނުމަށް ހުށަހަޅާ އިގުރާރު

  • ހާއްސަ ކެޓަގަރީއަކަށް އެޕްލިކޭޝަން ހުށަހަޅާނަމަ، އެ ހާއްސަ ކެޓަގަރީއަކަށް ޝަރުތު ހަމަވާކަން އެނގޭނެ ލިޔުން

ދިވެހި ކޮންމެ ދިވެހި ރައްޔިތަކީވެސް ބޯހިޔާވަހިކަމުގެ ހައްގު ކަށަވަރުވެފައިވާ ރައްޔިތަކަށް ހެދުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ. ”ބޯހިޔާވަހިކަން އެންމެންނަށް“ގެ ނަން ދީފައިވާ މި ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުންނާއި ރަސްމާލެ އިން ދޫކުރަން ހަމަޖެހިފައިވަނީ 7،900 ފްލެޓާއި 1،250 އަކަފޫޓުގެ 15,000 ގޯއްޗެވެ. ފްލެޓުތައް ދިނުމުގައި 15 ކެޓަގަރީއެއް ވަނީ ކަނޑައަޅައިފައެވެ.

އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ކުދިން ބަލާ އެކަނިވެރި މައިންނާއި ބަފައިންނަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި ޒުވާނުންނާއި ޓެކްސީ ޑްރައިވަރުންނާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުން ހިމެނެއެވެ. އަދި ހަމަ އެހެންމެ ޝަރުއީ ދާއިރާގެ މުވައްޒަފުންނާއި މަސްވެރިންނާއި މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަހުރޫމުވެފައިވާ ފަރާތްތަކަގެ އިތުރުން ވެށިފަހި، ހިޔާ މަޝްރޫއު ފްލެޓު ލިބޭނެކަމުގެ ލިޔުން ލިބި ފްލެޓު ހަވާލު ނުކުރި ފަރާތްތައް ވެސް ހިމެެނެއެވެ.

މި 4،000 ފްލެޓުގެ ތެރެއިން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 2،200 ފްލެޓު، ވިލިމާލޭގެ ގެއެއްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 300 ފްލެޓު މާލޭ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 1،000 ފްލެޓު އަދި ފަހުން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 500 ފްލެޓު ވަނީ ކަނޑައަޅައިފައެވެ.