އީރާނުގެ ރައްޔިތުންގެ ހައްގުގައި މުޅި އިސްލާމީ އުންމަތާއި ބައިނަލްއަގުވާމީ މުޖުތަމައުތަކުން ތެދުވަން ޖެހޭކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިގުތިސޯދީ ހީނަރުކަމާއި ތަކެތީގެ އަގުބޮޑުވުމުގެ މައްސަލައިގައި އީރާނުގައި މިހާރު މުޒާހަރާ ކުރަމުންދާއިރު، މި މުޒާހަރާތައް ހޫނުވެ އެތަންމިތާނގައި މުޒާހަރާގެ ބައިވެރިން ދަނީ އަލިފާންވެސް ރޯކުރަމުންނެވެ.

މި ހަމަނުޖެހުންތަކުގައި މިހާތަނަށް 50 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު، ޒަހަމްވެފައި ވާ މީހުންނާއެކު އީރާނުގެ ވެރިރަށާއި އެހެން ބައެއް ސިޓީތަކުގެ ބައެއް ހޮސްޕިޓަލްތައް ފުރިފައިވާ ކަމަށް ހުޅަނގުގެ މީޑިއާ ރިޕޯޓުތައް ވެސް ބުނެއެވެ. ޒަހަމްވި މީހުންގެ ސީދާ ޖުމްލަ އަދަދުތައް އަދި ސާފުވެފައި ނުވި ނަމަވެސް، ވެރިރަށް ތެހެރާނާއި އެހެން ބައެއް ސިޓީތަކުގައި ހަމަނުޖެހުން ހިންގާ އާންމު ބައެއް ތަންތަނާއި ސަރުކާރުގެ ބައެއް އިމާރާތްތަކުގައި ވަނީ އަލިފާން ރޯކޮށްލާފައެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ އީރާނުގެ ރައްޔިތުން މަގުތަކަށް ނުކުމެ އަޑުއުފުލަމުންދަނީ އިންސާނީ ކަރާމާތް ހޯދުމަށާއި، ދިރިއުޅުމުގެ އަގުބޮޑުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ދަތިތަކުން ސަލާމަތްވުމަށް ކަމަށެވެ. އިތުރަށް ނަޝީދު ވިދާޅުވީ އީރާނުގެ ރައްޔިތުން މަސައްކަތް ކުރަމުން ދަނީ އެތައް އަހަރެއް ވަންދެން ތަހައްމަލުކުރަން ޖެހިފައިވާ އަނިޔާވެރިކަމާއި ފިއްތުންތަކުން މިންޖުވުމަށް ކަމަށެވެ.

އެއީ މުސްލިމް އަހުންނާއި އުހުތުންކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ މުސްލިމުންނާއި ބައިނަލްއަގުވާމީ މުޖުތަމައުން މަސައްކަތްކުރަންވީ އެ ރައްޔިތުންގެ ހައްގުގައި ކަމަށެވެ. އަދި އެ ގައުމުގެ ވެރިކަން ދިފާއުކުރުމުގެ ބަދަލުގައި ރައްޔިތުންނާ އެކު ސާބިތުވެ ތިބުމަށް ނަޝީދު ވަނީ ގޮވާލައްވާފައެވެ.

ފާހަގަކުރެވޭ ގޮތުގައި އީރާނު ސަރުކާރުގެ ބައެއް ނޫސް އެޖެންސީތަކުން ބުނާގޮތުގައި ހަމަނެޖެހުން ހިންގުމަށް މަގުތަކަށް ނިކުމެ އުޅޭ މީހުންގެ އަތުގައި ލަޓިބުރިއާއި އެނޫންވެސް ހަތިޔާރު ގެންގުޅެއެވެ. އެގޮތުން ތެހެރާނާ ކައިރި ބައެއް ސިޓީތަކުން ހައްޔަރު ކުރި މީހުންނާއެކު ހަތިޔާރުވެސް އަތުލާފައި ވާކަމަށް ބުނެއެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ ވިދާޅުވީ، ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ އަމިއްލަ ވަޒަނުގައި ހުރި އަމިއްލަ މުދަލާއި ވަސީލަތަށް ގެއްލުން ދެނީ ކަމަށާއި އެބަޔަކު އެކަން އެ ކުރަނީ އެމެރިކާގެ ރައީސް ރުއްސަން ކަމަށެވެ. އެއާއެކު ހާމަނާއީ ވަނީ، ގައުމަށްޓަކައި ޒުވާނުން އެކަތިގަނޑަކަށް ވެ ދުޝްމަނުން ބަލިކުރުމަށް ތައްޔާރުވުމަށް ގޮވާލައްވާފައެވެ.