މާލޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީންތަކެއް އަނެއްކާވެސް އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން ބުނީ، ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓާއި ޓާސްކްފޯސް ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން، އިއްޔެ މާލޭގެ 4 ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ.
އަދި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނޮގޮސްފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދިނެވެ.
މީގެ އިތުރުން ވެސް ޓާސްކްފޯސްއިން އިއްޔެ ވަނީ މާލޭގެ ގުލާބީ މަގުގައި ހުންނަ އެކަމަޑޭޝަން ބްލޮކެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިއަ 03 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އިމިގްރޭޝަނުން ދަނީ ސްޕާ އަދި ސެލޫން ފަދަ ތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް ހާއްސަކޮށްވެސް އޮޕަރޭޝަނެއް ހިންގަމުންނެވެ. އަދި ގަވާއިދާ ހިލާފަށް އެފަދަ ތަންތަން ހިންގާނަމަ ބިދޭސީން ހައްޔަރުކޮށް އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް އިމިގްރޭޝަނުން ދަނީ ކުރަމުންނެވެ.
ބިދޭސީންގެ މައްސަލައަކީ ގިނަދުވަސްވެފައިވާ މައްސަލައެއް ނަމަވެސް، އެކަމަށް ހައްލެއް ހޯދުމަށް މީގެ ކުރިން މާ ބޮޑެތި މަސައްކަތްތަކެއް ކޮށްފައި ނުވާ ނަމަވެސް މި ސަރުކާރުން މިހާތަނަށް، ބިދޭސީންގެ ތެރެއިން 178،982 މީހެއްގެ މައުލޫމާތު ހޯދައި، ގަވާއިދާ ހިލާފަށް އުޅޭ މީހުންގެ ތެރެއިން ގިނަބަޔަކު ދެނެގަނެ، އެފަދަ 8000 އަށް ވުރެ ގިނަ މީހުން ވަނީ ޑީޕޯޓުކޮށްފައެވެ.
