ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 5، ގައި ބާއްވަން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނިންމަވައިފި އެވެ.
މަޖިލީހުގެ އިދާރާއިން ބުނީ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަަތަމަ ޖަލްސާ އޮންނާނީ ފެބްރުއަރީ 5، ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 ޖަހާއިރު ކަމަށެވެ. މި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވުން އޮންނައިރު މިއީ އެމަނިކުފާނުގެ ތިންވަނަ ރިޔާސީ ބަޔާނެވެ.
މަޖިލިސް މިހާރު އޮތީ ޗުއްޓީގައެވެ. ޗުއްޓީގައި އޮތް ކަމުގައި ވިޔަސް، މަޖިލީހުގެ ދެ ޖަލްސާއެއް ދައުރުން ބޭރުން ބާއްވާފައިވާއިރު އިތުރު ޖަލްސާތަކެއް ދައުރުން ބޭރުގައި ބާއްވާނެ ކަމަށް ލަފާ ކުރެވެއެވެ.
އެ ޖަލްސާތަކުގައި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅާފައިވާއިރު އެ އިސްލާހުގެ މަސައްކަތް މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ނިންމަން އަމާޒު ހިފާފައި ވެއެވެ.
މަޖިލީހުގެ ދައުރު އަހަރެއްގައި ތިން ބަޔަކަށް ބެހޭއިރު، ފުރަތަމަ ދައުރު އޮންނާނީ ފެބްރުއަރީ 1، އިން މެއި 15، ގެ ނިޔަލަށެވެ. ދެވަނަ ދައުރު ޖޫން 1، އިން އޮގަސްޓް 15، ގެ ނިޔަލަށް ބާއްވަން ޖެހޭއިރު، ތިންވަނަ ދައުރު އޮކްޓޯބަރު 1، އިން ނޮވެމްބަރު މަހުގެ ނިޔަލަށް ބާއްވަން ޖެހެ އެވެ.
