ފިލްމީތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) އަށް ލޯކަލް ކައުންސިލް އިންތިހާބަށް ވާދަކުރަން ޕީއެންސީގެ ޓިކެޓް ގެއްލިއްޖެއެވެ.
ޕީއެންސީން މިދިޔަ މަހުގެ 27 ގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީގައި މައްސަލަ ބޮޑުވި މައްޗަންގޮޅި އުތުރު ދާއިރާގެ ފޮށީގެ ނަތީޖާ މިއަދު މި ވަނީ އިއުލާންކޮށްފައެވެ. އެ ނަތީޖާ ދައްކާ ގޮތުގައި ޔޫއްޕެއަށް ޕްރައިމަރީގެ ޓިކެޓް ގެއްލިފައި ވަނީ އެންމެ ވޯޓެއްގެ ތަފާތުންނެވެ.
ޕީއެންސީ ޕްރައިމަރީގައި މައްޗަންގޮޅި އުތުރު ދާއިރާއަށް ހަތަރު ކެންޑިޑޭޓުން ވަނީ ވާދަ ކޮށްފައެވެ. އެއީ ޔޫއްޕެގެ އިތުރުން އާދަމް އަދީމް އާއި އިމްތިޔާޒް މުހައްމަދު އަދި ހުސައިން އިސްހާގެވެ. އެ ޕްރައިމަރީ އަދީމް ކާމިޔާބު ކޮށްފައި ވަނީ 58 ވޯޓުންނެވެ. އަދި ޔޫއްޕެއަށް ލިބިފައިވަނީ 57 ވޯޓެވެ. އިސްހާގަށް 25 ވޯޓު ލިބުނު އިރު، އިމްތިޔާޒަށް ލިބުނީ 20 ވޯޓެވެ.
ޕީއެންސީގެ ޕްރައިމަރީގެ ތެރެއިން މައްސަލަ ހޫނު ވެ މައްޗަންގޮޅި އުތުރު ދާއިރާގެ ވޯޓު ފޮށި އެދުވަހު ގުނުން ހުއްޓާލާފައި ވަނީ އެ މަރުކަޒުގައި ހިނގި ހަމަނުޖެހުމާ ގުޅިގެންނެވެ. އެގޮތުން ޕީއެންސީ ޕްރައިމަރީގެ ނަތީޖާ އިއުލާން ކުރި އިރު އެ ފޮށީގެ ނަތީޖާ އިއުލާންކޮށްފައެއް ނުވެއެވެ.
ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ޕީއެންސީގެ ޓިކެޓަށް ވާދަކުރަން ޔޫއްޕެ ނިންމި އިރު އޭނާ ޕީއެންސީއަށް ގުޅުނީ މިދިޔަ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު ޕީއެންސީން ބޭއްވި ޖަލްސާއެއްގައެވެ.
