ރާއްޖެއަށް 60 ފަހަރު ޒިޔާރަތްކުރި އިނގިރޭސިވިލާތުގެ ދެމަފިރިއަކު ފީނުމުގެ ތެރޭގައި މަރުވެއްޖެއެވެ.

އިނިގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ 'ޑެއިލީ މެއިލް'ގައި ރިޕޯޓުކޮށްފައިވާ ގޮތުން އުމުރުން 70 އަހަރުގެ އެލެއިން ރިޗްމަންޑް މަރުވީ މިދިޔަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު އެއްލައިދޫ ބައި ސިނަމަން ރިސޯޓު ކައިރީގައި ފީނަން އުޅުމުގެ ތެރޭގައެވެ. އަދި އޭގެ ތިން ދުވަސް ފަހުން އޭނާގެ ފިރިމީހާ މެލްކޮމް ވެސް މަރުވެފައިވާ ކަމަށް އެ ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

އެ ނޫހުން ބުނެފައިވާ ގޮތުގައި މިދިޔަ 17 އަހަރު މެދުނުކެނޑި ކްރިސްމަސްގެ ޗުއްޓީ އެ މީހުން ހޭދަކުރީ ރާއްޖޭގަ އެވެ.

މިދިޔަ އަހަރު ވެސް ތިން ފަހަރު އެ މީހުން ރާއްޖެ އައި ކަމަށް ވެއެވެ. އެ ނޫހަށް މައުލޫމާތު ދިން އޭނާގެ އާއިލާ މީހަކާ ހަވާލާދީ ބުނެފައި ވަނީ އެ ދެ މީހުންގެ މަރުގައި ޝައްކު ކުރެވޭ ފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށެވެ.

ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސް އުޅެނިކޮށް މަރުވި އިނގިރޭސި ދެމަފިރިން

އަދި އެ ދެ މަފިރިން ވެސް ފެނުނީ އޮޔާދަނިކޮށް ކަނޑުމަތިން ކަމަށާއި އަންހެން މީހާ މަރުވެފައިވާއިރު ފިރިހެން މީހާ މަރުވެފައި ވަނީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށް ވެއެވެ. ނަމަވެސް އެ ހާދިސާ ހިނގަން މެދުވެރިވި ވަކި ސަބަބެއް ހާމަކޮށްފައި ނުވެއެވެ.

މީގެ އިތުރުން، އެ ދެމަފިރިންގެ ޖަނާޒާ މި މަހު 29 ގައި އިނގިރޭސިވިލާތުގައި ބާއްވަން ނިންމާފައިވާ ކަމަށް އެ ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ. އަދި އެ ދެމަފިރިންގެ ދަރިއަކު ނުހުންނަ ކަމަށާއި އެމީހުންގެ ވާރުތަވެރިޔަކަށް ހުރީ ބޮޑުުބޭބެ/ބޮޑުދައިތަ ކިޔާ ކުއްޖެއް ކަމަށް ވެސް އެ ނޫހުން ރިޕޯޓުކޮށްފައި ވެއެވެ.