ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެންޑިޑޭޓުން ހޮވުމަށް ޕީޕީއެމް/ޕީއެންސީ މިއަދު ބޭއްވި ޕްރައިމަރީގައި ވަގުތީ ނަތީޖާ ދައްކާ ގޮތުން ކުރީގެ މަޖިލީހުގެ ގިނަ މެންބަރުން އެ ކޯލިޝަންގެ ޓިކެޓް ކަށަވަރު ކުރައްވައިފިއެވެ.

ނަތީޖާ ކަށަވަރު ކުރެއްވި މެންބަރުންގެ ތެރޭގައި ވިލިމާލެ ދާއިރާގެ ޓިކެޓް ކަށަވަރު ކުރެއްވި ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ހިމެނެއެވެ. ހަމައެއާއެކު 18 ވަނަ މަޖިލީހުގައި އިނގުރައިދޫ ދާއިރާގެ މެންބަރުކަން ކުރެއްވި އިބްރާހިމް ފަލާހް ވެސް ވަނީ އެ ދާއިރާގެ ޓިކެޓް ކާމިޔާބު ކުރައްވާފައެވެ.

މީގެ އިތުރުން ދިއްގަރު ދާއިރާގެ ގޮނޑި އެ ދާއިރާގެ ކުރީގެ މެންބަރު އަދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ ކަށަވަރު ކުރައްވާފައެވެ. އަދި ދިއްދޫ ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ ޓިކެޓް ވަނީ އެ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ހޯއްދަވާފައެވެ.

ޕީއެންސީ ޕްރައިމަރީން ކާމިޔާބު ހޯއްދެވި ކުރީގެ މަޖިލިސް ބައެއް މެންބަރުން:

  • މާފަންނު ދެކުނު ދާއިރާ: އަބްދުﷲ ރިފާއު (ބޮޗޭ)
  • މާފަންނު މެދު ދާއިރާ: އަސްމާ ރަޝީދު
  • ތިނަދޫ އުތުރު ދާއިރާ: ސައުދުﷲ ހިލްމީ
  • މިލަންދޫ ދާއިރާ: ހަސަން މުފީދު
  • ތުލުސްދޫ ދާއިރާ: އިބްރާހިމް ނަސީމް

މެންބަރުންގެ އިތުރުން ކައުންސިލް މެންބަރުންގެ ގޮތުގައި ތިބި ގިނަ ބަޔަކުވެސް ވަނީ ޕީއެންސީގެ ޓިކެޓް ކާމިޔާބު ކޮށްފައެވެ. އެ ގޮތުން ހެންވޭރު އުތުރު ދާއިރާގެ ޓިކެޓް ކާމިޔާބު ކުރީ މާލެ ސިޓީ ކައުންސިލްގެ މެންބަރު އަހުމަދު އައިފަން އެވެ. ކުޅުދުއްފުށީ އުތުރު ދާއިރާގެ ޓިކެޓް ކަށަވަރު ކުރީ އެ ސިޓީގެ ކައުންސިލްގެ މެންބަރު މުހައްމަދު ދާއޫދެވެ. އަދި ހުރާ ދާއިރާގެ ޓިކެޓް ކަށަވަރު ކުރީ ކ. އަތޮޅު ކައުންސިލްގެ ކުރީގެ ނައިބު ރައީސް އަބްދުﷲ ވާރިސް އެވެ.

މީގެ އިތުރުން މާފުށީ ދާއިރާ އިން އެންމެ ފަހުން ބޭއްވި ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި އެ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރިޒާގެ ކޮއްކޮ ހުސެއިން ރިޒާ ވެސް ވަނީ ޕީއެންސީގެ ޓިކެޓް ކާމިޔާބު ކުރައްވާފައެވެ.

ޕީއެންސީ ކޯލިޝަންގެ ޕްރައިމަރީގެ 73 ދާއިރާއެއްގެ ވޯޓުލުން މިއަދު ކުރިއަށް ގެންގޮސް ނިންމާލާފައިވާ އިރު، އެކި ދާއިރާތަކުން 283 ކެންޑިޑޭޓުން ވަނީ ވާދަކޮށްފައެވެ. މި ޕްރައިމަރީގައި ޖުމްލަ 296 މީހުން ޝައުގުވެރިކަން ފާޅުކުރި އިރު، 13 މީހަކު ވަނީ ޕްރައިމަރީއާ ނުލައި ޕީއެންސީގެ ޓީކެޓް ކަށާވަރުވެފައެވެ. އެއީ އެ ދާއިރާތަކުން އިތުރު މީހަކު ކުރިމަތި ނުލާ އޮތުމުންނެވެ.

މި އިންތިހާބުގައި 71،597 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައި ވެއެވެ.