މި ރޯދަ މަހު 'ދަ ޕްރެސް' އިން ކިޔުންތެރިންނަށް މި ދޫކޮށްލަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންމެހެން ވެސް ދަތުރުކޮށްލަން ރަނގަޅު ގައުމުތަކާ، އެ ގައުމުތަކުގައިވާ ހާއްސަ ތަންތަނެވެ. ބަލާލާ ހިތްވާ ފަދަ ތާރީހީ ބިނާތަކާ، ވާދީތަކާ، އަޖައިބުން ފުރިގެންވާ އެތައް ޝައުގުވެރި ވާހަކަތަކެވެ.

އެގޮތުން މި ލިޔުމުގައި ވެސް މި ގެެނެސްދެނީ މެދުއިރުމަތީގެ ގައުމެއް ކަމަށްވާ ގަތަރަށެވެ. ދުނިޔޭގެ އެންމެ މުއްސަނދި އެއް ގައުމު ކަމަށްވާ ގަތަރުގެ ވެރިރަށަކީ ދޯހާއެވެ. އަދި އެީ އެ ގައުމުގެ ސިޔާސީ، އިގުތިސޯދީ އަދި ސަގާފީ މައި މަރުކަޒެވެ. ދޯހާއަކީ ލަގްޒަރީ ހޮޓާތަކާއި، ޝޮޕިން މޯލްތަކާއި، ދާރުލްއާސާރުތަކާއި، ރީތި ވޯޓާ ފްރަންޓް ސަރަހައްދުތަކަށް މަޝްހޫރުވެފައިވާ ސިޓީއެކެވެ. މި ސިޓީއަކީ ބައިނަލްއަގުވާމީ ގިނަ އިވެންޓްތަކާއި ކޮންފަރެންސްތައް ބާއްވަމުންދާ ސިޓީއެކެވެ.

2.7 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ގަތަރުގެ ރަސްމީ ބަހަކީ އަރަބި ބަހެވެ. އެންމެ ގިނައިން އެ ގައުމުގައި އުޅެނީ މުސްލިމުން ކަމަށްވާއިރު އެ ގައުމުގެ ސަގާފަތާއި ދިރިއުޅުމުގެ ވައްޓަފާޅި ބައްޓަން ކުރުމުގައި އިސްލާމީ ސަގާފަތް މުހިންމު ދައުރެއް އަދާކުރެ އެވެ. އެ ގައުމުގައި ބޭނުން ކުރާ ފައިށ އަކީ ގަތަރު ރިޔާލްއެވެ. އަދި ހަމަ އެހެންމެ އެއީ ތައުލީމީ ދާއިރާ އާއި ކުޅިވަރުގެ ދާއިރާ އާއި ދުނިޔޭގެ މީޑިއާ ދާއިރާ އަށް ވެސް އިންވެސްޓް ކުރާ ގައުމެކެވެ.

ގަތަރުގެ ފަތުރުވެރިކަން ރަމްޒުކޮށްދޭ ފޮޓޯއެއް

މާލެއިން ގަތަރަށް ދަތުރުކުރާ ގިނަ ފްލައިޓްތަކެއް އޮންނައިރު އޭގެތެރޭގައި އެއާ އަރަބިއާ، ސްރީލަންކަން އަދި ގަތަރު އެއާވޭސް ހިމެނެއެވެ. ޓިކެޓުގެ އަގަށް ބަލާނަމަ 480 ޑޮލަރުން ފެށީގެން 1000 ޑޮލަރާއި ހަމައަށް ޓިކެޓު ލިބެން ހުރެއެވެ. ނަމަވެސް އެކި ދުވަސްވަރު ޓިކެޓުގެ އަގަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ. ދެން މި ގެނެސްދެނީ ގަތަރަށް ދިއުމަށްފަހު ޒިޔާރަތް ކޮށްލަން ރަނގަޅު ބައެއް ތަންތަނުގެ މައުލޫމާތެވެ.

ސޫކް ވާގީފް:

ދޯހާގެ ހިތްގައިމު ސަރަހައްދެއްގައި ހުންނަ ސޫކް ވާގިފް އަކީ ގަތަރުގެ އެންމެ މަގުބޫލު އެއް މަންޒިލެވެ. މި ސަގާފީ ބާޒާރު މަޝްހޫރުވެފައި ވަނީ ގަތަރުގެ އާކިޓެކްޗާ އާއި ހިތްގައިމު މާހައުލުގެ ސަބަބުންނެވެ.

މީގެ އިތުރުން ވެސް މި ފިހާރަތަކަށް ޒިޔާރަތް ކުރާ މީހުންނަށް މަސާލާއި މީރުވަސް ދުވާ ތަކެއްޗާއި، އަތްތެރި މަސައްކަތްތަކާއި، ޓެކްސްޓައިލް އަދި ސުވެނިއާ ވިއްކާ ފިހާރަތަކަށް ޒިޔާރަތް ކުރެވޭނެއެވެ. އަދި ހަމަ އެހެންމެ މެދުއިރުމަތީގެ ސަގާފީ ކެއުންތަކުގެ ރަހަ ބަލާލެވޭ ރެސްޓޯރެންޓްތަކާއި ކެފޭތައް އެތަނުގައި އެކުލެވެއެވެ.

ސޫކް ވާގީފް

މިއުޒިއަމް އޮފް އިސްލާމިކް އާޓް:

ދޯހާގައި ހުންނަ މިއުޒިއަމް އޮފް އިސްލާމިކް އާޓް އަކީ ގަތަރުގެ ސަގާފީ އެންމެ މުހިންމު އެއް ތަނެވެ. ދުނިޔޭގެ މަޝްހޫރު އާކިޓެކްޓް އައިއެމްޕެއި ޑިޒައިން ކޮށްފައިވާ މި މިއުޒިއަމްގައި އިސްލާމީ އާޓްގެ ކަލެކްޝަން ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެނިގެންދެއެވެ. އެތަނަށް ޒިޔާރަތް ކުރާ މީހުންނަށް އެތައް ހާސް އަހަރެއް ކުރިން ހުރި އާސާރީ ފަތްކޮޅުތަކާއި، ސެރަމިކްސްއާއި، ފޭރާމާއި، ގަހަނާ ތަކުގެ ތަޖުރިބާ ކޮށްލެވޭނެއެވެ.

މިއުޒިއަމް އޮފް އިސްލާމިކް އާޓް

ދަ ޕާލް-ގަތަރު:

ޕާލް ގަތަރަކީ ދޯހާ ކައިރީގައި އޮންނަ އާޓިފިޝަލް ރަށެކެވެ. އެތަނަކީ ރީތި މެރީނާތަކާއި، ލަގްޒަރީ އެޕާޓްމަންޓްތަކާއި، ހައި އެންޑް ޝޮޕިން ބުޓީކްތަކާއި، ވޯޓާ ފްރަންޓް ރެސްޓޯރެންޓްތަކަށް މަޝްހޫރު ތަނެކެވެ. މެޑިޓެރޭނިއަން އާކިޓެކްޗާ އިން ޝައުގުވެރިވެފައިވާ މި ސަރަހައްދަކީ ފަތުރުވެރިންނާއި އާންމުންނަށް އަރާމުކޮށް، ކެއުމާއި ހިތްގައިމު މަންޒަރުތައް ބަލާލަން މަގުބޫލު ސަރަހައްދެކެވެ.

ދަ ޕާލް-ގަތަރު:

ހުރް އަލް އަދީދު (އިންލޭންޑް ސީ):

ގަތަރުގެ ދެކުނުގައި އޮންނަ ގުދުރަތީ އަޖައިބެއް ކަމަށްވާ "އިންލޭންޑް ސީ" ގެ ނަމުން މަޝްހޫރުވެފައިވާ ހުރް އަލް އަދީދު އަކީ ގުދުރަތީ އަޖައިބެއް ކަމަށް ބެލެވެ އެވެ. މިއީ ޔުނެސްކޯ އިން ގަބޫލުކުރާ ގުދުރަތީ ރިޒާވެކެވެ. ޑެޒާޓް ސަފާރީތަކާއި، ޑައުން ބެޝިންއާއި، ޖަމަލު ސަވާރީ އަދި ކޭމްޕް ކުރުމަށް ޒިޔާރަތްކުރާ މީހުން އާންމުކޮށް އެތަނަށް ދެއެވެ.

ޚުރް އަލް އަދީދު (އިންލޭންޑް ސީ):

ގަތަރަކީ ޒަމާނީ ތަރައްޤީއާއި މުއްސަނދި ސަގާފީ ތަރިކަ އެއްކޮށްލާ ހިތްގައިމު މަންޒިލެކެވެ. ޒަމާނުއްސުރެ އެ ގައުމަކީ މެދުއިރުމަތީގެ އެންމެ މުއްސަނދި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އަދި ހަމަ އެހެންމެ ދުނިޔޭގެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ކުރިއަރަމުން އަންނަ އެ ގައުމަކީ، ތަފާތު ސަގާފަތްތަކުގެ މީހުންނަށް މަރުހަބާ ކިޔައި، އެ ގައުމުގެ ސަގާފަތާއި ޝަހުސިއްޔަތު ދަމަހައްޓައި ފަހުރުވެރިކަމާއެކު ދަމަހައްޓަމުން އަންނަ ގައުމެކެވެ.