އަންނަ ފެބްރުއަރީ މަހުގެ 15ގެ ނިޔަލަށް ބަންގްލަދޭޝް އޮން އެރައިވަލް ވިސާ ދޫކުރުން ހުއްޓާލާތީ، އެ ގައުމަށް ދަތުރުކުރާ ދިވެހިން ދަތުރުކުރުމުގެ ކުރިން ބަންގްލަދޭޝް ހައި ކޮމިޝަނުން ވިސާ ނެގުމަށް ފޮރިން މިނިސްޓްރީން އިލްތިމާސް ކޮށްފިއެވެ.
އެ މިނިސްޓްރީން މިހެން ބުނެފައި ވަނީ، އަންނަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ އެގައުމުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން އެ ގައުމުގެ ސަރުކާރުން ނިންމި ނިންމުމާ ގުޅިގެންނެވެ. އެގޮތުން މި މަހުގެ 15 އިން ފެށިގެން އަންނަ މަހުގެ 15 ގެ ނިޔަލަށް އެ ގައުމަށް ދަތުރުކުރާ އެންމެހައި ފަރާތްތަކަށް އޮން އެރައިވަލް ވިސާ ދޫކުރުން ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.
އެ ގައުމުގެ ސަރުކާރުގެ މި ނިންމުމާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ، އެ މުއްދަތުގެ ތެރޭގައި ބަންގްލަދޭޝް އަށް ދަތުރުކުރަން ގަސްދުކުރާ ދިވެހިން ދަތުރުގެ ކުރިން ދިވެހިރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނުން ބޭނުންވާ ވިސާ ނެގުމަށް އިލްތިމާސްކުރާ ކަމަށެވެ.
ބަންގްލަދޭޝްގެ އޮން-އެރައިވަލް ވިސާއާ ގުޅޭ އިތުރު ތަފުސީލް މި ލިންކުން ލިބޭނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.
ދިވެހިރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަންގެ އެޑްރެހަކީ ހުޅުމާލެ، ޕްލޮޓް 10982، ނިރޮޅުމަގު 16 އެވެ. ބަންގްލަދޭޝް ހައިކޮމިޝަނަށް ގުޅަން ބޭނުން ނަމަ މި ނަންބަރުން ގުޅޭނެެ ކަމަށާއި އީމެއިލުން މި ލިންކުގައިވާ އީމެއިލް އިން މެއިލް ކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
