އީރާނުގެ ދާހިލީ ކަންކަމަށް ބޭރުގެ ނުފޫޒު އޮތުމާ ދެކޮޅު ހައްދަވާކަމަށާއި ނަމަވެސް ޒުވާނުންގެ އަޑުއުފުލުމަށް ތާއީދުކުރައްވާ ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ އީރާނުގެ ދާހިލީ ކަންކަމުގެ ތެރެއަށް އެމެރިކާއިން އަތްބޭނުމާ ދެކޮޅު ކަމަށާއި، ނަމަވެސް އަމިއްލަ ހައްގުތަކަށްޓަކައި މަގުމައްޗަށް ނުކުމެ އަޑުއުފުލަމުންދާ ޒުވާނުންނަށް ތާއީދުކޮށް ހިތްވަރުދޭންޖެހޭ ކަމަށެވެ.

އިގުތިސޯދީ ހީނަރުކަމާއި ތަކެތީގެ އަގުބޮޑުވުމުގެ މައްސަލައިގައި އީރާނުގައި މިހާރު މުޒާހަރާ ކުރަމުންދާއިރު، މި މުޒާހަރާތައް ހޫނުވެ އެތަންމިތާނގައި މުޒާހަރާގެ ބައިވެރިން ދަނީ އަލިފާންވެސް ރޯކުރަމުންނެވެ.

މިކަމާ ގުޅިގެން ނަޝީދު ވިދާޅުވީ މިއީ ދިވެހިރާއްޖޭގެ މާޒީގައި ކަން ހިނގާފައިވާ ގޮތް ހަނދާންކޮށްދޭ ކަމެއްކަމަށާއި އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރާ ދެކޮޅަށް އިސްލާހަށް މަސައްކަތްކުރި މީހުން ނުކުތުމުން، އެއީ ކްރިސްޓިއަން މިޝަނަރީންގެ މަދަދުލިބިގެން ކުރާ ކަމެއް ކަމަށް އޭރު ސިފަކުރެވުނު ކަމަށެވެ. ނަމަވެސް، އެ ފަރާތްތަކަށް ލިބުނު އަނިޔާއާއި ކުރިމަތިލާންޖެހުނު ތަޖުރިބާތަކަކީ އެންމެން ދަންނަ ހަގީގަތެއް ކަމަށްވެސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ. އިތުރަށް ނަޝީދު ވަނީ ހައްގުތައް ހޯދުމަށް މަސައްކަތްކުރާ އީރާނުގެ ޒުވާނުންނާއެކު ތިބުމަށް ގޮވާލައްވާފައެވެ.

ފާހަގަކުރެވޭ ގޮތުގައި އީރާނުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އީރާނަށް އަޅަން ނިންމާ ފިޔަވަޅުތަކުގެ ތެރޭގައި އީރާނާއެކު ވިޔަފާރި ކުރާ ގައުމުތަކުގެ މުދަލުން 25 ޕަސެންޓް ޑިއުޓީ ނަގާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ އިއުލާން ކުރައްވާފައެވެ.

އީރާނުގެ ހަމަނުޖެހުންތަކުގައި މިހާތަނަށް 600 މީހަކު މަރުވެފައި ވާކަމަށް ރިޕޯޓުތަކުން ބުނާއިރު, އީރާނުން ބުނެފައި ވަނީ, އެމެރިކާއިން 'ހަނގުރާމަ' ބޭނުން ނަމަ އެކަމަށް ތައްޔާރު ކަމަށެވެ. ހަމަ އެއާއެކު ވޮޝިންޓަނާއެކު ވާހަކަ ދައްކަން ތައްޔާރު ކަމަށް ވެސް އީރާނުން ވަނީ ބުނެފައެވެ.

އެމެރިކާގެ ސީބީއެސް ނިއުސް އިން އެގައުމުގެ އޮފިޝަލުންނާ ހަވާލާދީ ބުނެފައި ވަނީ, އެމެރިކާއިން ވިސްނަމުން ދަނީ ވައިގެ މަގުން ދޭ ހަމަލާތަކުގެ އިތުރުން އީރާނުގެ ކޮމާންޑް ސެންޓަރުތައް ހަލާކުކޮށްލައި މުވާސަލާތީ ގުޅުންތައް އެއްކޮށް ކަނޑާލުމަށް ކަމަށެވެ.

އެމެރިކާއަށް ފާޑުވިދާޅުވަމުން އީރާނުގެ ރޫހީ ލީޑަރު އާޔަތުالله އަލީ ހާމަނާއީ ވިދާޅުވީ, އެމެރިކާއިން އަހަނީ އަދި ބަލަނީ ޣައްދާރުންގެ އަމަލުތައް ކަމަށާއި އީރާނު ސަރުކާރަށް ތާއީދު ކުރާ އެތައްހާސް ބަޔަކު އިއްޔެ މަގުތަކަށް ނުކުމެފައި ވާ ކަމީވެސް ހަގީގަތެއް ކަމަށެވެ.