އާސަންދަ ސްކީމްގެ ދަށުން އައިނު ހެއްދޭނެ އިތުރު މަރުކަޒުތަކެއް ކަނޑައަޅައިފިއެވެ.

ހިލޭ އައިނުގެ ހިދުމަތް ފޯރުކޮށްދިނުމަށް އައިޖީއެމްއެޗްގައި ސަރުކާރުން އައިނު ފިހާރަހުޅުވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 27ވަނަ ދުވަހުއެވެ.

މާލޭގެ އިތުރުން ހުޅުމާލޭގައި ވެސް އައިނު ފިހާރައެއް ގާއިމްކޮށް، ހިދުމަތް ދެމުންދާއިރު ސަރުކާރުގެ އަމާޒަކީ އާސަންދައިގެ ދަށުން ގިނަ ބަޔަކަށް ފަސޭހަ ކަމާއެކު އައިނު ހެދުމުގެ މަގު ފަހިކޮށްދިނުމެވެ. އެހެންކަމުން ކްލިނިކްތަކާއި އައިނު ހައްދާ ފިހާރަކުން އާސަންދަ ލިބޭގޮތް ހަމަޖެއްސުމަށް ނިންމާފައިވާކަން ސަރުކާރުން އިއުލާން ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުއެވެ.

އެގޮތުން، މިއަދުން ފެށިގެން ކްލިނިކްތަކާއި އައިނު ފިހާރަތަކުގައި ރަޖިސްޓްރީވެފައިވާ އޮޕްޓޮމެޓްރިސްޓުން ޕްރިސްކްރައިބް ކުރާ އައިނުތަކަށް އާސަންދަ ސްކީމްގެ ދަށުން އެމްޕެނެލް ކޮށްފައިވާ 18 ސިއްހީ މަރުކަޒެއް އިއުލާންކޮށްފައެވެ. އެ މަރުކަޒުތަކަކީ:

  1. އޭޑީކޭ ހޮސްޕިޓަލް
  2. އެޑްވާންސް އައި ކްލިނިކް
  3. އެޑްވާންސް މެޑިކަލް ކްލިނިކް
  4. އެއިމްސް ޑައިގްނޯސްޓިކް ކެއާ
  5. އަޒްމީ ނައީމް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރު (އޭއެމްޑީސީ)
  6. ސިޓީ އޮޕްޓިކަލް ކްލިނިކް
  7. އައިކެއާ ކްލިނިކް
  8. އައިކެއާ ކްލިނިކް ހުޅުމާލެ ބްރާންޗް
  9. އައިކެއާ ހޮސްޕިޓަލް
  10. އައިކެއާ ހޮސްޕިޓަލް ހުޅުމާލެ 'އެނެކްސް'
  11. ފާރޫކު ހެލްތް ކެއާ
  12. މޯލްޑިކެއާ
  13. މެޑިކާ ހޮސްޕިޓަލް
  14. ނޫސަންދަ
  15. ސެނެހިޔާ
  16. ޓްރީޓޮޕް ހޮސްޕިޓަލް
  17. ވިޝަން ކްލިނިކް
  18. ޕަބްލިކް ހެލްތް ފެސިލިޓީސް

މީގެ އިތުރުން ވެސް މި ސަރުކާރުން ވަނީ އާސަންދަ ސްކީމްގެ ދަށުން އައިނު ހައްދަން ދޭ އެހީ ވެސް ބޮޑު ކޮށްފައެވެ. އެގޮތުން ހެލްތު އިންޝުއަރެންސްގެ ތެރެއިން ރައްޔިތުންނަށް އައިނު ހެއްދުމަށް މީގެ ކުރިން ދެމުން ދިޔައީ ކޮންމެ ދެއަހަރުން އެއް އަހަރު 1000 ރުފިޔާގެ އެހީތެރި ކަމެކެވެ. އެހެން ނަމަވެސް މިއަހަރުގެ ޖޫން މަހުން ފެށިގެން އައިނު ހައްދަން ދޭ އެހީ 2000 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ.

ލޮލުގެ މައްސަލަ ހުންނަ ފަރާތްތަކަށް އައިނު މުހިންމުވާއިރު، އައިނު ހެއްދުންވަނީ ބައެއް ހާލަތްތަކުގައި ހަރަދުބޮޑު ކަމަކަށެވެ. ރައްޔިތުންނަށް ބޭނުންވާ އަސާސީ މިފަދަ ހިދުމަތްތައް ފަސޭހަކަމާއެކު ހޯދުމުގެ ފުރުސަތު ފަހިކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.