ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ބައެއް ވޯޓު ފޮށިތައް ބަންދުކުރި އިރު ބައެއް ފޮށިތަކުގެ ދޮށުގައި އަދިވެސް ކިއު ވަރަށް ދިގު ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.

ޕީއެންސީ ކޯލިޝަންގެ ޕްރައިމަރީގެ 73 ދާއިރާއެއްގެ ވޯޓުލުން މިއަދު ކުރިއަށްދާ އިރު އެކި ދާއިރާތަކުން 283 ކެންޑިޑޭޓުން ވާދަކުރެއެވެ. މިއަދު ވޯޓުލުން ހެނދުނު 10:00 ގައި ފަށާފައިވާ އިރު އަދި ވޯޓު ފޮށިތައް ބަންދުކުރަން ހަމަޖެހިފައި ވަނީ ހަވީރު 5:00 އަށެވެ. އެ ވަގުތާ ހަމައަށް އައި އިރު ގިނަ ވޯޓު ފޮށިތައް ބަންދުކޮށްފައި ވީ ނަމަވެސް ހަވީރު ބައެއް ވޯޓު ފޮށިތަކަށް ވޯޓު ލާން ދިޔަ މީހުން ގިނަ ވުމުގެ ސަބަބުން އެ ވޯޓު ފޮށިތައް އަދި ބަންދު ނުކޮށް ވޯޓު ލުން ދަނީ ކުރިއަށެވެ.

މި ޕްރައިމަރީގައި ވޯޓު ލާން ގިނަ މީހުން ގޮސްފައި ވަނީ އަސުރުގެ ފަހުން ކަން ފާހަގަ ކުރެވެއެވެ. އެ ޮތުން ވޯޓު ލާ މަރުކަޒުތަކުގެ ތެރެއިން ހާއްސަކޮށް މާލެ ސަރަހައްދުގައި ވޯޓު ލާން ހަވީރު ދިޔަ މީހުން ގިނައެވެ.

މި ޕްރައިމަރީގައި ވޯޓު ލުން ކުރިއަށް ދިޔައިރު ހެންވޭރުގެ ދާއިރާތަކުގެ ބައެއް ވޯޓު ފޮށިތަކުގައި މައްސަލަތަކެއް ވަނީ ދިމާވެފައެވެ. އެގޮތުން ކަލާފާނު ސްކޫލްގައި ބަހައްޓާފައި ހުރި ހެންވޭރު ދެކުނު އަދި ހެންވޭރު މެދު ދާއިރާގެ ވޯޓުލާ މަރުކަޒުގައި މީހުން އެއްވެ، ހަމަނުޖެހުން ހިންގާފައި ވެއެވެ. މި ހަމަނުޖެހުމުގެ ތެރެއިން ވޯޓުލާން ބަހައްޓާފައިހުރި ފޮއްޓެއް އެއްލާލާފައިވާ އިރު، އެ މަރުކަޒުގެ ހަމަނުޖެހުން ބޮޑުވުމުން ފުލުހުން ވަނީ ހަމަނުޖެހުން ކޮންޓްރޯލް ކުރަން މަސައްކަތް ކޮށްފައެވެ.

މި އިންތިހާބުގައި 71،597 މީހުންނަށް ވޯޓު ލެވޭނެ ކަމަށް ޕީއެންސީން ބުނާ އިރު، މި ޕްރައިމަރީގައި ގިނަ ބަޔަކު ވޯޓު ލާނެ ކަމަށް ބެލެވެއެވެ.