މި ރޯދަ މަހު 'ދަ ޕްރެސް' އިން ކިޔުންތެރިންނަށް މި ދޫކޮށްލަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންމެހެން ވެސް ދަތުރުކޮށްލަން ރަނގަޅު ގައުމުތަކާ، އެ ގައުމުތަކުގައިވާ ހާއްސަ ތަންތަނެވެ. ބަލާލާ ހިތްވާ ފަދަ ތާރީހީ ބިނާތަކާ، ވާދީތަކާ، އަޖައިބުން ފުރިގެންވާ އެތައް ޝައުގުވެރި ވާހަކަތަކެވެ.
މި ލިޔުމުގައި ކިޔުންތެރިންނަށް ގެނެސްދޭން މިއުޅޭ ގައުމަކީ މިހާރު ދިވެހީންގެ ތެރޭގައި އާ ގައުމަކަށް ނުވާނެއެވެ. އެގޮތުން އެ ބައެއްގެ ބައެއް ރަހަތަކާއި އާދަކާދަތައް ދިވެހީންގެ ތެރޭގައި ވެސް އެކުލެވޭ އިރުމަތީ އޭޝިއާގެ ގައުމެއް ކަމަށްވާ ސައުތް ކޮރެއާ (ދެކުނު ކޮރެއާ) އެވެ. އުތުރު ކޮރެއާ ދެމެދު އޮންނަ ބޯޑަރު ހިއްސާ ކުރާ މި ގައުމަކީ ޗެރީ ގަސްތަކާއި، އެތައް ސަތޭކަ އަހަރެއް ވެފައިވާ ފައްޅިތަކާއި، ފަރުބަދަމަތީ އަވަށްތަކާއި، ކަނޑުގެ އައްސޭރިފަށުގެ މަސްވެރި ވިލެޖްތަކާއި، ކުދި ކުދި ރަށްތަކާއި، ވެރިރަށް ސޯލް ފަދަ ޒަމާނީ ސިޓީތަކުން މަޝްހޫރުކަން ހޯދާފައިވާ ސައުތް ކޮރެއާއަކީ ތަފާތު އެކި ކާނާގެ ބާވަތުގައި ވެސް ފާހަގަ ކޮށްލެވޭ ގައުމެކެވެ.
51.75 މިލިއަން މީހުން އުޅޭ މި ގައުމުގެ ވެރިކަން ކުރަނީ ސޯލް ސިޓީގައެވެ. ފައިސާގެ ގޮތުގައި އެ ގައުމުގައި ބޭނުން ކުރަމުންދަނީ 'ސައުތް ކޮރެއަން ވޮން' އެވެ. ކޭ ޕޮޕްގެ އެތައް ބޭންޑު ތަކަކާއި 'ކޭ-ޑްރާމާ' އުފައްދާ މި ގައުމަކީ ބައެއް ދިވެހީންނަށް ހާއްސަކޮށް ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލު ގައުމެކެވެ.
ރާއްޖެއިން ސައުތް ކޮރެއާއަށް ދިއުމަށް ޑައިރެކްޓް ފްލައިޓެއް ނޯވެއެވެ. އެހެންކަމުން އެ ގައުމަށް ދަތުރު ކުރާނަމަ އިތުރު އެހެން ގައުމެއްގައި ލޭއޯވާ ކުރުމަށްފަހު ދެވޭނެއެވެ. އެހެންކަމުން ކުރަން އޮތް ދަތުރު ދުރުވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ޓިކެޓު އަގު 500-800 ޑޮލަރާއި ދެމެދު އުޅޭއިރު މާލެއިން އެ ގައުމަށް ދަތުރު ކުރާ 6 އެއާލައިން އޮވެއެވެ. އޭގެ ތެރޭގައި ސިންގަޕޯ އެއާލައިންސް، ޗައިނާ އީސްޓަން އެއާލައިން، ގަތަރު އެއާވޭސް، އެމިރޭޓްސް، އެތިހާދް އެއާވޭސްގެ އިތުރުން ބަޓިކް އެއާލައިން ހިމެނެއެވެ.
އެހެންކަމުން ސައުތް ކޮރެއާގެ ތަފާތު ސަގާފަތާއި ވައްޓަފާޅީގެ އިތުރުން އެކި ކެއުންތަކުގެ އަޖުމަ ބަލައިލުމަށް ޗުއްޓީގައި ރައްޓެހިންނާއެކު ނުވަތަ އާއިލާއާއެކުވެސް ދަތުރެއް ރާވާލުމަކީ ރަނގަޅު ނިންމުމަކަށްވާނެއެވެ. ދެން މި ގެނެސްދެނީ އެ ގައުމަށް ދިއުމަށްފަހު ޒިޔާރަތް ކޮށްލަން ހިތްގައިމު ތަންތަނާއި ދަތުރު އިތުރަށް ފުރިހަމަ ކުރުމަށް ކޮށްލާނެ ބައެއް ކަންކަމުގެ ތަފްސީލެވެ.
ސޯލް، އާބާދީގެ ގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުން ވެސް ކުރިއަރާފައިވާ ސިޓީއެއް:
ދެކުނު ކޮރެއާގެ ވެރިރަށް ސޯލް އަކީ ޒަމާނީ އުސް އިމާރާތްތަކާއި، ހައިޓެކް ސަބްވޭތަކާއި، ޕޮޕް ކަލްޗާ އެކުލެވިގެންވާ ބޮޑު ސިޓީއެކެވެ. 9.6 މިލިއަންގެ އާބާދީއެއް އޮންނަ ސޯލް އަކީ އޭޝިއާގެ އެންމެ އާބާދީ ބޮޑު ސިޓީ އެވެ. ސެމްސަންގް، އެލްޖީ އަދި ހިޔުންޑައި ފަދަ ބޮޑެތި ކުންފުނިތައް ހިމެނޭ ގޮތަށް 15 ފޯޗޫން ގްލޯބަލް 500 ކުންފުނި ސޯލް ކެޕިޓަލް އޭރިޔާގައި ހުރެ އެވެ.
ސޯލް މި ލަފުޒު އައިސްފައި ވަނީ ސިއްލާގެ ވެރިރަށް ގިޔޮންގްޖޫ އަށް ނިސްބަތްކޮށް ލިޔެފައިވާ "ހަންޖާ ފޯމް" ބަހުންނެވެ. މީގެ އިތުރުން ވެސް މި ސިޓީގައި ޒިޔާރަތް ކޮށްލުން މުހިންމު ތަންތަނުގެ ތެރޭގައި -
- ލޮޓޭ ވޯލްޑް އެކުއޭރިއަމް (ކަނޑުގެ އަޖައިބުތައް ބަލާލަން)
- ނަމްސަން ސޯލް ޓަވަރު
- ހަން ރިވާ
- ގިޔޮންގްބޮގުންގް ޕެލަސް
- މިޔޮންގްޑޮންގް ނައިޓް މާކެޓް
- ސްޓާރފީލްޑް ލައިބްރަރީ
ސިޓީ މާހައުލާ ދުރުވެ ރަށްފުށުގެ ތަޖުރިބާ ކޮށްލަން 'ޖެޖޫ އައިލެންޑް':
ދެކުނު ކޮރެއާގެ އެންމެ ބޮޑު ރަށެއް ކަމަށްވާ ޖެޖޫ އައިލެންޑަކީ ގުދުރަތީ ރީތިކަމާއި، އާދަޔާ ހިލާފު ސަގާފަތާއި ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ސައިޓްތައް ކަމަށްވާ ހަލާސަން މައުންޓަން އަދި ލާވާ ޓިއުބް ފަދަ ތަންތަނަށް މަޝްހޫރުވެފައިވާ ސަރަހައްދެކެވެ. މިއީ އަލިފާން ފަރުބަދަ އާއި ގޮނޑުދޮށްތަކާއި، ޓެންޖަރިންސް އަދި ތަފާތު އެ ގައުމުގެ ކާނާތައް ލިބެން ހުންނަ ތަނެކެވެ.
ޖެޖޫ އައިލެންޑަށް ޒިޔާރަތް ކުރަން އެންމެ ރަނގަޅު ދުވަސްވަރަކީ މާޗު މަހުން ފެށިގެން މޭ މަހުގެ ނިޔަލަށެވެ. މި ދުވަސްތަކުގައި މި ރަށަކީ އެންމެ ރީތި އަދި ހިތްގައިމު މަންޒަރުތައް ބަލާލަން އެންމެ ރަނގަޅު ތަނެކެވެ.
ބުސާން، ބިޔަ ބަނދަރުތަކާއި ހިތްގައިމު އެތައް ބިނާއެއް ބަލައިލުމުގެ ފުރުސަތު ލިބިދޭ:
ދެކުނު ކޮރެއާގެ އެންމެ ބޮޑު ބަނދަރު ސިޓީއެއް ކަމަށްވާ ބުސާން އަކީ ގޮނޑުދޮށްތަކާއި، ފަރުބަދަތަކާއި، ޓެމްޕަލްތަކަށް މަޝްހޫރު ސިޓީއެކެވެ. ދުނިޔޭގެ ހަ ވަނަ އަށް އެންމެ ބޮޑު ބަނދަރު ކަމަށްވާ ބުސާން ޕޯޓުން 2020 ވަނަ އަހަރު 21.81 މިލިއަން ޓީއީޔޫގެ ކޮންޓެއިނަރު ކާގޯ ވަނީ ހެންޑްލް ކޮށްފަ އެވެ.
ދެކުނު ކޮރެއާގެ ވެރިރަށް ސޯލުން މި އަވަށަށް ރޭލާއި ބަހުގައި ވެސް ދަތުރު ކުރެވެއެވެ. ހައި ސްޕީޑް ރޭލުގައި 2 ގަޑީރާއި 15 ވަރަކަށް މިނެޓުން ދަތުރު ކުރެވޭއިރު ބަހުގައި 4 ވަރަކަށް ގަޑީރުން ދަތުރު ކުރެވެއެވެ. އަދި މަތިން ދަތުރު ކުރަން ބޭނުންވާ ފަރާތްކަށް އެ ފުރުސަތު ވެސް ވަނީ ފަހިކޮށްދީފައެވެ.
ދެކުނު ކޮރެއާގެ އިހުގެ ކަންކަން ބަލައިލަން، ގިޔޮންގްޖޫ:
ގިޔޮންގްޖޫ އަކީ ދެކުނު ކޮރެއާގެ ދެކުނު ކޮރެއާގެ ތާރީހީ ޝަހަރެކެވެ. އޭގެ ތެރޭގައި ބުލްގުކްސާ ޓެމްޕަލް، ސިއޮގުރަމް ގްރޮޓޯ، ޑޮންގުންގް ޕެލަސް އަދި ވޮލްޖީ ޕޮންޑް އަދި މުޅި ސިޓީގައި ފެތުރިފައިވާ ވިނަ ގަބުރުސްތާނު (ޝާހީ ގަބުރުސްތާން) ހިމެނެ އެވެ.
1995 ވަނަ އަހަރު ގިޔޮންގްޖޫ ސިޓީ އާއި ގުޅުވައި، މިހާރު އެއީ އާބަން ކޮމްޕްލެކްސްއެކެވެ. މިއީ 300،000 މީހުންގެ އާބާދީއެއް އޮންނަ ދެކުނު ކޮރެއާގެ 53 ކުދި އަދި މެދުފަންތީގެ ސިޓީތަކާ އެއްގޮތް ސިޓީއެކެވެ. ގިޔޮންގްޖޫގެ ކުރީޒަމާނުގެ ތާރީހި ގުޅިފައިވަނީ ސިއްލާ ރަސްކަމުގެ ވެރިރަށެވެ.
ޖިރިސަން ނޭޝަނަލް ޕާކު، ގުދުރަތީ ހިތްގައިމު ކަމަށް މިއީ ހަމަ މަރެއް:
ޖިރިސަން ނޭޝަނަލް ޕާކަކީ ދެކުނު ކޮރެއާގެ ޖިއޮލަނަމް-ޑޯގެ ބޯޑަރު ކައިރީގައި އޮންނަ ނޭޝަނަލް ޕާކެކެވެ. 1967 ވަނަ އަހަރު ދެކުނު ކޮރެއާގެ ނެޝަނަލް ޕާކެއްގެ ގޮތުގައި ކަނޑައެޅި ސަރަހައްދު ވެސް މެއެވެ.
މީގެ އިތުރުން މިއީ ބަޔޯޑައިވާސިޓީ ހިމާޔަތް ކުރުމަށް އަމާޒު ހިފާފައިވާ އެންމެ ބޮޑު ނޭޝަނަލް ޕާކެވެ. ދެކުނު ކޮރެއާގެ ތިން ފަރުބަދައިގެ ތެރެއިން އެއް ފަރުބަދަ ކަމަށްވާ ޖިރިސާން އަކީ ހައިކިން އަށް ލޯބި ކުރާ ފަރާތްތަކަށް ރަނގަޅު ތަނަކަށް ވާނެއެވެ. މި އުސް ފަރުބަދައަށް އެރުމަކީ އުނދަގޫ ކަމަކަށްވާއިރު އާންމު ގޮތެއްގައި މިތަނަށް އެރުމަށް 5-6 ގަޑީރު ހޭދަވާކަމަށް ވެއެވެ.
މީގެ އިތުރުން ވެސް ދެކުނު ކޮރެއާގައި ތަޖުރިބާ ކުރުމަށް އެތައް ކަމެއް ހުރިއިރު ރައްޓެހިންނާއެކު ނުވަތަ އާއިލާއާއެކު ވެސް މަޖާ އަދި ހިތްގައިމު ދުވަސްތަކެއް ހޭދަ ކުރުމަށް މިއީ ހަމަ އެއްވަނައިގެ މަންޒިލެކެވެ.
