މިއަހަރުގެ ފުރަތަމަ ކްރޫޒް ޝިޕް ރާއްޖެ އަތުވެއްޖެއެވެ.
އިމިގްރޭޝަނުން ބުނީ، މިދިޔަ ހޯމަ ދުވަހު އެމްއެސް ކްރިސްޓަލް ސިމްފަނީ ރާއްޖެއަށް އައީ ސީޝެލްސްގެ މަހޭއިން ފުރައިގެންނެވެ.
އަދި އެ ބޯޓުން އައި 479 ފަސިންޖަރުންނާއި 491 ފަޅުވެރިންނަށް ކްލިއަރެންސްގެ ހިދުމަތް ދީފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އެމްއެސް ކްރިސްޓަލް ސިމްފަނީ އަކީ ކްރިސްޓަލް ކްރޫޒް އިން އޮޕަރޭޓްކުރާ ލަގްޒަރީ ކްރޫޒް ޝިޕެކެވެ. މިއީ ރީތި ޑިޒައިންތަކާއި، ތަނަވަސް ސުއިޓްތަކާއި، ދުނިޔޭގެ ފެންވަރުގެ ޑައިނިން (މިޝެލިން ސްޓާ ކޮލިޓީ) އަށް މަޝްހޫރު ކްރޫޒް ޝިޕެކެވެ.
ކްރޫޒްލައިނާތައް ރާއްޖެ އަށް އައުމުން ޓޫރިޒަމްގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަދި އާންމުންނަށް ގިނަ ފައިދާތަކެއް ލިބެ އެވެ.
އެގޮތުން ސުވެނިއާ ޝޮޕްތަކުން އެމީހުން ގިނަ އަދަދަކަށް ވިޔަފާރި ކުރާއިރު މާލެއަށް ފައިބާ ޓޫރިސްޓުންގެ ތެރެއިން ގިނަ ބަޔަކު ދަނީ ދަތުރުވެރިންގެ މާރުކާޓުން ވެސް ވިޔަފާރި ކުރަމުންނެވެ.
