މޮޒަމްބީކްގައި ފެންބޮޑުގެ އެތައް ސަތޭކަ ބަޔަކު މަރުވި ހިތާމަވެރި ހާދިސާއަށް 25 އަހަރު ފުރުނު އިރު އެހާދިސާގެ ތެރޭގައި އުފަންވި، މިރަކަލް ބޭބީ މަރުވެއްޖެއެވެ.
ރޮސިޓާ ސެލްވަޑޯ މުބައަންގޯގެ ނަމުން ނަންދިން އެ ކުއްޖާ އުފަންވީ، ފެންބޮޑުވެ ލިމްޕޯޕޯ ކޯރު ފުރިގެން ބަންޑުންވެގެން ގޮސް، ވަށައިގެން ހުރި އަވަށްތައް ފެނުގެ އަޑިއަށް ގޮސްފައި ވަނިކޮށް އޭނާގެ މަންމަ ސަލާމަތް ވުމަށް ގަހަކަށް އަރާ އިންދާ، އެ ގަހުގެ މަތީގައެވެ.
މީގެ 25 އަހަރު ކުރީގެ އެ ހާދިސާގެ ފޮޓޯތަކާއި ވީޑިއޯތައް ރެކޯޑް ކުރެވިފައި ވާއިރު، އެ މަންޒަރުތަކުން ފެންނަނީ، ރޮސިޓާގެ މަންމަ ކެރޮލީނާ ސިސީލިއާ ޗިރިންދްޒާ ގަހެއްގެ އެންމެ މައްޗަށް އަރާ އިންދައެވެ. އޭރު އޭނާގެ ބަނޑުގައި ވޭންވަރު އަޅަމުން ދިޔަ ކަމަށާއި، ވިހެއީ އެތާނގައި އިންދާ ކަމަށް އޭނާއާ ހަވާލާދީ ރިޕޯޓުތަކުގައި ވެއެވެ. އަދި އޭރު އޭނާ ގަހުގެ ކުރީގައި އިންދާ ސަލާމަތް ކުރުމަށް ރެސްކިއު ވޯކަރުން ހެލިކޮޕްޓަރުގައި ގާތްވެ އޭނާ ނަގާއިރު އުނުގައި ތުއްތު ކުއްޖަކު އޮންނަތަން ވެސް ފެނެއެވެ.
ހަބަރުތައް ބުނާގޮތުން އުމުރުން 25 އަހަރުގައި ރޮސީޓާ މަރުވީ، ގިނަ ދުވަސްތަކެއް ވާންދެން ބަލިވެ އުޅުމަށް ފަހުއެވެ.
ރޮސީޓާގެ މަންމަ އާ ހަވާލާދީ ނޫސްތަކުން ބުނެފައި ވަނީ، ކޯރު ފުރި ބަންޑުންވާން ފެށުމާއެކު ފެންގަނޑު ދެމިގެން އައީ އަވަށްތަކުގެ ތެރެއަށް ކަމަށާއި، އެހެންމީހުން ފަދައިން އެމީހުންވެސް އަވަސްވެގަތީ ގަސްތަކާ ދިމާއަށް ކަމަށެވެ. ގަސްތަކަށް އަރައިގެން ސަލާމަތެއް ލިބިދާނެ ކަމަށް އުއްމީދު ކުރެވިގެން އޭރު އެންމެ ހަގަށް ތިބި 2 ދަރިން ބުރަކަށިމައްޗަށް ލައި ބަނދެލައިގެން އާއިލާގެ 12 މީހުންނާއެކު ގަހަށް އަރަން މަސައްކަތް ކުރި ކަމަށެވެ.
ނަމަވެސް ފެންގަނޑު އަންނަލެއް ބާރުކަމުން ދަތި އުނދަގޫތަކާ ކުރިމަތިވި ކަމަށާއި، ދެދަރިން ބުރަކަށިމަތީގައި ބަނދެގެން ބަނޑުގައި އޮތް ދަރިފުޅާއެކު ގަހަށް އެރުންވީ އިންތިހާ ބޮޑު ބުރައަކަށް ކަމަށް ބުނެފައި ވެއެވެ.
ކާނެ އެއްޗެއް ބޯނެ އެއްޗެއް ނެތި ގަހުގައި 4 ދުވަހު ތިބި ކަމަށާއި، ދަރިން ރޮއެ ގިސްލެވިގެން ދިޔަ އިރުވެސް ހަދާނެ އެއްޗެއް ގޮތެއް ނެތި ތިބެން ޖެހުނު ކަމަށް ބުނެފައި ވެއެވެ.
ރޮސިޓާ ވިހެއީ ޖެހިގެން އައި ދުވަހު ކަމަށާއި، ރެސްކިއު ވޯކަރުން (މީހުން ސަލާމަތް ކުރުމަށް ހަރަކާތްތެރިވި އަސްކަރިއްޔާގެ މެންބަރުން) އަށް އާދެވުނީވެސް އެދުވަހުގައި ކަމަށެވެ.
ރޮސިޓާ މަރުވި އިރު، އޭނާ ވަނީ އޭނާ ދިރިއުޅެމުން ދިޔަ ޗިބޫޓޯގެ ސްކޫލުތަކުން ކިޔަވައި ގްރެޖުއޭޓުވެ، މީހަކާ އިނދެ ދަރިއަކުވެސް ލިބިފައެވެ. އެ ދަރިފުޅުގެ އުމުރުން މިހާރު 5 އަހަރުވެއްޖެއެވެ.
